ރިޕޯޓް / ދުންފަތް

މި މަންޒަރުތައް ދިވެހިންނަށް ފެންނަން ޖެހެނީ ކީއްވެ؟

ދުންފަތުގެ ނުރައްކާތެރިކަން އަންގައިދިނުމަށް ބައެއް ގައުމުތަކުގައި ސިނގިރޭޓް ފޮށިތަކުގެ ބޭރުގައި މަންޒަރުތަކުން އިންޒާރު ދީފައި: މި ފިޔަވަޅު އެޅުމުގައި ރާއްޖެ މާ ފަހަތުގައި އުޅޭ އިރު، މި އަހަރު ފެށުނު އިރު ތައާރަފްކުރަން އުޅުނު ގަވާއިދު އަދިވެސް ތަންފީޒެއް ނުކުރޭ.

ވަކިވަކިން ސިނގިރޭޓު ވިއްކުން މަނާކޮށް، ދުންފަތުން ލިބޭ ގެއްލުންތައް ދައްކައިދޭ މަންޒަރުތައް ސިނގިރޭޓް ފޮށީގެ ބޭރުގައި ޖަހަން ގަވާއިދެއް ހެދިތާ ދުވަސްތަކެއް ވެއްޖެ އެވެ. މިދިޔަ ޖެނުއަރީ 1 އިން ފެށިގެން އެ ގަވާއިދަށް އަމަލުކުރެވޭ ވަރަށް، ދުންފަތް ކޮންޓްރޯލްކުރާ ބޯޑުން ހުރިހާ ކަމެއް ފުރިހަމަކުރި އެވެ. އެކަމަކު ދުންފަތުގެ ބާވަތްތައް ޕެކޭޖުކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދު ރައީސް އޮފީހުން އަދިވެސް ގެޒެޓެއް ނުކުރެ އެވެ.

އޭގެ ސަބަބެއް އެނގިފައި ނުވާ އިރު، ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ މާހިރުންގެ ކަންބޮޑުވުން ވަނީ އިންތިހާ އަށް ގޮސްފަ އެވެ. އަދި އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރާއި އެހެން ގައުމުތަކަށް ވުރެ މާ ފަހަތުގައި ރާއްޖެ އޮތް އޮތުމަށް ބަލާ އިރު ވެސް ލަސް ނުކޮށް ކޮންމެހެން ތަންފީޒުކުރަން ޖެހޭ މި ގަވާއިދަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވުމުގެ އެންމެ ކާމިޔާބު ފިޔަވަޅެވެ.

"ސިއްހީ މާހިރުން ގަބޫލުކުރަނީ މަންޒަރުން އިންޒާރު ޖެހުމަކީ ހޭލުންތެރިކުރުމުގެ ވަރަށް އިންގިލާބީ ފިޔަވަޅެއް ކަމަށް. އެންމެ ބޮޑެތި ނަތީޖާތައް ލިބޭ ކަމަކީ މިއޭ. އެއީ މީގެ ސަބަބުން މުޅި މުޖުތަމައުގެ ވިސްނުމަށް ބަދަލެއް އެބަ އާދޭ."

ދުންފަތުގެ ސަބަބުން ރާއްޖޭގައި ދުވާލަކު މީހަކު މަރުވޭ!

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވެ އަދި ނުކުޅެދުންތެރިކަން މެދުވެރިކުރުވަނީ ދުންފަތުގެ ސަބަބުންނެވެ. ދުންފަތުގެ ސަބަބުން އަހަރަކު ހަތް މިލިއަން މީހުން މަރުވާ އިރު އޭގެ ތެރެއިން 850،000 މީހުން މަރުވަނީ ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން އަހަރަކު މަރުވާ 1،300 މީހުންގެ ތެރެއިން 351 މީހުން މަރުވަނީ ސީދާ ދުންފަތުގެ ސަބަބުންކަން ސިއްހީ ދާއިރާ އިން ފާހަގަކުރެ އެވެ. އޭގެ މާނައަކީ، ރާއްޖޭގައި ގާތްގަނޑަކަށް ދުވާލަކު މީހަކު ދުންފަތުގެ ސަބަބުން މަރުވާ ކަމެވެ. މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ފާހަގަކުރާ ގޮތުގައި އޭގެ ތެރޭގައި ޒުވާނުންނާއި މާބަނޑު އިރު ބައިގެންދާ ތުއްތުކުދިންނާއި ދުވަސް ނުފުރާ ވިހެއުމަށް ފަހު މަރުވާ ކުދިން ވެސް ހިމެނެ އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރާ މީހުން، އުމުރުން 25 އަހަރުގައި ހާޓް އެޓޭކް އެބަ ޖެހޭ. އުމުރުން 33 އަހަރުގައި ސްޓްރޯކް ޖެހި ވާގި ނެތިފައި އެބަހުރި،" ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގައި ޑޮކްޓަރުންގެ ޖަމްއިއްޔާ ތަމްސީލްކުރައްވާ އެ ބޯޑުގެ ވައިސް ޗެއާ ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.

"އުމުރުން ފަންސާހުގެ އަހަރުތަކުގައި ވަރަށް ގިނަ މީހުންނަށް މިހާރު ސްޓްރޯކް އެބަ ޖެހޭ، ކިޑްނީ އެބަ ފެއިލްވޭ. މިއީ އާއްމު ގޮތެއްގައި މި އަށް ވުރެ ދޮށީ އުމުރުގައި ޖެހޭ ބަލިތައް. ދިގު މުއްދަތަށް ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލްކުރާ މީހުން އައިސީޔޫގައި ބައިވަރު."

އިންސާނާގެ ހަށިގަނޑު ހަލާކުކޮށްލާ އެތައް ވިހައަކާ އެކު 7،000 އަށް ވުރެ ގިނަ ކެމިކަލް އެކުލެވޭ ދުންފަތުގެ ސަބަބުން ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅެ އެވެ. މިސާލަކަށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރު ބައްޔާއި ކިޑްނީ ފެއިލްވުމާއި ހިތުގެ ބައްޔާއި ސްޓްރޯކް އާއި ކެންސަރެވެ. ވަރަށް ޒުވާން އަދި އެންމެ އުފެއްދުންތެރި އުމުރުގައި ދިވެހިންގެ އެތައް ބަޔަކަށް ކުރިމަތިވަމުންދާ މިފަދަ ބަލިތަކާއި ދުންފަތާ އޮތް ގުޅުމުގެ މިސާލެއް ނަގާ ނަމަ، ކެންސަރުގައި މީހުން މަރުވާން ދިމާވާ އެންމެ އާއްމު ސަބަބަކީ ދުންފަތެވެ. އަދި ދުންފަތުގެ ސަބަބުން 17 ބާވަތެއްގެ ކެންސަރު ޖެހޭކަން މިހާތަނަށް އެނގިފައިވެ އެވެ.

އާސަންދައިގެ 2013 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކެންސަރާއި ހިތުގެ ބަލި އެންމެ ގިނައިން ޖެހެނީ އުމުރުން 20 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. ހިތުގެ ބަލީގައި އެ އުމުރުފުރާގެ މީހުން 53 ޕަސެންޓް ހިއްސާކުރާ އިރު ކެންސަރުގައި އެ އަދަދު 68 ޕަސެންޓަށް އަރަ އެވެ.

"މި އުމުރުގައި މީހުން ބަލިވުމަކީ ގައުމަކަށް އެފޯޑްކުރެވޭނެ ކަމެއް ނޫން. (ދުންފަތުގެ ސަބަބުން) ނުކުޅެދުންތެރިކަން ދިމާވެ، ވަޒީފާއަށް ނުދެވި، ނަފްސާނީ ގޮތުން ބަލިކަށިވެ، ކުއްލިއަކަށް އެބަ މަރު ވެސް ވޭ، ވަރަށް ޒުވާން އުމުރުގައި،" އަރޫނާ ވިދާޅުވި އެވެ.

"ދުންފަތަކީ ވިހައެއްކަން ވަރަށް ގިނަ ދިރާސާތަކުން ވަރަށް ރަނގަޅަށް ސާބިތުވެފައި ހުރީ. އަދި ރިސާޗުކުރެވޭ ވަރަކަށް (ދުންފަތާ ގުޅުން ހުރި) އިތުރު ބަލިތައް ވެސް ފާހަގަކުރެވެމުން ދަނީ."

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި އާސަންދައިން އެންމެ ބޮޑެތި ޚަރަދުތައް ހިނގަނީ ވެސް ދުންފަތާ ގުޅުން ހުރި ބަލިތަކަށެވެ. އޭގެ ތެރޭގައި ކެންސަރާއި ހިތުގެ ބައްޔާއި ކިޑްނީ ފެއިލްވުން ހިމެނެ އެވެ.

ދުންފަތުގެ ހަގީގަތް އެނގެނީ ކިހާ ވަރަކަށް؟

ދުންފަތަކީ މިހާ ގެއްލުން ބޮޑު، ނުރައްކާތެރި އެއްޗަކަށް ވާއިރު ވެސް ރާއްޖޭގައި އޭގެ މަގްބޫލުކަން މިހާ ބޮޑީ މީހުންނަށް ހަގީގަތް ނޭނގޭތީތޯ ސުވާލު އުފެދެ އެވެ.

ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ދުންފަތަކީ ގެއްލުން ހުރި އެއްޗެއްކަން އާއްމުކޮށް މީހުންނަށް އެނގެ އެވެ. ނޭނގެނީ އޭގެ ސީދާ އަސަރުތަކެވެ. އަދި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ މަންޒަރުތައް ޖެހުމަކީ އެ ހޭލުންތެރިކަން އުފައްދަން އެޅޭނެ އެންމެ ކާމިޔާބު ފިޔަވަޅު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސްގެ އެއް ފައުންޑަ ޑރ. އަބްދުލް މަލިކު ފާހަގަކުރެއްވި ގޮތުގައި ދުންފަތާ މެދު އާއްމު ހޭލުންތެރިކަން އޮތް މިންވަރު އަންގައިދޭ އެއް ކަމަކީ ގައިން ގަޔަށް އަރާ ބަލިތަކާއި ގައިން ގަޔަށް ނާރާ ބަލިތަކާ މެދު މީހުން ވިސްނާ ގޮތުގެ ތަފާތެވެ.

"މިސާލަކަށް މި ބުނަނީ، ވެކްސިން ނުޖަހަންޏާ އިންފްލުއެންޒާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއޭ، ޖެހިއްޖެއްޔާ 10 ދުވަސް ތެރޭ ވެސް މަރުވެދާނެއޭ. މަރުވާ ތަން ފެނުނު އެންމެ ފަހުން އައި ފްލޫ އައުޓްބްރޭކްގައި ވެސް. އެހެންވީމަ، ބަލި ޖެހިގެން ހަފްތާއެއް ތެރޭ މަރުވެދާނެއޭ ހިތަށްއެރީމަ ހުރިހާ އެންމެން ވެސް ބޮޑު ޕެނިކްއެއްގައި ވެކްސިން ޖަހަން ބޭނުންވީ. ދުންފަތާ މެދު ހޭލުންތެރިކަން އެ މިންވަރަކަށް ނުދޭ. އަށްޑިހަ އެއް ޕަސެންޓް މީހުން މަރުވާން މި ދިމާވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުންކަން ވިސްނައެއް ނުގަނެވޭ،" މަލިކު ވިދާޅުވި އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއްކަން އެނގޭ. އެކަމަކު އޭގެ ސަބަބުން ހިތުގެ ބަލި، ކެންސަރު، ހަކުރު ބަލި ޖެހިދާނެކަން އެނގެނީ ބަލި ހުރިކަން އެނގޭ ހިސާބުން."

އަނެއް ކަމަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ކަންބޮޑުވުން ފާޅުކުރާ މިންވަރެވެ. ނުސީދާ ދުމުގެ ގެއްލުން އިންތިހާ އަށް ބޮޑުވެފައި، ދުންފަތަކީ އެންމެންނަށް އޮތް ނުރައްކަލަކަށް ވިޔަސް އެކަމާ ބެހޭ ގޮތުން މާ ގިނަ ބަޔަކު ވާހަކައެއް ނުދައްކަ އެވެ. އޭގެ އެއް ސަބަބަކީ، ޑރ. މަލިކު ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން އާއްމުވެފައި އޮތްލެއް ބޮޑުކަމުން އެއީ އާދައިގެ ކަމެއް ކަމަށް ބެލެވުމެވެ.

"ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހާ ބުނާ އެތި، ބޯ މީހާ ބުނާ އެއްޗަށް ވުރެ ބޮޑަށް ބަލައިގަންނަ މާހައުލެއް އަދި ރާއްޖެއަކު ނެތް. އޭގެ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ވަރަށް ގިނަވުން. އެހެންވީމާ ރާއްޖޭގައި އެއީ މީހުން ބަލައިގަންނަ ކަމަކަށް ވެފައި އޮތީ،" އޭނާ ފާހަގަކުރެއްވި އެވެ.

ސިއްހީ މާހިރުންނާއި ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ދުންފަތުގެ ނުރައްކާތެރިކަން ރަނގަޅަށް އެނގި، ބަދަލެއް ގެންނަން ބޭނުންވާ ވަރުގެ ހޭލުންތެރިކަމެއް އުފައްދަން އެޅެން އޮތް އެންމެ ހަރުދަނާ ފިޔަވަޅަކީ ސިނގިރޭޓް ފޮށިތަކުގައި މަންޒަރުގެ އިންޒާރުތައް ޖަހަން ޖެހޭ ގަވާއިދަށް އަމަލުކުރުމެވެ.

"އަޅުގަނޑުމެންނާ އެއް ފަންތިއެއްގެ ގައުމުތަކަކަށް ބަލައިލިޔަސް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާކިޔާލިޔަސް ރާއްޖެ މި އޮތީ ވަރަށް ބޮޑަށް ފަހަތުގައި."

"އިންގިލާބީ" ފިޔަވަޅެއް

ދުންފަތުގެ އުފެއްދުންތަކުގެ ބޭރުގައި ޖަހާ ގްރެފިކް ހެލްތު ވޯނިންއަކީ ދުންފަތް ބޭނުންކުރާ މިހުން އެއާ ދުރުހެލިކުރުމަށާއި ކުޑަކުދިންނާއި ޒުވާނުން ދުންފަތް ބޭނުންކުރަން ފެށުމުގެ ކުރިން އެއިން ސަލާމަތްކުރަން އަދި ފަށާތާ ކުރީކޮޅު އެކަން ހުއްޓާލަން ވެސް އެހީތެރިވެދޭ ކަމެއްކަން އެހެން ގައުމުތަކުގެ ތަޖުރިބާ އިން ވަނީ ސާބިތުވެފަ އެވެ. މިއީ ދުންފަތުން ރައްކާތެރިވާން ގައުމުތަކުން އަޅަން ޑަބްލިޔުއެޗްއޯ އިން ލަފާދީފައިވާ ފިޔަވަޅެކެވެ.

"ޑަބްލިޔުއެޗްއޯގެ ލަފަޔަކަށް އަބަދުވެސް ވަނީ ސައިންޓިފިކަލީ އެންމެ ރަނގަޅު ކަމަށް ދައްކާ ފިޔަވަޅުތައް،" ޑރ. އަރޫނާ ފާހަގަކުރެއްވި އެވެ.

"ސިއްހީ މާހިރުން ގަބޫލުކުރަނީ މިއީ ހޭލުންތެރިކުރުމުގެ ވަރަށް އިންގިލާބީ ފިޔަވަޅެއް ކަމަށް. އެންމެ ބޮޑެތި ނަތީޖާތައް ލިބޭ ކަމަކީ މިއޭ. އެއީ މީގެ ސަބަބުން މުޅި މުޖުތަމައުގެ ވިސްނުމަށް ބަދަލެއް އެބަ އާދޭ. ދުންފަތާ މެދު ދެކޭ ގޮތް އެއްކޮށް ބަދަލުވެގެންދޭ. ގްރެފިކް ހެލްތު ވޯނިންގްސް ބޭނުންކުރީމަ އުފެދޭ ހޭލުންތެރިކަމުގެ ތެރެއިން (ދުންފަތް ކޮންޓްރޯލްކުރުމުގެ) އެހެނިހެން ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒުކުރަން ވެސް ފަސޭހަވެގެންދޭ."

އޮސްޓްރޭލިއާ: ސިއްހީ އިންޒާރުގެ ގޮތުގައި މަންޒަރު ޖެހުމުގެ އިތުރުން ހުރިހާ ސިނގިރޭޓް ފޮށިތަކެއްގެ ޕެކެޖިން ހުންނަން ޖެހެނީ އެއްގޮތަކަށް، އެއް ކުލައަކުން.

ދުވާލަކު ފޮއްޓެއްގެ ސިނގިރޭޓް ބޯ މީހަކަށް ސިއްހީ އިންޒާރުގެ މަންޒަރު އަހަރަކު މަދުވެގެން 7،300 ފަހަރު ފެންނާނެ ކަމަށް އަންދާޒާކުރެވެ އެވެ. ރާއްޖޭގައި ކުރިންސުރެ އިންޒާރުގެ ލިޔުންކޮޅެއް ބޭނުންކުރަމުން އަންނަ އިރު މިހާރުގެ ދިރާސާތަކުން ދައްކަނީ އެއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމެވެ. ލިޔުންކޮޅަކުން އިންޒާރު ދިނުމާއި މަންޒަރު ޖެހުމުގެ ތަފާތު އަޅާކިޔާ އިރު މަންޒަރު ޖަހަން ފެށުމުން ހޭލުންތެރިކަން އިތުރުވެ ނަތީޖާ ރަނގަޅުވާކަން އެހެން ގައުމުތަކުގެ ތަޖުރިބާ އިން އެނގެ އެވެ.

"ފޮޓޯ ބޮޑުވީމަ ވެސް އޭގެ އަސަރު ބޮޑަށް ކުރޭ. ފޮށީގެ 50 ޕަސެންޓުގައި ގްރެފިކް ހެލްތު ވޯނިން ހުންނަ ގައުމުތަކާއި 70 ޕަސެންޓްގައި ހުންނަ ގައުމުތަކާ އަޅާކިޔާ އިރު 70 ޕަސެންޓް ހުންނަ ގައުމުތަކުގައި ސިނގިރޭޓް ބުއިން ހުއްޓާލާ މިންވަރު މާ ބޮޑު ތަން ގިނަ،" ޑރ. މަލިކު ވިދާޅުވި އެވެ.

ނޭޕާލާއި އިންޑޮނީޝިއާގައި، އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދު ޒުވާނުން ދުންފަތް ބޭނުންކުރަން ފެށުނަ ނުދިނުމަށް އަދި ބޯ މީހުން ދުވާލަކު ބޯ ސިނގިރޭޓުގެ އަދަދު މަދުކުރުމަށް މަންޒަރުގެ އިންޒާރު އެހީތެރިވެދީފައިވާކަން ދިރާސާ އިން ވަނީ އެނގިފަ އެވެ. ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި މަންޒަރުން އަންނަ ބަދަލަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް ލިބެނީ ކޮން ގެއްލުންތަކެއްކަން ނުވަތަ އެ ބަލިތައް ޖެހުނީމާ ވަނީ ކިހިނެއްކަން ސީދާ އެނގި، ގަބޫލުކުރަން ފަސޭހަވުމެވެ.

"ފޮށިން ސިނގިރޭޓެއް ނަގާ ކޮންމެ ފަހަރަކު އެބަ އެނގޭ ތިމަންނަ އަށް މިހެންކަން ވާނީ. އޭރުން، ސިނގިރޭޓް ބުއިމުން ގެއްލުން ވެޔޭ އެ ބުނާ ބަހުގެ ފުން މާނަ ދޭހަވާން ފަސޭހަވަނީ، މިސާލަކަށް އަނގައިގެ ކެންސަރު ޖެހިފައި ހުންނަ ވަރަށް ހަޑި ފޮޓޯއެއް ފެނުނީމަ،" ޑރ. މަލިކު ވިދާޅުވި އެވެ.

"ކެންސަރު ޖެހެޔޭ ބުންޏަސް، ކެންސަރު ޖެހުނީމަ ވާ ގޮތެއް، އޭގެ އަސަރުތައް ދެނެގަންނަން ވަރަށް އުނދަގޫ، މީހާ އަށް އެހެން ނުވަންޏާ. ދެން އެއްކަލަ ފޮޓޯގައި، މިއީއޭ ކެންސަރު ޖެހުނީމަ ވާ ގޮތަކީ، ފެންނަން ހުރީމަ ތަންކޮޅެއް ފަސޭހަވާނެ ވިސްނެން."

ރާއްޖެ މާ ފަހަތުގައި

ރާއްޖެ އަށް އަހަރަކު ގާތްގަނޑަކަށް 460 މިލިއަން ސިނގިރޭޓް އެތެރެކުރެ އެވެ. އަދި 2016ގެ ތަފާސްހިސާބުން އެނގޭ ގޮތުގައި ބާޒާރުގައި އާއްމުކޮށް ސިނގިރޭޓް ވިއްކާ އަގަށް ބަލާ އިރު އެ އަހަރު ދުންފަތް ގަންނަން 1.1 ބިލިއަން ރުފިޔާ ދިވެހިން ވަނީ ހޭދަކޮށްފަ އެވެ. ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ތިންވަނަ އަށް އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އުޅޭ ގައުމަކީ ރާއްޖެ އެވެ. އެކަމަކު އެ ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ގްރެފިކް ހެލްތު ވޯނިން ނުޖަހާ ހަމައެކަނި ދެ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އަނެއް ގައުމު، ބޫޓާނަކީ ދުންފަތް އެތެރެކުރުމާއި ވިއްކުން ވެސް މަނާ ގައުމަކަށްވާ އިރު އެފަދަ އިންޒާރެއް ޖެހުމުގެ ބޭނުމެއް ވެސް ނެތެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޑަބްލިޔުއެޗްއޯގެ މުއާހަދާ އާއި 2010ގައި ތައާރަފްކުރި އަމިއްލަ ގާނޫނުގެ ބައެއް ކަންކަން ވެސް ތަންފީޒުކުރުމުގައި ރާއްޖެ އުޅެނީ ކަނޑައަޅާފައިވާ މުއްދަތުތަކަށް ވުރެ މާ ފަހަތުގަ އެވެ. ޑަބްލިޔުއެޗްއޯގެ ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބެކޯ ކޮންޓްރޯލް 2005ގައި ތަސްދީގުކުރަން ފެށި އިރު ދުންފަތުގެ ބާވަތްތައް ޕެކޭޖުކޮށް ލޭބަލްކުރުމާ ބެހޭ ގަވާއިދުތައް ތިން އަހަރު ތެރޭ ތަންފީޒުކުރަން އެ މުއާހަދާގައި އޮވެ އެވެ. އެކަމަކު އެތައް އަހަރެއްވީ އިރު ވެސް ރާއްޖެ އަށް އެ ފިޔަވަޅު އެޅިފައެއް ނުވެ އެވެ.

"އެހެންވީމާ ޑަބްލިޔުއެޗްއޯގެ ބައްދަލުވުންތަކަށް ދާއިރު އަޅުގަނޑުމެން ވަރަށް ލަދު ވެސް ގަނޭ،" ޑރ. މަލިކު ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު ހަސަން މުހައްމަދު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އަށް ވުރެ އާބާދީ މާ ބޮޑު އަދި ގޮންޖެހުންތައް މާ ގިނަ ގައުމުތަކުގައި ވެސް ގްރެފިކް އިންޒާރުތައް އަންނަނީ ޖަހަމުންނެވެ.

"އަޅުގަނޑުމެންނާ އެއް ފަންތިއެއްގެ ގައުމުތަކަކަށް ބަލައިލިޔަސް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާކިޔާލިޔަސް ރާއްޖެ މި އޮތީ ވަރަށް ބޮޑަށް ފަހަތުގައި،" އޭނާ ވިދާޅުވި އެވެ.

"އިންޑިއާއަކީ 1.2 ބިލިއަން މީހުން އުޅޭ ގައުމެއް. ފެޑެރަލް ސިސްޓަމެއް، އެކި ސްޓޭޓްތަކުގައި އެކި ސަރުކާރުތައް ހުރި، ކަންކަން ތަންފީޒުކުރުމުގެ ގޮންޖޮހުންތައް އެހާ ބޮޑު ގައުމެއް. އެކަމަކު އިންޑިއާގައި ވެސް މި ފިޔަވަޅުތައް ދަނީ އަޅަމުން. ދެން ތަރައްގީގައި އަޅުގަނޑުމެން އަބަދުވެސް ވާދަވެރިކަމާ އެކު އުޅޭ ސްރީ ލަންކާގައި ވެސް. ސާކު ސަރަހައްދަށް ބަލާ އިރު އަޅުގަނޑުމެންނާ އެއް ހަމައެއްގައި މި އުޅެނީ އަފްޣާނިސްތާން. މިއީ ލަދުވެތިކަމާ އެކު އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ ކަމެއް. ވިހި، 30 އަހަރު ހުއްޓުމެއް ނެތި ހަނގުރާމަކުރަމުންދާ އަފްޣާނިސްތާނާއި ރާއްޖެ، މި ސަރަހައްދުގައި މި އޮތީ މި ކަހަލަ ކަންކަން ނުކޮށް."

ޑރ. އަރޫނާ ވިދާޅުވި ގޮތުގައި ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީ)ގައި، 2025 އަންނަ އިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު 30 ޕަސެންޓް ދަށްކުރަން އޮތް އަމާޒު ހާސިލްކުރަން ވެސް ރާއްޖެ އަށް ގްރެފިކް އިންޒާރުތައް ވަރަށް މުހިއްމެވެ. "ސްކޫލްތައް ނުވަތަ ވަކިވަކި ތަންތަނަށް ގޮސް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގިޔަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ،" އޭނާ ފާހަގަކުރެއްވި އެވެ.

ވިހައެއްކަން އެނގުމަކީ ހައްގެއް

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދުންފަތުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެހެން މީހުން ބޭނުންކުރާ ދުމުން ދުންފަތް ބޭނުން ނުކުރާ މީހުންނަށް ލިބިދާނެ ގެއްލުމާ ބެހޭ ފުރިހަމަ މައުލޫމާތު ލިބުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވެ އެވެ.

"ދުންފަތަކީ މިހާ ގެއްލުން ބޮޑު ވިހައެއް ކަމަށް ވިޔަސް އާއްމުންނަކަށް މި ހަގީގަތް ރަނގަޅަކަށް ނޭނގޭ. ދުންފަތުން ލިބޭ ގެއްލުންތަކުގެ މަންޒަރު ދުންފަތުގެ އުފެއްދުންތަކުގެ ބޭރުގައި ޖެހުމަކީ ހަގީގަތް ދައްކައިދިނުން،" ޑރ. އަރޫނާ ވިދާޅުވި އެވެ.

"އެއްޗެއް ގަންނަ އިރު މީހަކަށް އެނގެންވާނެ ވިހަ އެއްޗެއްކަން މި ގަނެވެނީ. ފިހާރަ އިން ވިހަ އެއްޗެއް ގަންނަ އިރު މި މައުލޫމާތު ލިބުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް."

ހަސަން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިނގިރޭޓް ބޯން ފަށާ އުމުރުގެ ކުދިންނަށް ދުންފަތުގެ ނުރައްކާތެރިކަން އަންގައިނުދެވުމެވެ. މަންޒަރުގެ އިންޒާރަކީ އެކަމަށް ވެސް އޮތް ހައްލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިހާރު އަށް އަހަރު، ނުވަ އަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން އެބަ ފަށާ. ގިނަ ފަހަރަށް މި އުމުރުގެ ކުދިންނަކީ ހެލްތުން ދޭ އެވެއާނެސް މެސެޖުތައް ފަހުމް ވެގެން ޑިސިޝަން ނަގާނެ ބައެއް ނޫން. އެހެންވީމާ މި ކިޔާ އެއްޗެއް ތަންކޮޅެއް ބޮޑަށް އޮޅުން ފިލަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ދުންފަތުން ރައްކާތެރިވުމުގައި ގްރެފިކް އިންޒާރުގެ ދައުރު މިހާ މުހިއްމު އިރު ދުންފަތުގެ ސިނާއަތުގެ ނުފޫޒެއް ވެސް މި ގަވާއިދަށް ފޯރައިގެން ނުވާނެ ކަމަށް ސިއްހީ މާހިރުން ގަބޫލުކުރައްވަ އެވެ.

"ރާއްޖެއަކީ މިނިވަން ގައުމެއް. ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން އަޅަން ޖެހޭ މުހިއްމު ފިޔަވަޅުތައް އެޅުމުގައި، ބޭރުގެ އެއްވެސް ފަރާތަކުން ފޯރުވާ ނުފޫޒުތައް ބަލައިނުގަނެ ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް އުއްމީދުކުރަނީ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ގަވާއިދުގެ ހުރިހާ ކަމެއް ނިމިފައި

ހަސަން ފާހަގަކުރެއްވި ގޮތުގައި ގަވާއިދު ރައީސް އޮފީހުގައި މިހާރު އޮތީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް ނިމިފަ އެވެ. އެހެންކަމުން އެ ގަވާއިދު ގެޒެޓުކޮށް ތަންފީޒުކުރަން އެއްވެސް ހުރަހެއް އޮވެގެން ވާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ސިއްހީ އެކި ޖަމްއިއްޔާތަކާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ވެސް ބަޔާން ނެރެ މި ފިޔަވަޅަށް މަރުހަބާ ކިޔައި އެއަށް އަމަލުކުރަން ވަނީ ގޮވާލައިފަ އެވެ. ގަވާއިދު ތަންފީޒުކުރަން މާ ބޮޑު ކަމެއް ކުރާކަށް ވެސް ނުޖެހެ އެވެ. ރާއްޖެ އަށް ދުންފަތް އެތެރެކުރުމުގެ ކުރިން، އުފައްދައި ޕެކްކުރުމުގެ މަރުހަލާގައި، އެޗްޕީއޭ އިން ފޯރުކޮށްދޭ މަންޒަރު ޖަހައި، އިމްޕޯޓްކުރާ އެއްޗެހި ކަސްޓަމްސް އިން ޗެކްކުރީމާ ނިމުނީ އެވެ.

ދުންފަތަކީ އިންތިހާ އަށް ވިހަ އަދި ދެވިހިފާ އެއްޗަކަށް ވާއިރު، ދުނިޔޭގައި ގައިން ގަޔަށް ނާރާ ބަލިތައް ޖެހި މީހުން މަރުވާން ދިމާވާ އެންމެ އާއްމު ސަބަބަކީ ދުންފަތެވެ. ރާއްޖޭގައި ވެސް ދުންފަތުގެ ސަބަބުން ބަލިވުން އާއްމުވެ އޭގެ އިގްތިސޯދީ ބުރަ ވެސް ވަނީ އިންތިހާ އަށް ގޮސްފަ އެވެ. ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ މަންޒަރު ޖެހުމާއި ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ ކާމިޔާބު އަދި ޚަރަދު ކުޑަ ފިޔަވަޅެއްކަން އަދި ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކޮށްދޭ ކަމެއްކަން އެނގޭ އިރު އެ ފިޔަވަޅު ނާޅާ ލަސްކުރަން ޖެހޭ ސަބަބެއް ނެތެވެ.

23 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 67%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

.ގަދަރޭ

22 April 2018

އެތެރެ ކުރުން މަނާ ނުކުރަން މިއުޅެނީ ދައުލަތައް ގެއްލުން ވާތީ ކަމައް ފެންނަނީ .

The name is already taken The name is available. Register?

ހަޤީގަތަކީ...

11 February 2018

މިހާތަނަށް ދުނިޔޭގެ 105 ޤައުމަކުން ދުންފަތުގެ ބާވަތްތަކުގެ ފޮށީގައި މަންޒަރު ހިމެނޭ އިންޒާރު ޖަހަމުންދެއެވެ. ތަރައްޤީ ހުރިހާ ޤައުމެއްަގައި ވެސް މިހާރު އަމަލުކުރެވެ. އޭގެ ގިނަ ޤައުމުތަކުން މިއިފިޔަވަޅުގެ ނަތީޖާ ބެލުމަށް ދިރާސާ ހަދާފައިވެއެވެ. މިދިރާސާތަކުން ދައްކާ ގޮތުގައި އެތައް ގިނަ ޤައުމުތަކުގައި ނަތީޖާއެއް ގޮތުގައި ދުންފަތުގެ އިސްތިާުމާލުކުރާ މިންވަރު މަދުވެފައިވެ އެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރާ ފަރުދުން ބޯ މިންވަރު ވެސް މަދިވެފައިވެއެވެ. އަދި މީހުންގެ، ޚާއްސަކޮށް ޒުވާނުންގެ މެދުގައި އަމިއްލަ ޞިއްޙަތާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުވެފައިވެއެވެ. މަންޒަރުގެ ސައިޒް ބޮޑުވާ ވަރަކަށް އޭގެން ލިބޭ މެސެޖުގެ ނަތީޖާގެ ކާމިޔާބު އިތރުވެގެންދެއެވެ. ނޭޕާލްގައި މިހާރު ސިގެރޭޓް ޕެކެޓުގެ 90% ވަނީ މިއިންޒާރެވެ. މިފިޔަވަޅަކީ ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ވެސް، އަދި، ދުންފަތުގެ އިސްތިޢުމާލުނުކުރާ އެންމެނަށް ވެސް ލިބޭ ވަރަށް ބޮޑު ޞިއްޙީ ފައިދާއެކެވެ.

The name is already taken The name is available. Register?

ރަންޑި

10 February 2018

ދުނިޔޭގެ ކޮންގައުމަކުންތަ ތިފޮޓޯ ޖަހައިގެން ސިގެރޭޓް ބޯމީހުންގެ އަދަދު މަދުވީ.

The name is already taken The name is available. Register?

ތިމަންނަ

10 February 2018

ހާދަ ގަބޫލުކުރަން އުދަގޫ ވާހަކައެއް. ރައްޔަތުންނަށް މިފަދަ ގެއްލުން ހުރިއެއްޗެއް ސަރުކާރުން އެތެރެކުރިއަކަ ނުދޭނެ. ތިޔައީ ހަމަ އޮޅުވާލަން ދައްކާވާހަކަ، ސަރުކާރު އެއޮތީ އަހަރުމެންނަށް ޓަކާ....

The name is already taken The name is available. Register?

ތީނަ

11 February 2018

ތިޔަ ކޮމެންޓުކުރި މީހާވެސް ގބޫލުކުރާނެ މީ ތެދުކަން. އެއްބަސް ނުވުމަކީ މީގެންވާ ގެއްލުން ނުލިބޭނެކަމެއް ނޫން

The name is already taken The name is available. Register?

ވަހީދު

12 February 2018

މިޒަމާނުގައި ސިނގިރެޓުން ގެއްލުން ލިބޭކަން ނޭނގޭނީ ވަރަށް ގަމާރު މީހަކަށް.

The name is already taken The name is available. Register?

އާދަނު

10 February 2018

ތީގެ ސަބަބުން ސިގިރޭޓުން ލިބޭގެއްލުމަށްވުރެ ނަފްސާނީގޮތުން ލިބޭ ގެއްލުން ބޮޑުވޭ. ތީ ވަރަށް ގޯސްކަމެއް. ތިކަން ނުކުރުމަށް އެދެން. ކޮންމެ އެއްޗެއް ޖެހިއަސް ބޯމީހުން ބޯނެ. ދެން ބޮއެގެން ލިބޭ ގެއްލުން ހަމަ ގައިމުވެސް ތީގެ ސަބަބުން ބޮޑުވާނެ. ސަބަބަކީ ބިރުވެރިކަމެއްގައި ހުރެ ބޯންޖެހޭތީ، އިމިއުން ސިސްޓަމް އިތުރަށް " ގޯސް ފިކުރުތަކުން" ބަލިކަށިކޮއްލާ. މިއީ ގޯހެއް. މި ގޯސް ނެހެދުމަށް ގޮވާލަން.

The name is already taken The name is available. Register?

ޥހނސނސކ

11 February 2018

ބޯން ޖެހޭތަ ކޮންމެހެން؟

The name is already taken The name is available. Register?

ހަޤީގަތަކީ...

11 February 2018

މިހާ ވިހަ އެއްޗަކުން ލިބޭ ގެއްލުންތަކުގެ ހަޤީގަތް ހާމަކުރުމުން ނަފްސާނީ ގެއްލުމެއް މިހާތަނަށް ރިޕޯޓް ވެފައި ނެތެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުންނާއި، އޭގެ ނުސީދާ ދުމަށް ހިށަހެޅުމުން ލިބިފައިވާ ނަފްސާނީ ގެއްލުންތައް މާ ގިނައެވެ. ދުންފަތަށް އަޅުދާސްވުމުން ސްޓްރސް އިތުރުވެ، ސިކުނޑިއާއި ނަހަރުތަކަށް ދުންފަތުގެ ސަބަބުން ގެއްލުން ލިބޭކަން ގިނަ ރަނގަޅު ސައްންސުގެ ދިރާސާތަކުން ދައްކައެވެ. ކުޑަކުދިންަށް ވެސް މިފޮޓޯ ފެނުމުން ދުންފަތަކީ ގެއްލުން ލިބޭ އެއްޗެއްކަން ރަނގަޅަށް އެނގި، އެތަކެތި ފަކުރުގަންނަ އެއްޗެއް ގޮތުގައި ދެކެމުން ދުންފަތާއި ދިމާލަށް ނުގޮސް، އޭގެން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެއެވެ. މަންޒަރު ހިމެނޭ އިންޒާރު ޖެހުމުން ނަފްސާނީ ގޮތުން ލިބެނީ ވެސް ފައިދާއެކެވެ.

The name is already taken The name is available. Register?

ލާމަސީލު

09 February 2018

ހެއްވާ ކަމަކީ ދުންފަތް އެތެރެކުރަން ހުއްދަދީފަ މިކިޔަނީ މީހުން މަރުވެޔެޔ ގެއްލުން ވެޔޭ. ކޮންހާ ޑްރާމާއެއް ޖައްސާކަށް. މީހުން މަރުވެ އިންސާނުންނަށް ގެއްލުންވާނަމަ ދުންފަތް އެތެރެ ކުރުން މަނާކޮށްބަލަ. ޑޮކްޓަރުންވެސް އަދި ސަރުކާރުގެ ކަމާބެހޭ ފަރާތަކުންވެސް އެތެރެ ކުރުން މަނާކުރުމާ ދެކޮޅު. އެކަމް ދެއިރު ދެދަޅަޔަށް މިކިޔަނީ މީގެސަބަބުން މީހުން މަރުވާ ވާހަކަ.... އެއްވެސް އިޚްލާސްތެރި ކަމެއް ނެތްކަން މިދޭހަވަނީ... ހެޔޮނުވާނެ ތި އެތެރެ ކުރުން މަނާ ކޮށްބަލަ........ ޕްލީސްސްސްސްސްސްސްސްސް........

The name is already taken The name is available. Register?

ޙަޤިގަތަކީ...

11 February 2018

ޑޮކްޓަރުންނަށް ވެސް ބޭނުމީ ދުންފަތުގެ ހުރިހާ ބާވަތްތައް އެތެރެކުރުން އެއްކޮށް މަނާ ކުރުމަށް. އެކަމަކު އެއި އޯޕަން އިކޮނޮމިއެއް ހުންނަ ޤައުމަކަށް އެއްފަހަރާ ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވީމައި، އެތަކެތި ރައްޔަތުންނާހަމައަށް އައުމަކީ ދެރަ ކަމެކެވެ. ވީމާ ދެން އެޅޭނެ އެހެން ފިޔަވަޅޫތައް އަޅާފަައި ނަމަވެސް އާންމު ޞިއްޙަތު ރައްކާތެރިކުރެވޭތޯ މަސައްކަތްކުރަންޖެހެއެވެ. ދުންފަތް ކޮންޓްރޯލް ކޮށް ބޭނުންކުރާ މިންވަރު މަދުކުރުމަށް ގިނަ ފިޔަވަޅުތައް އެއްފަހަރާ އަޅަންޖެހެއެވެ. ހަމައެކަނި އެއް ފިޔަވަޅަކުން ވެސް ނުވާނެއެވެ. މިގޮތުން ކާމިޔާބު ހޯދިފައިވާ ޤައުމުތަކުގެ ތަޖްރިބާއާއި ސައަސުގެ އަލިން ކުރެވޭނެ ބައެއް ކަންތައްތައް ޞިއްޙީ މާހިރުންނަށް އެގެއެވެ. ދުންފަތުގެބާވަތްތަކުގެ ޕެކެޓުގައި މަންޒަރު ހިމެނޭ އިންޒާރު ޖެހުމާއި ވަކިވަކިން ސިގެރޭޓޤ ވިއްކުން މަނާކުރުމަކީ މިމުހިްނމު ފިޔަވަޅޫތަކުގެ ތެރެއިްނ ވަރަށް މުހިންމު އެއް ފިޔަވަޅެކެވެ. ދުންފަތުގެ ބާވަތްތައް އެތެރެކުރުން މަނާކުރެވޭނަމަ އެނމެ ރަނގަޅު ގޮތެވެ.

The name is already taken The name is available. Register?

ދުރުމި

09 February 2018

ރާްއްޖޭގައި އުޅޭ ބަންގާޅު މީހުން ދޮޅުލައްކައަށްވުރެ ގިނަވެފައިވާ އިރު، އެމީހުން ބޯން ރާއްޖެ އެތެރެކޮށް ކަންމަތީ ފިހާރަތަކުން ވިއްކަމުންދާ އެމީހުންގެ “ރަށުބިޑި” ދިވެހީން ވެސް ގަނެ ބޭނުންކުރާ ޕެކެޓަކު ދިވެހިބަހުން ނޯވޭ އެއްވެސް އިންޒާރެއް. ރާއްޖެއަށް މި ބިޑި ސުއްޓާ އެތެރެވަނީ ކަސްޓަމުސް މެދުވެރިވެރި ނުވެތޯ؟ ފިހާރަތަކުގައި މި އެއްޗެހި ހުންނަނީ ކަމާ ބެހޭ މުއައްސާސާތަކަށް މިކަން ނޭނގިތޯ؟ ގަވާއިދާ ގާނޫނު ތަންފީޒުކުރުމުގައި ސަރުކާރު ނުކުޅެދިފައި އޮތްވަރު، ދިވެހި ވިޔަފާރިތައް ހިންގާ ބަންގާޅީ ސޭޓުންނަށް (ފިހާރަތަކާއި ސައި ހޮޓާތަކާއި މާރުކޭޓު ގޮޅިތަކާއި ގާޑިޔާ ފަދަ ތަންތަނަށް) ބަލާލީމާ އެހެރީ ސާފު މަންޒަރު ފެންނަން.

The name is already taken The name is available. Register?

ކެޔޮޅު

09 February 2018

ސިގިރެޓުގެ ދުމަށް ވުރެ ވަކި ކުޑަކަމެއް ނޫން ވެހިކަލުތަކުން އަރުވާދުން. ސިގިރެޓު ބޯ މީހުންނާއި ބޯތަންތަން އެވޮއިޑް މިހާރު ކުރެވޭ. މިވެހިކަލުތައް ގިނަވެ ތޮއްޖެހި އެންްމެން މީގެ ދުންބޯލަބޯލަ މިތިބެނީ މީއަޅެފަހެ 25 ބުރީގެ އިމާރާތާއި ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުން ގިނަކުރަން ވެގެންތަ؟ ކަންކަމާއި ހަވާލުވެގެން ތިބި ބަޔަކު ކަންކަން ރަނގަޅު ކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަން މީން އިނގެނީ. މެޑަލް ޖަހާ ހުރިހާ ކަމަކީ ތިމަންނަ ރަނގަޅުވެގެން ކޮށްދޭ ކަންކަމަށް ހަދަން އުޅޭއިރު މިބަލަނީ މީހުން ގަމާރުކޮށް ބޭތިއްބޭތޯ

The name is already taken The name is available. Register?

ރާއްޖެ

09 February 2018

އެމެރިކާގެ ސީޑީސީ ގެ ވެރިޔާ ފިޓްސްގެރަލްޑް މިދިޔަ މަހު އިސްތިއުފާ ދިނީ ދުންފަތް ކޮންޕެނީއެއްގެ ހިއްސާ އޮތްކަން ފަޅާއެރީމަ.

The name is already taken The name is available. Register?

ރަންޒަމާން

09 February 2018

ގެއްްލުންހުރި، ހުރިހާ ވިޔާނުދާ ކަމެއްގައިނަމަ ރާއްްޖެ އުޅޭނީ އެންމެ ކުރީގައި. އަދިި އެކަމަކަށް މަގުފަހިކުރުމަށް އެއިރެއްގައި އޮންނަ ސަރުކާރެއް އޮންނާނީ ވާގިވެރިިވާން. އެހެނީ ސަރުކާރުތައް މި ހިންގަނީ އެއްކަލަ ވިޔާނުދާ ކަންްކަމުގެ މަޅީގައި ރައްޔިތުންް ޖައްސައިގެން ބޮޑު މަންފާ ހޯދާ މަހުޖަނުންް "ހަދިިޔާ" ދީގެން. މިތަނަކީ ރައްްޔިތުންގެ ހެވާއިި ލާބަޔަށް އިސްކަންްދޭ ތަނެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454