ލޮރީން ޖެއްސި ޑްރައިވަރުގެ ރެސިޑެންސް ޕާމިޓުގެ ކޮޕީއެއް. --ފޮޓޯ:އޭއެފްޕީ
16 ޖުލައި 2016 - 01:50
ނީސް (ޖުލައި 16) - ފްރާންސްގެ ނީސްގައި ގައުމީ ދުވަސް ފާހަގަކުރަމުން ދަނިކޮށް ލޮރީއެއްގައި ދުއްވާފައި ގޮސް މީހުންތަކުގެ ތެރެއަށް ވަދެ ޖައްސާ 84 މީހުން މަރާލި ޑްރައިވަރުގެ މައުލޫމާތު ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.
އުމުރުން 31 އަހަރުގެ ޓިއުނީޝިއާ އަށް އުފަން މުހައްމަދު ލަހޫޖް-ބައުހުލުލް އަކީ ޑެލިވަރީ ކޮށްދޭ މީހެކެވެ. ލޮރީން ޖެއްސި މީހާގެ މައުލޫމާތު ދެނެގަތީ ލޮރީތެރޭގައި އޮތް އޭނާގެ ލައިސަންސާއި މޯބައިލް ފޯނު އަދި ކްރެޑިޓް ކާޑުންނެވެ.
ހަމަލާ ދިން ލަހޫޖް-ބައުހުލުލް އަކީ ފްރާންސްގެ ޖާސޫސީ ފަރާތްތަކަށް ވެސް ކުރިން އެނގިފައިވާ މީހެއް ނޫނެވެ. އެކަމަކު ފްރާންސްގެ ބޮޑު ވަޒީރު މެނުއަލް ވަލްސް ވިދާޅުވީ އެއީ ޝައްކެއް ވެސް ނެތް ގޮތުގައި ހަރުކަށި ޖަމާއަތަކާ ގުޅިފައިވާ ޓެރަރިސްޓެއް ކަމަށެވެ.
ފްރާންސްގެ ނީސްގައި ގައުމީ ދުވަސް ފާހަގަކުރަން އެއްވެފައިވާ މީހުންގެ ގައިގައި ލޮރީން ޖެއްސި ހާދިސާ އަށް ފަހު ފޮރެންސިކް ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ޓިއުނީޝިއާގެ ސަލާމަތީ އޮފިޝަލުން ބީބީސީ އަށް ބުނީ ލަހޫޖް-ބައުހުލުލް އަކީ އުތުރުގެ ސަކެން ނަމަކަށް ކިޔާ ޓައުނަކަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާގެ ގާތްތިމާގެ މީހުން ކައިރިއަށް ޓިއުނީޝިއާ އަށް ވަރަށް ގިނައިން ޒިޔާރަތްކޮށް އުޅޭ ކަަމަށެވެ. ލަހޫޖް-ބައުހުލުލް އަށް ވަނީ ތިން ކުދިން ލިބިފަ އެވެ. އާއިލާ ރޫޅިފައިވީ ނަމަވެސް އޭނާގެ ކުރީގެ އަންހެނުންނާ ފުލުހުން ހުކުރު ދުވަހު ވަނީ ސުވާލުކޮށްފަ އެވެ.
ނީސްގައި ލަހޫޖް-ބައުހުލުލް އުޅުނު ސަރަހައްދުގައި އުޅުނު މީހުން ބުނި ގޮތުގައި އެއީ މަޑުމައިތިރި ބަސް މަދު މީހެކެވެ. އަދި މާ ދީންވެރި މީހެއް ނޫން ކަމަށް ވެސް ބުންޏެވެ. އެ ސަރަހައްދުގައި ކުޑަ މިސްކިތެއް ހުރި ނަމަވެސް އެ މިސްކިތަށް ވެސް އޭނާ ނުދާ ކަމަށާއި އޭގެ ބަދަލުގައި އޭނާ ބިއަރު ބޮނިކޮށް ވަރަށް ގިނައިން ފެންނަ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ހަމަލާ ދިން މީހާގެ ގޭގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ފްރާންސްގެ ފޮރެންސިކް އިންވެސްޓިގޭޓަރުން ހުކުރު ދުވަހު ވަނީ ލަހޫޖް-ބައުހުލުލް ދިރިއުޅުނު ފްލެޓަށް ވަދެގަނެ ކޮމްޕިއުޓަރަކާއި ފޯނެއް ގެންގޮސްފަ އެވެ.
އެއްވެފައިވާ މީހުންގެ ގައިގައި ޖެއްސި 19 ޓަނުގެ ލޮރީ އަކީ މި މަހު 11 ވަނަ ދުވަހު ކުއްޔަށް ނަގާފައިވާ އެއްޗެކެވެ. ލޮރީން ޖެއްސުމުން 84 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މީގެ ތެރޭން 52 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެ އެވެ. އަރިއަރިއަށް އޭނާ ލޮރީ ދުއްވާފައި ވަނީ ވެސް ވީހާވެސް ގިނަ މީހުންގެ ގައިގައި ޖައްސާ މަރާލުމަށް ކަމަށްވެ އެވެ. ފުލުހުން ބަޑިޖަހާ ޑްރައިވަރު ވަނީ މަރާލައިފަ އެވެ. ލޮރީތެރޭން ވަނީ ގޮވާ ޒާތުގެ ބައެއް އެއްޗެހި ވެސް ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އަލޯ
16 July 2016
ކިތަންމެ އެއްޗެއް ކިޔަސް، މިހާރު މިހިނގާ ޓެރަރިސްޓް އަމަލު ހިންގަނީ މުސްލިމް ނަންކިޔާ މުސްލިމް މުޖުތަމަޢުތަކަށް އުފަން މީސް މީހުން. މި މީހުން ހުއްޓުވުމަކީ މުސްލިމުންގެ ވަރަށް ބޮޑު ޒިންމާއެއްކަމަށް ދެކެން.
ބޯގޯސް
16 July 2016
އޭނާއަކީ މާ ދީންވެރި މީހެއް ނޫންކަމަށާއި، މިސްކިތައް ނަމާދަށްވެސް ގޮސް ނޫޅޭކަމަށާއި ބިޔަރުބޮއެ ހަދާތަން ފެންނަކަމަށް އޭނާގެ އަވަށްޓެރިން ބުނެެއެވެ. އަދި މިއީ ފްރާންސްގެ ޖާސޫސީ އިދާރާއަަށްވެސް ކުރިން ފާހަގަ ކުރެވިފައިވާ މީހެއް ނޫނެވެ. އެކަމަކު މުސްލިމްނަމެއް ކިޔާތީ "ހަރުކަށި ޚިޔާލުގެ" ޓެރަރިސްޓެކެވެ. ދެފުއްކެހެރި ކާފިރުންނާއި އެމީހުންގެ ބަހައް ހެއްލޭ މީހުންގެ ހުރި ނުބައިކަމާއެވެ.
ނޯބޯގޯސް
16 July 2016
އެހެންވީމާ އެއީހަމަ އަސްލުވެސް ހައްދުފަހަނައަޅާފައިހުރި މީހަކަށްތާމިވީ. ދެން އޮޅޭ މީހަކަށް އޮޅެންވީ.