23 ފެބުރުއަރީ 2018 - 18:10
ލަންޑަން (ފެބްރުއަރީ 23) - ޔުރޮޕާ ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި އިންގްލެންޑްގެ އާސެނަލް އާއި ޔޫރަޕްގައި އެންމެ ކާމިޔާބު އެއް ޓީމު އިޓަލީގެ އޭސީ މިލާން ވާދަކުރަން ޖެހިއްޖެ އެވެ.
އާސެނަލާއި މިލާން ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެއީ 2008 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރާއި 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގަ އެވެ. އާސެނަލުން 2008 ވަނަަ އަހަރު މިލާންގެ މައްޗަށް ކުރި ހޯދި ނަމަވެސް 2012 ވަނަ އަހަރު މިލާން ވަނީ އާސެނަލް ބަލިކޮށްފަ އެވެ.
މި ވަގުތު ޖެނާރޯ ގަޓޫސޯގެ ކޯޗުކަމުގައި މިލާނުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މި އަހަރު ފެށި ފަހުން އެ ޓީމުގެ ނަތީޖާތަށް އަންނަނީ ރަނގަޅުވަމުންނެވެ. އާސެނަލުން ގިނަ އަހަރުތަކަކަށް ފަހު މި މުބާރާތުގައި ވާދަކުރާއިރު، އާސެނަލްގެ ކޯޗު އާސެން ވެންގާ ދާދި ފަހުން ބުނީ އެ ޓީމުން ޔޫރޮޕާ ލީގަށް ވުރެ ބޮޑަށް ޕްރިމިއާ ލީގަށް އިސްކަންދޭ ކަމަށެވެ. އެހެން ނަމަވެސް ޔޫރޮޕާ ލީގުގައި ދެވެން އޮތް އެންމެ ކުރިއަށް ދާން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.
މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ އެތުލެޓިކޯ މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް މި ބުރުގައި ކުރިމަތިވެފައިވަނީ އުނދަގޫ މެޗުތަކެކެވެ. އެތުލެޓިކޯ ކުޅެން ޖެހެނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށެވެ. ލޮކޮމޯޓިވް މޮސްކޯ މި ބުރުގެ ޖާގަ ހޯދީ ރަނގަޅު ފޯމެއްގައި އޮތް ފްރާންސްގެ ނީސް ބަލިކޮށްފަ އެވެ. ޑޯޓްމަންޑް މި ބުރުގައި އޮސްޓްރިއާގެ ސަލްޒްބާގާ ކުޅެން ޖެހޭއިރު، އެ ޓީމުން ވަނީ ސްޕެއިނުގެ ރެއާލް ސޮސެއިޑާޑް ކަޓުވާލައިފަ އެވެ.
އިޓަލީގެ ލާޒިއޯ މި ބުރުގައި ކުޅޭނީ ޔޫކްރޭނުގެ ޑިނަމޯ ކިއޭވްއާ އެވެ. ލާޒިއޯ އަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގު އޮންނާނީ މި އަންނަ މަހު އަށް ވަނަ ދުވަހު އެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމު ބުރުގެ މެޗުތައް:
* އާސެނަލް - މިލާން
* ލާޒިއޯ - ޑިނަމޯ ކިއެވް
* އާރްބީ ލިޕްޒިގު - ޒެނިޓް
* އެތުލެޓިކޯ މެޑްރިޑް - ލޮކޮމޯޓިވް މޮސްކޯ
* ސީއެސްކޭއޭ މޮސްކޯ - ލިޔޯން
* މާސޭ - އެތުލެޓިކް ބިލްބާއޯ
* ސްޕޯޓިން - ވިކްޓޯރިއާ
* ބޮރޫޝިއާ ޑޯޓްމަންޑް - ސަލްޒްބާގް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy