އިޒްރޭލާއި ފަލަސްތީނާ ދެމެދު، ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ސެޕްޓެމްބަރު 13، 1993 އޯސްލޯގައި ބޭއްވި ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް ޔާސިރު އަރަފާތު (ކ) އާއި އިޒްރޭލުގެ ބޮޑުވަޒީރު އިސްހާގް ރަބީން ސަލާމް ކުރައްވާ އިރު އަރިހުގައި އެމެރިކާގެ ރައީސް ބިލް ކްލިންޓަން.
27 ޑިސެމްބަރ 2017 - 12:28
ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމުކޮށް މެދުއިރުމައްޗަށް އަމާންކަމާއި ހަމަޖެހުން ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ގައުމަކީ އެމެރިކާ އެވެ. އެކަމަށްޓަކައި ފަލަސްތީނުގެ ވެރިންނާއި އިޒްރޭލުގެ ވެރިން ގޮވައިގެން ކިތަންމެ ބައްދަލުުވުމެއް އެމެރިކާ އިން ބާއްވައިފި އެވެ. އެއީ ދުނިޔޭގެ ލޯތަކަށް މަންޒަރު ފެންނަ ގޮތެވެ.
ނަމަވެސް ހަގީގަތުގައި ކަންތައް އޮތީ އެ ގޮތަށް ނޫން ކަން މިހާރު މުޅި ދުނިޔެ ވެސް ދަންނާނެ އެވެ. ވަކިން ޚާއްސަކޮށް، ސުލްހައިގެ ނަމުގައި އެމެރިކާ އިން ހެދީ ދޮގު ކަމާއި ފަލަސްތީނުގެ މިނިވަން ދައުލަތެކޭ ކިޔައިގެން އެމެރިކާ އިން ދުނިޔެ އަށް ދެއްކީ ހުވަފެނެއް ކަން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމަލުތަކާއި ސިޔާސަތުތަކުން، އޮޅުމެއް ނެތް ގޮތުގައި ސާފުވެ އެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމުގެ ބިންގާ އެޅިގެން ދިޔައީ، ނޯވޭގެ އޯސްލޯގައި ފަލަސްތީނާއި އިޒްރޭލާ ދެމެދު ސޮއިކުރި ސުލްހައިގެ މުއާހަދާ އިންނެވެ. މި އެއްބަސްވުމާ ހަމައަށް ދެވުނީ 1991 ވަނަ އަހަރުން ފެށިގެން އިޒްރޭލާއި ފަލަސްތީނާއި އެމެރިކާ އާއި މިސްރާއި އުރްދުންއާ އެކު ސިއްރިޔާތުގައި ބޭއްވި އެތައް މަޝްވަރާ ބައްދަލުވުންތަކަކަށް ފަހު އެވެ.
އެ އެއްބަސްވުމުގެ ނަތީޖާއަކީ، އިޒްރޭލަކީ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ދައުލަތެއް ކަމަށް ފަލަސްތީނު ރައްޔިތުން ގަބޫލުކުރުމެވެ. އަދި ފަލަސްތީނު ރައްޔިތުން ތަމްސީލުކުރާ ގާނޫނީ ހައިސިއްޔަތަކީ ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ކަމަށް އިޒްރޭލުން އިއުތިރާފް ވުމެވެ.
މި އެއްބަސްވުމުގެ އެންމެ ހެއްވާ ކަމަކީ، އިޒްރޭލަކީ މުސްތަގިއްލު ސިޔާދަތީ ދައުލަތެއް ކަމަށް ފަލަސްތީނު ރައްޔިތުން އިއުތިރާފްވާން ޖެހުނު އިރު، ފަލަސްތީނަކީ މުސްތަގިއްލު ސިޔާދަތީ ދައުލަތެއް ކަމަށް އިއުތިރާފް ވާން އިޒްރޭލަށް ނުޖެހުމެވެ.
މެދުއިރުމަތީގެ ސުލްހައާ ބެހޭ ގޮތުން، 2003 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝް އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް (ކ) އާއި އިޒްރޭލުގެ ބޮޑުވަޒީރު އެރިއަލް ޝެރޯން (ވ) ބައްދަލު ކުރައްވަނީ.
އޭރު ސުލްހައިގެ މޭސްތިރިޔާ ކަމުގައިވި އެމެރިކާ އިން ފަލަސްތީނުގެ ވެރިންނަށް ވިސްނައިދިނީ، އޯސްލޯ މުއާހަދާގައި ސޮއިކުރުމަށް ފަހު، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށޭނެ ކަމެވެ. އެ މަޝްވަރާތައް ފެށުމުގެ ބިންގަލަކީ އިޒްރޭލަކީ ސިޔާދަތީ ދައުލަތެއް ކަމަށް އިއުތިރާފް ވުމެވެ.
އެހެންކަމުން، އެމެރިކާ އިން ދެއްކި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ހުވަފެން ރީތިކަމުން، ޕީއެލްއޯގެ އޭރުގެ ލީޑަރު ޔާސިރު އަރަފާތު، އިޒްރޭލުގެ އޭރުގެ ބޮޑުވަޒީރު އިސްހާގް ރަބީންއާ އެކު، އޯސްލޯ މުއާހަދާގައި ސޮއި ކުރެއްވީ އެވެ.
އޯސްލޯ މުއާހަދާގެ ދަށުން، އިޒްރޭލު އަޅުވެތިކޮށްގެން އުޅުނު ބައެއް ބިންތައް ފަލަސްތީނާ ހަވާލު ކުރި އެވެ. އޭގެ ތެރޭގައި ޣައްޒާ އާއި އަރީހާ އަދި ހުޅަނގު އައްސޭރި ހިމެނެ އެވެ. އަދި މިނިވަން ދައުލަތެއް ނުހިމެނޭ ގޮތަށް އެ ބިންތަކުގައި ފަލަސްތީނުގެ ޒާތީ ވެރިކަމެއް ގާއިމުކުރި އެވެ.
ނަމަވެސް އިޒްރޭލު ސިފައިން ދިޔައީ އެ ބިންތަކުގައި ހަރަކާތްތެރި ވަމުންނެވެ. އަދި 2013 ވަނަ އަހަރުގެ ތެރޭގައި ވެސް ހުޅަނގު އައްސޭރީގެ 61 ޕަސެންޓް އޮތީ އިޒްރޭލުގެ ބާރުގެ ދަށުގަ އެވެ. މިހާރު ވެސް ހުޅަނގު އައްސޭރީގެ ބޮޑު ބައެއް އޮތީ އިޒްރޭލުގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ.
ސުލްހައިގެ ނަމުގައި އޭރުން ފެށިގެން އެމެރިކާ ކުރަމުން އައި މަސައްކަތުގެ ހަގީގީ މަގްސަދަކީ ކޮބައިކަން ދުނިޔޭގެ ލޯތަކަށް ފެންނަން މި ފެށީ އަދި ކިރިޔާ އެވެ. އޯސްލޯ މުއާހަދާގައި ސޮއި ކުރުމާ ހަމައިން ފެށިގެން ވެސް އެމެރިކާ އާއި އިޒްރޭލުން މަސައްކަތް ކުރަމުން އައީ، ހަމައެކަނި އިޒްރޭލުގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތުތަކަށް އިޒްރޭލާއި އެމެރިކާ ދިނީ ބީރު ކަންފަތެކެވެ.
މެދުއިރުމަތީގެ ސުލްހައާ ބެހޭ ގޮތުން އެމެރިކާގެ ނިއު ޔޯކްގައި ސެޕްޓެމްބަރު 22، 2009 ގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ (މ) ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ (ވ)އާ އެކު މަޝްވަރާ ކުރައްވަނީ.
އެހެން ނޫން ނަމަ، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށާއި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށް ބަޔާންކޮށްފައިވާ ގާނޫނެއް، އޯސްލޯ މުއާހަދާގައި ސޮއިކުރިތާ އެންމެ ދެ އަހަރުގެ ތެރޭގައި 1995 ވަނަ އަހަރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާހެއް ނުކުރީހެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށީ މި މަހުގެ 6 ވަނަ ދުވަހު އެވެ.
އެމެރިކާގެ އެ ނިންމުން ތަންފީޒު ކުރުމަށް ބާރު އެޅުމުގެ ގޮތުން އިޒްރޭލުގެ ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން މިހާރު އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ޕާޓީ "ދަ ޖުވިޝް ހޯމް" އިން މިހާރު ވަނީ ގުދުސާ ބެހޭ ގޮތުން މަޝްވަރާ ކުރުން ވެސް އިޒްރޭލު ސަރުކާރަށް މަނާކުރާ ބިލެއް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފަ އެވެ. މިއަދު އެ ބިލަށް ވޯޓު ނަގަން އޮތީ ތާވަލު ކޮށްފަ އެވެ.
މި ބިލްގައި ބުނެފައިވާ ގޮތުގައި ގުދުސް ހިމެނޭ ގޮތުން އެއްވެސް ބަޔަކާ އެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރާ ނަމަ، ގާނޫނު ހަދާ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި (80 މެމްބަރުން) ގެ އަޣުލަބިއްޔަތަކުން އެކަމަށް ރުހުން ލިބިގެން ނޫނީ ސޮއި ކުރުން އިޒްރޭލު ސަރުކާރަށް މަނާވާނެ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ގުދުސް އަކީ ވެސް އިޒްރޭލުގެ ބިންތަކެއް ކަމުގައި ކަނޑައެޅުމަށް، އިޒްރޭލުގެ ވެރިކަން ކުރާ ލީކޫޑް ޕާޓީގައި އަންނަ އާދީއްތަ ދުވަހު ވޯޓެއް ނެގުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ޔަހޫދީ ހަރުކަށި ޖަމާއަތްތަކުން ފަލަސްތީނުގެ ބިންތައް ފޭރުމުގެ މަސައްކަތް ފުޅާކޮށްފައިވާ އިރު، އިޒްރޭލާއި އެމެރިކާ އިން ދަނީ ފަރުދާގެ ފުރަގަހުގައި މާ ނުބައި މަސައްކަތްތަކެއް ކުރަމުންނެވެ. ގުދުސްގެ ބަދަލުގައި ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި އެހެން ބިމެއް ގަބޫލުކުރުމަށް އެމެރިކާ އިން ދަނީ ފަލަސްތީނަށް ބާރު އަޅަމުންނެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވި ގޮތުގައި ގުދުސްގެ ބަދަލުގައި ފަލަސްތީނުގެ ވެރިރަށް ކަމުގައި ގަބޫލު ކުރުމަށް އެމެރިކާ އިން ފަލަސްތީނަށް ބާރުއަޅަމުން އަންނަނީ، މަސްޖިދުލް އަގްސާގެ އިރުން އެންމެ ދެ ކިލޯމީޓަރު ދުރުގައި އޮންނަ އަބޫ ދީސް ކިޔާ ސަހަރެވެ.
ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ރަސްމީކޮށް އިއުތިރާފްވި އިރު، ފަލަސްތީނު ސަރުކާރަށް ފިއްތަމުން އައީ އެމެރިކާގެ މި ހުށަހެޅުން ގަބޫލު ކުރުމަށެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް އެމެރިކާ އިން އެއްބަސްވާނީ ވެސް، ގުދުސްގެ ބަދަލުގައި އެހެން ސަހަރެއްގައި ފަލަސްތީނުގެ ވެރިކަން ގާއިމު ކުރުމުން ކަމަށް ވެސް އެމެރިކާ ބުނެ އެވެ.
އެމެރިކާ އިން ހުށަހަޅާފައިވާ ގޮތުގައި ފަލަސްތީނުން އެ ގޮތް ގަބޫލުކޮށްފި ނަމަ، ފަލަސްތީނު މީހުން މިނިވަންކަމާ އެކު މަސްޖިދުލް އަގްސާ އަށް ނަމާދަށް ގޮސް އައިސް އުޅުމަށް އަބޫ ދީސް އިން ގުދުސަށް ޚާއްސަ މަގެއް ހަދައިދޭނެ އެވެ.
އެމެރިކާ އިން ރާވާފައިވަނީ، އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ހެދުމަށް ފަހު، ގުދުސް މައިގަނޑު ތިން ބަޔަކަށް ބަހައިލުމަށެވެ. އޭގެ ތެރެއިން އެއް ބަައިގައި ހިމެނޭނީ ސިޔާސީ އޮފީސްތަކާއި ޑިޕްލޮމެޓިކް މިޝަންތަކެވެ.
ހަނިއްޔާ ވިދާޅުވި ގޮތުގައި ގުދުސާ ބެހޭ ގޮތުން އެމެރިކާ އިން އެންމެ ފަހުން ނިންމި ނިންމުމުގައިވާ ގޮތުން ފަލަސްތީނާއި އުރްދުންގެ ގުޅުމަށް ވެސް ބުރޫ އެރުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ފަލަސްތީނުގެ ބިން ނޫން ބިމެއްގައި ފަލަސްތީނު ރައްޔިތުން ވަޒަންވެރިކުރުމަށް ވާހަކަތަކެއް މިހާރު ވެސް އެމެރިކާ އިން ދައްކަމުން ދާތީ އެވެ. އެ ގޮތުން އެމެރިކާގެ ވިސްނުން ހުރީ އުރްދުންގެ ރައްޔިތުންނާއި ފަލަސްތީނު ރައްޔިތުންގެ (ފަލަސްތީނުގެ ބިން ނުހިމެނޭ ގޮތަށް) ކޮންފެޑެރޭޝަނެއް ގާއިމު ކުރުމަށް ކަމަށް ހަނިއްޔާ ވިދާޅުވި އެވެ.
ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ރަސްމީކޮށް އިއުތިރާފްވެ އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ނިންމެވި ކަމުގެ ގަރާރުގައި، މި މަހުގެ 6 ވަނަ ދުވަހު ސޮއި ކުރެއްވުމަށް ފަހު އެ ގަރާރު ނޫސްވެރިންނަށް ދައްކަވާލައްވަނީ. އޭއެފްޕީ
ފަލަސްތީނު ރައްޔިތުންގެ ފަލަސްތީނުގެ ބިމުން ފައްސައި ބޭރު ކުރުމަކީ އެމެރިކާގެ ދުރުމުސްތަގުބަލުގެ ތަސައްވުރު ކަން ޔަގީންވާ އެންމެ ބޮޑު ދަލީލަކީ، އދ. މަޖިލީހުގެ ފުރިހަމަ މެންބަރެއްގެ މަގާމު ހޯދުމަށް ފަލަސްތީނުން ކުރަން އުޅުނު މަސައްކަތްތައް އެމެރިކާ އިން އެތައް ފަހަރަކު އިންޒާރު ދީ ހުއްޓުވާފައި ވުމެވެ. އދ.ގެ ފުރިހަމަ މެންބަރެއްގެ މަގާމު ފަލަސްތީނަށް ދިނުމަކީ، ފުރިހަމަ މިނިވަން ދައުލަތެއް ކަމަށް ބައިނަލްއަގުވާމީ މުޖްތަމައު ގަބޫލު ކުރުމެވެ.
އެކަމަށް ފަލަސްތީނުން މަސައްކަތް ކުރި ކޮންމެ ފަހަރަކު އެމެރިކާ އިން ބުނަމުން އައީ، އެ ކަމަށް އެދި ހުށަހަޅައިފި ނަމަ. ދެ ފަރާތުގެ ދެމެދު ސުލްހަ ގާއިމުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތުގައި އެމެރިކާ އިން އެހީތެރިވުން ހުއްޓައިލާނެ ކަމަށެވެ.
އެހެންކަމުން ހަމާސް ޖަމާއަތުން ބުނާ ގޮތުގައި ގުދުސްގެ ހައްގުގައި ހުރިހާ މުސްލިމުން ތެދުވަންވީ ވަގުތު މިއޮތީ ޖެހިފަ އެވެ. އެމެރިކާ އާއި އިޒްރޭލުން މެދުއިރުމަތީގައި ގާއިމުކުރަން ބޭނުންވާ ސުލްހަ އަކީ ދުނިޔޭގެ ޗާޓުން ފަލަސްތީނު ފޮހެލައި، ގުދުސް ޔަހޫދީކޮށް މަސްޖިދުލް އަގްސާ ވެސް އަޅުވެތިކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
28 December 2017
މުސްލިމުން މިކަމަތެދުވަން ވެއްޖެ.
ގައުމު
27 December 2017
މިިއީ އިސްލާމީ ގައުމުތަކުގެ ވެރިން ހުޅަނގަށް އަޅުދާސްވުމުގެ ނަަތީޖާ. މުސްލިމުން އިސްލާމީ އުސޫލުތައް ދޫކޮށް، އެހެން ގޮތްްތަކަށް ހިތްކިއުމުގެ ހިތިކަން. މިފެންނަނީ ހަދީޘްފުޅުގެ ތެދުކަން. މުސްލިމުންގެ ބައިގިނަވެ އެހެނަަސް އެއްބައިވަންތަކަމެއް، ފުރިހަމައަށް ދީނަށް ތަބާވުމެއްނެތި އާރެއް ބާރެއްނެތް ބަޔަކަށް ވެފައިވާތަން މިފެންނަނީ.
އަލީ ނަސީރު
27 December 2017
އުސޫލޭ؟ ދެން ހެއްވަން ނޫޅެވަލަ!
އަލީ ނާޒިމް
27 December 2017
ކިހާބޮޑު އުނދަގުލެއް! ކޮންމެވެސް އެއްގޮތަކައް ތިކަން ނިންމަބަލަ. ޢޭރުން އެހެންމީހުންނައް ހަމަ ނިދި ލިބޭނީ!
ޔުނައިޓެޑް އައްޑޫ
27 December 2017
މިފެންނަނީ ފަހުޒާމުނުގެ އަލާމާތްތައް. ވިސްނާ ބަޔަކަށް މިކަންކަމުގައި ފިލާވަޅުތަކެއްވޭ!
އަލީ ނަސީރު
27 December 2017
ވިސްނާބަޔަކަށޭ؟ ތިބުނާކަމެއް ކުރާބަޔަކު އަހަރުމެން ތެރޭގަ އުޅޭތަ؟
މިހާރު އެކުވެރިޔާ
27 December 2017
މެދުއިރުމަތީގެ މައްސަލަތަކަށް ވަކިން ޙާއްޞަކޮށް ފަލަސްތީނުގެ މައްސަލަތައް ތިލަކުރުމަށް މި ފަހަކަށް އައިސް "މިހާރު އޮންލައިން" އިން ސަލާމުކަންދޭކަން ފާހަގަކުރެވެއެވެ.މީގެ ތެރެއިންވެސް އަހުމަދު ޢަބްދުﷲ ސަޢީދުގެ ލިޔުއްވުންތައް ފާހަގަކުރެވެއެވެ.މެދުއިރުމަތީގެ މައްސަލަތައް ދިރާސާކުރައްވާ ބޭފުޅަކު މުސްލިމުންގެ މިފަދަ ޙައްސާސް މައްސަލައަކާއި ގުޅިގެން ދިރާސާކުރައްވައިގެން ލިޔުއްވާތީ ވަރަށް އުފާކުރަމެވެ.މިހާރު ނޫހަށާއި އަހުމަދުއަށް އަދަށްވުރެ ފެހި މާދަމާއަކަށް އެދެމެވެ.