ކުޅިވަރު / ޗެމްޕިއަންސް ލީގު

ސިޓީ ކުއާޓާއާ ގާތަށް، ޓޮޓެންހަމަށް ހިތްވަރެއް

14 ފެބުރުއަރީ 2018 - 09:04

ޓިއުރިން، އިޓަލީ (ފެބްރުއަރީ 14) ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ބަސެލް އަތުން 4-0 އިން ހޯދި މޮޅާ އެކު މެންޗެސްޓާ ސިޓީ މުބާރާތުގެ އަނެއް ބުރާ ކުއާޓާ ފައިނަލާ ގާތަށް ޖެހިލިއިރު، ރަށުން ބޭރުގައި ޔުވެންޓަސްއާ ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގައި ކުރިއަށް ދިއުމަށް ހިތްވަރު ހޯދައިފި އެވެ.

ސިޓީ ކުއާޓާގެ ފުރުސަތު ބޮޑުކުރީ ރަށުންބޭރުގައި ރޭ ހޯދި ބޮޑު މޮޅާ އެކު އެވެ. އަމިއްލަ ދަނޑުގައި އަންނަ މަހު ހަތް ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗުން ހަތަރު ގޯލުގެ ތަފާތަކުން ބަލިވެގެން ނޫނީ ސިޓީ މުބާރާތުން ކަޓާނެ ގޮތެއް ނެތެވެ.

ޓޮޓެންހަމް ރޭގެ މެޗުން ބަލިނުވެ ފަރުޖައްސާލިއިރު، އެ ޓީމު ވަނީ ރަށުން ބޭރުގައި ދެ ގޯލު ޖަހައިފަ އެވެ. އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު މެޗުން މޮޅެއް ހޯދައިގެން ޓޮޓެންހަމަށް ކުއާޓާގެ ފުރުސަތު އެބައޮތެވެ. ޔުވެންޓަސް އަށް ވެސް މޮޅަކާ އެކު އަނެއް ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތްއިރު، ޓޮޓެންހަމަށް ލަނޑެއް ނުޖެހި އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރަށް ދެވޭނެ އެވެ.

ބަސެލް ދަނޑުގައި ރޭ ސިޓީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލު ޖެހީ ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެވެ. އަނެއް ދެ ގޯލު ޖެހީ ބެނާޑޯ ސިލްވާ އާއި ސާޖިއޯ އަގުއޭރޯ އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީން ވަނީ ތަނަވަސްކޮށްފަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މޮޅާ އެކު އެ ޓީމަށް ގާތްގަނޑަކަށް ކުއާޓާގެ ޖާގައެއް ކަށަވަރުވި ނަމަވެސް ދެ ވަނަ ލެގުގައި ފަރުވާކުޑަކޮށްލެވެން ނެތް ކަމަށެވެ.

"ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރަކީ އަބަދުވެސް 180 މިނިޓް. ތެދެެއް މި މޮޅާ އެކު އަހަރެމެންނަށް ކުއާޓާގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވެއްޖެ. އޭގެ މާނަ އަކީ ފަސޭހަ ކޮށްލުމެއް ނޫން. ދެން އޮތް މެޗު ވެސް އަހަރެމެން ނަގާނީ ވަރަށް ސީރިއަސްކޮށް،" ގާޑިއޯލާ ބުންޏެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ އެ ޓީމުން ވަނީ ޓޮޓެންހަމް ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. މި ދެ ގޯލު ވެސް ކާމިޔާބުކުރީ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމުން މެޗުގެ ތެރެއަށް އައީ ހެރީ ކޭން ޖެހި ގޯލުންނެވެ. މެޗު ނިމެން 19 މިނިޓަށް ވެފައި ހުއްޓައި ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ކްރިސްޓިއަން އެރިކްސެން އެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ދެ ގޯލު ކުރީކޮޅު އެ ޓީމު ކޮޅަށް ވަނުމުން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ މެޗު ފެށިގޮތުން ގިނަ ބަޔަކަށް މި މެޗުން ޔުވެންޓަސް ބޮޑު ތަފާތަކުން މޮޅުވާނެ ކަމަށް ބެލެވުނު ކަމަށެވެ.

"ޔުވެންޓަސް މި މެޗުން 4-0 އިން މޮޅުވާނެ ކަމަށް ގަބޫލުކުރި މީހުން އެ ވިސްނީ ފުޓްބޯޅައިގެ ނަޒަރަކުން ނޫން. ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުވެދާނެ. ކޮންމެ އަހަރަކު އެއް ކަމެއް ތަކުރާރު ކުރަން ފަސޭހަ ނުވާނެ. ތެދެއް ޔުވެންޓަސް ކުޅެނީ މޮޅުވާން. އެކަމަކު ކޮންމެ އަހަރަކު ފައިނަލަށް ދިއުމަކީ ފަސޭހަކަމެއް ނޫން،" ކުރިން އޭސީ މިލާނަށް ކޯޗުކޮށްދިން އަލެގްރީ ބުންޏެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 29%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454