ސްރީ ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާ.
31 ޖެނުއަރީ 2018 - 17:15
ކޮލަމްބޯ (ޖެނުއަރީ 31) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބެލުން އަވަސް ކުރަން ޚާއްސަ ކޯޓުތަކެއް ހަދަން ނިންމައިފި އެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާ 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަން ނައްތާލާނެކަމުގެ ވައުދާ އެކު އެވެ. އަދި ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކަށް އަދަބު ދެއްވާނެކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.
"ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޯޓުތަކެއް އުފައްދަނީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް އަވަސް ކުރުމަށް. އެ މައްސަލަތައް މިހާރު ހުރީ ދަށު ކޯޓުތަކުގައި ކުރިއަށް ނުގޮސް،" ލަންކާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސިރިސޭނާ ވިދާޅުވެފައި ވަނީ ރާޖަޕަކްސާގެ ވެރިކަމުގައި އެއްބަސްވި ވަރަށް ގިނަ ޕްރޮޖެކްޓްތައް ހުރީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށެވެ. އަދި އާ ސަރުކާރުން ވަނީ އެފަދަ ވަރަށް ގިނަ އެއްބަސްވުންތައް އިސްލާހުކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.
ރާޖަޕަކްސާގެ އެންމެ އިސް ބޭފުޅަކަށް ހުންނެވި ލަލިތު ވީރަތުންގާގެ މައްޗަށް ވަނީ ހަތަރު މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އަދި ރާޖަޕަކްސާގެ ތިން ފިރިހެން ބޭފުޅުންގެ ތެރޭން ދެ ބޭފުޅެއްގެ މައްޗަށް ވަނީ މަނީ ލޯންޑްރީގެ ދައުވާ އުފުލައިފަ އެވެ. މީގެ އިތުރުން އާއިލާގެ އެހެން ބައެއް މެންބަރުންގެ ކޮރަޕްޝަނުގެ މައްސަލަތައް ވެސް މިހާރު ދަނީ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެުުއަސޭލާ
31 January 2018
ކޮރަޕްޝަނުގެ ނަމުގަ އިދި ކޮޅު އެންމެން ތިތާ މާފުށީ ޖަލައް ލުމުން ވެރިކަން ހިނަގަން ފަސޭހަވާނެ
ސަޖޯ
31 January 2018
މިސަރުކާރު ވެއްޓެންދެން ކޮރަޕްޝަންގެ ވާހަކަ ނުދައްކަން މަ މިހުރީ.