ރޭގަނޑު ޑިއުޓީގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރުމަކީ އަންހެނުންގެ ސިއްހަތަށް ގެއްލުން ލިބޭ ކަމެއް ކަމަށް ދިރާސާތަކުން ދަައްކާ
16 ޖެނުއަރީ 2018 - 06:08
ފަހުގެ ހޯދުމެއް ބުނާ ގޮތުން އެކި ވަޒީފާތަކުގައި ރޭގަނޑު ޑިއުޓީ އަދާކުރާ އަންހެނުންނަށް ކެންސަރުގެ ނުރައްކާ ބޮޑެވެ. މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޒޫލީ މާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކަމަށް ފާހަގަވެފައިވާ އުރަމަތީ ކެންސަރާ ރޭގަނޑު މަސައްކަތުގައި އުޅުމާ ހުރި ގުޅުން މި ދިރާސާގައި ބެލި އެވެ.
ކުރީގެ ހޯދުންތަކަކަށް ރިއާޔަތް ކޮށް ޒޫލީ މާ އާއި އޭނާގެ ޓީމުން ބެލީ ރޭގަނޑު ގިނަ ވަގުތުތަކުގައި ޑިއުޓީ އަދާކުރާ އަންހެނުންނަށް ކެންސަރުގެ އެކި ވައްތަރު ތަކުގެ ނުރައްކާއޮތް މިންވަރެކެވެ.
މި ހޯދުމުން ޖުމްލަކޮށް ދެއްކި ނަތީޖާއަކީ ރޭގަނޑު ޝިފްޓްގައި ގިނަ ދުވަސް ވަންދެން މަސައްކަތްކުރާ އަންހެނުންނަށް ކެންސަރު ޖެހުމުގެ ނުރައްކާ ރޭގަނޑު ޑިއުޓީ ނުކުރާ މީހުންނާ އަޅާބަލާއިރު 19 ޕަސެންޓް އިތުރުވާ ކަމެވެ. މި މީހުންގެ ތެރެއިން ހަމުގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވާ މިންވަރު އުޅެނީ 41 ޕަސެންޓްގަ އެވެ. އުރަމަތީގެ ކެންސަރުގެ ނުރައްކާ އިތުރުވަނީ 32 ޕަސެންޓަށެވެ. ހަޖަމުކުރުމުގެ ނިޒާމަށް ޖެހޭ ކެންސަރުގެ ނުރައްކާ 18 ޕަސެންޓް އިތުރުކަން މި ހޯދުމުން ދައްކަ އެވެ.
ކެންސަރަށް ބޭސްކޮށްފައިވާ 114،628 މީހެއްގެ މައުލޫމާތު މި ދިރާސާއަށް ބޭނުންކުރި އެވެ. އަދި ނޯތު އެމެރިކާ އާއި ޔޫރަޕް، އޮސްޓްރޭލިޔާ އަދި އޭޝިއާގެ 3،909،152 މީހެއްގެ މައުލޫމާތު ވެސް ދިރާސާއަށް ނެގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy