ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް އޭނާގެ އާ ފިލްމު "ބެޓުލް އޮފް ގަލްވާން"ގެ ޓީޒާއެއް އިއްޔެ އާންމުކޮށްފި އެވެ.
ސަލްމާން އަށް 60 އަހަރު ފުރުނީ އިއްޔެ އެވެ. އުފަންދުވަސް ފާހަގަކުރުމަށް އާއިލާއާ އެކު އޭނާ ވަނީ ގޭގައި ޕާޓީއެއް ވެސް ބާއްވައިފަ އެވެ.
ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސްކުރާ "ބެޓުލް އޮފް ގަލްވާން"ގެ މިނެޓަކާއި 12 ސިކުންތުގެ ޓީޒާއިން އެނގޭ ގޮތުގައި، އެ ފިލްމުގައި ސަލްމާން ކުޅެނީ އިންޑިއާގެ ސިފައިންގެ މީހެއް ރޯލެވެ.
އަޕޫރްވާ ލާކިއާ ޑައިރެކްޓުކުރާ "ބެޓުލް އޮފް ގަލްވާން"އަކީ 2020 ވަނަ އަހަރު ގަލްވާން ވެލީގައި އިންޑިއާގެ ސިފައިންނާއި ޗައިނާގެ ސިފައިންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.
އެ ފިލްމުގައި ސަލްމާންއާ އެކު މުހިންމު ރޯލުތައް ކުޅެނީ ޗިތުރަންގުދާ ސިންގް އާއި އަބިލާޝް ޗައުދަރީ އަދި އަންކޫރް ބާޓިއާ އެވެ.
"ބެޓުލް އޮފް ގަލްވާން" ރިލީޒްކުރަނީ އަންނަ އަހަރު އެޕްރީލް 16 ގަ އެވެ.
ސަލްމާންގެ އެންމެފަހުގެ ފިލްމަކީ މި އަހަރު މާޗު މަހު ގެނެސްދިން "ސިކަންދަރު" އެވެ. އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ. ބޮކްސް އޮފީހުގައި ނާކާމިޔާބުވި އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބުނީ 180-190 ކްރޯޑް ރުޕީސް އެވެ. އެ ފިލްމު އުފެއްދީ 200 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.