އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ދަރިކަނބަލުން ރަޣަދު.
05 ފެބުރުއަރީ 2018 - 11:11
ބަޣުދާދު (ފެބްރުއަރީ 5) - އިރާގުގެ އެންމެ ވޯންޓެޑް ލިސްޓުގައި ހިމެނޭ 60 މީހުންގެ ތެރޭގައި ކުރީގެ ރައީސް ސައްދާމް ހުސެއިންގެ ދަރިކަނބަލުން ރަޣަދު ހިމަނައިފި އެވެ.
ވޯންޓެޑް ލިސްޓުގައި ހިމެނެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ އަދި ބާސް ޕާޓީ އަށް ނިސްބަތްވާ މީހުންނެވެ. އޭއެފްޕީ އަށް ލިބިފައިވާ ލިސްޓުގައި އައިއެސްގެ 28 މީހުން ހިމެނެ އެވެ. އަދި އަލްގައިދާގެ 12 މީހުންނާއި ބާސް ޕާޓީގެ 20 މީހުން ހިމެނެ އެވެ. އެކަކު ފިޔަވައި އެންމެންނަކީ ވެސް އިރާގު މީހުންނެވެ. ދެން ހިމެނޭ މާން ބަޝޫރު ނިސްބަތް ވަނީ ލުބުނާނަށެވެ. އޭނާ އަކީ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ފޮނުވާ މީހެއް ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އެ ލިސްޓުގައި ނުހިމެނެ އެވެ.
ރަޣަދު ސައްދާމް ހުސައިން މިހާރު ދިރިއުޅުއްވަނީ ޖޯޑަންގަ އެވެ.
"މިއީ އިރާގުގެ ކޯޓުތަކުންނާއި ސަލާމަތީ ފަރާތްތަކުން އެންމެ ބޮޑަށް ބޭނުންވާ ޓެރަރިސްޓުން. މިއީ އެ މީހުންގެ ނަންތައް އާއްމުކުރި ފުރަތަމަ ފަހަރު،" އިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އައިއެސް އިން އިރާގުގައި އަތްގަދަ ކުރި ދުވަސްވަރު ވަނީ އެ ގައުމުގެ ތިންބައިކުޅަ އެއްބައި ސަރަހައްދު ހިފައިފަ އެވެ. ނަމަވެސް އެމެރިކާ ކޯލިޝަނުގެ އެހީއާ އެކު އިރާގުގައި އައިއެސް މިހާރު ވަނީ ބަލިކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަޅިބައިސާ
05 February 2018
ތިތާގަ މިހާރު ތިއޮތީ އެމެރިކާގެ ގޮނޑިކޮށްކޮ ޝީޢީ ސަރުކާރެއް. ތިލިސްޓުގަ ބަޣްދާދީގެ ނަން ނެތުމަކީ ހައިރާންވާވަރުގެ ކަމެއް ނޫން.