31 ޖެނުއަރީ 2018 - 16:35
ލަންޑަން (ޖެނުއަރީ 31) – ބޮރޫޝިއާ ޑޯޓްމަންޑުގެ ގެބޮން ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން އެންމެ ފަހުން އާސެނަލަށް ބަދަލުވެއްޖެ އެވެ.
އާސެނަލުން ވަނީ އުމުރުން 28 އަހަރުގެ ފޯވާޑް އެ ކްލަބާ ގުޅުނުކަން ކަށަވަރުކޮށްދީފަ އެވެ. އާސެނަލުން ބުނީ އޭނާ އެ ކްލަބާ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ގުޅުނީ ކްލަބުގެ ރެކޯޑް އަގެއްގައި ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ އަގަކީ 56 މިލިއަން ޕައުންޑެވެ.
އާސެނަލާ އޯބަމަޔަން ގުޅުމާ އެކު، އެ ޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ ޗެލްސީ އަށް ވިއްކާލާނެ ކަމަށް ބެލެވެ އެވެ. އަދި ޗެލްސީން އެ ޓީމުގެ ބެލްޖިއަމް ފޯވާޑް މިޗީ ބަޓްޝުއާއީ ލޯން އުސޫލުން ޑޯޓްމަންޑަށް ދޫކުރާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
އޯބަމަޔަން އަކީ ޖެނުއަރީ ޓްރާންސްފާގައި އާސެނަލާ ގުޅުނު ދެ ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑުން ގުޅުނު، ޑޯޓްމަންޑުގެ ކުރީގެ ތަރި ހެންރިކް މިކިތާޔްރަން އެވެ. އާސެނަލުން އޭނާ ގެނައީ އެ ޓީމުގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ޔުނައިޓެޑަށް ދިނުމަށް ފަހު އެވެ. އޯބަމަޔަން ފުރާނީ ސަންޗޭޒުގެ ރޯލެވެ.
އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2015 ވަނަ އަހަރު ހޯދި އޯބަމަޔަން އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ކުޅަދާނަ އެއް ފޯވާޑެވެ. އޭނާ އަކީ ގޯލާ ރަށްޓެހިވުމުގެ އިތުރުން ދުވެލި ބާރު ކަމުގައި ވެސް ފާހަގަކޮށްލެވޭ ފޯވާޑެކެވެ.
އޭސީ މިލާނުން ކެރިއަރު ފެށި އޯބަމަޔަން އެ ޓީމުގައި ހުރި ތިން އަހަރު ބޮޑަށް ހޭދަކުރީ ލޯން އުސޫލުން އެކި ޓީމުތަކުގަ އެވެ. އޭނާ ވިދާލީ 2011 ވަނަ އަހަރު ލޯން އުސޫލުން ފްރާންސުގެ ސެއިން-އެޓީން އަށް ކުޅުނު ދުވަސްވަރެވެ. އަދި އޭގެ ފަހުން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އެ ޓީމަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކި އެވެ. އޭނާ ޑޯޓްމަންޑަށް ގެންދިޔައީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ އެ ޓީމަށް 213 މެޗުން 141 ގޯލް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަޑިގިއްލާ
31 January 2018
އާސެންވެންގާއަކީ ވަރަށްމޮޅު ކޯޗެއް! އިނގިލި ދިއްކުރާހާ ކުޅުންތެރިޔަކު ގެނެސްގެން ނަތީޖާނުނެރެވިގެންވެސް އެބައުޅޭ މޮޅޭތިކިޔާ ކޯޗުންނަށް. އެކަމް ވެންގާއަށް 12 އަހަރުމިދިޔައީ އެ ފުރުސަތު ނެތި!
ރަދީފް
31 January 2018
ވެލްކަމް ޓު އާސެނަލް.އާސެނަލްގަ ރަނގަޅުކުޅުމެއް ދައްކައި ލީގްގައި ރަނގަޅު ހިސާބަކަށް އާސެނަލާއިއެކު ދެވޭނެކަމަށް އުއްމީދުކުރަން.
އަލިހޮއްކޮ
31 January 2018
ރަދީފް ބްރޯ ބުނަން ވާހަކައެއް. މަށަކީ ޑައި ހާޑް އާސެނަލް ފޭންއެއް. އެކަމަކު ވެންގާ ހުރެގެން މެސީއާ ރޮނާލްޑޯ ގެނައަސް އާސެނަލްއަކަށް ކުރިމަގެއް ނެތް. #ވެންގާ އައުޓް#ކްރޮންކޭ އައުޓް#ގަޒިޑިސް އައުޓް#ޗިޕް ކެސްވިކް އައުޓ#.
ރަދީފް
31 January 2018
އަލިހޮއްކޮ ތިޔަ ބުނީ ރަނގަޅު ވާހަކައެއް.
ވެންގާ
31 January 2018
އަލިހޮއްކޮ އައުޓް