26 ޑިސެމްބަރ 2017 - 06:33
ސަލްމާން ޚާންގެ "ދަބަންގް" ފްރެންޗައިސްގެ ތިން ވަނަ ފިލްމުގެ އެއް ބަތަލާއަކަށް ޓީވީ ބަތަލާ މޯނީ ރޯއީ ނަގައިފި އެވެ. ކަލާޒްގެ "ނާގިން" ސިލްސިލާގެ ދެ ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ މޯނީ ބޮލީވުޑަށް ތައާރަފްވަނީ އަކްޝޭ ކުމާރާ އެކު ކުޅޭ "ގޯލްޑް" އިންނެވެ.
"ގޯލްޑް"ގެ ބަތަލާއަކަށް މޯނީގެ ނަން ދިނީ ވެސް ސަލްމާން ކަމަށް ވެއެވެ. އެހެންކަމުން ރީތިކަމާއި ހުނަރުން މޯނީ ސަލްމާންގެ ހިތް އަތުލާފައިވާ ކަމަށް ބެލެވެ އެވެ. އަދި "ދަބަންގް 3" އޭނާއަށް ދޭން ނިންމީ ވެސް ސަލްމާނެވެ.
"ދަބަންގް 3" މިހާރު އިއުލާން ކޮށްފައިވާއިރު މި ފްރެންޗައިސްގެ މިފަހަރު އުފައްދާ ފިލްމު ޑައިރެކްޓްކުރަނީ ޕްރަބޫ ދޭވާ އެވެ.
މިއީ ދެ ބަތަލާއިން އުޅޭ ފިލްމެކެވެ. ފުރަތަމަ ބަތަލާއަކަށް ހަމަޖައްސާފައި ވަނީ "ދަބަންގް" ސިލްސިލާގެ ކުރީ ދެ ފިލްމުގައި ވެސް ބައިވެރިވެފައިވާ ސޮނާކްޝީ ސިންހާ އެވެ. މިހާތަނަށް ހަމަނުޖެހި އޮތީ ދެ ވަނަ ބަތަލާ އެވެ. ނަމަވެސް މިހާރު މޯނީ އަށް ފިލްމު ލިބިފައިވާތީ ފިލްމުގައި ބައިވެރިވާ ތަރިން މިވަނީ ހަމަވެފަ އެވެ.
ތަންކޮޅެއް ކުރިން ޚަބަރު ފެތުރުނު ގޮތުގައި މި ފިލްމުގެ ދެ ވަނަ ބަތަލާއަކީ ސަލްމާންގެ ހަގީގީ ލޯބިވެރިޔާ ކަމަށް ބުނެވޭ ރޫމޭނިޔާގެ ޔޫލިއާ ވަންތޫރެވެ. ޔޫލިއާ މީގެ ކުރިން ބޮލީވުޑް ފިލްމަކަށް ނެށުމުގެ ނަންބަރެއް ފުރިހަމަ ކޮށްދިނެވެ. ނަމަވެސް ދާދި ފަހުން ޔޫލިއާ ބުނީ ބޮލީވުޑް ފިލްމުތައް ކުޅެން އޭނާ އިސްކަންނުދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy