26 ފެބުރުއަރީ 2018 - 09:10
ލަންޑަން (ފެބްރުއަރީ 26) - ރޭ އާސެނަލްގެ މައްޗަށް 3-0 އިން ކުރި ހޯދައި އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ހޯދުމަކީ ވަރަށް ގިނަ ކާމިޔާބީތަކެއްގެ ފެށުން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ރޭގެ މެޗު ފަށައިގެން 18 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕީނާ ބޯމަތިން އޮއްސިގެން ގޮހެވެ. ދެ ވަަނަ ހާފްގައި ސިޓީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެ ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެވެ. އަދި ފަހު ލަނޑު ޖެހީ ޑޭޥިޑް ސިލްވާ އެވެ.
މިއީ ސިޓީން ފައިނަލެއްގައި އެންމެ ތަފާތު ބޮޑުކޮށް ހޯދި މޮޅެވެ. އަދި އާސެނަލް ފައިނަލެއްގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި ފަހަރެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ މި ކާމިޔާބީގެ ހުރިހާ ކްރެޑިޓެއް އެ ޓީމުގެ ކުޅުންތެރިންނަށް ދީފަ އެވެ.
"މިއީ އަހަރެންނަށް ހޯދި ތަށްޓެއް ނޫން. މިއީ ސިޓީގެ ތަށްޓެއް. މީގެ ހުރިހާ ކްރެޑިޓެއް ދޭންވީ މި ކުޅުންތެރިންނަށް. އަހަންނަކަށް ނޫން. މިއީ ވަރަށް ގިނަ ކާމިޔާބީތަކެއްގެ ފެށުން. އަހަރެމެން ދެން ވިސްނަނީ ޕްރިމިއާ ލީގަށް ދެން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށްދާން،" ގާޑިއޯލާ ބުންޏެވެ.
މިއީ ސިޓީން ލީގު ކަޕް ހޯދި ފަސް ވަނަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދީ ލިވަޕޫލެވެ. އެ ޓީމުން ވަނީ އަށް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
އާސެނަލް އެންމެ ފަހުން ލީގު ކަޕް ފައިނަލުގައި ކުޅުނު އަށް ފަހަރުގެ ތެރެއިން ހަ ފަހަރު ވަނީ ބަލިވެފަ އެވެ. މިއީ އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އެ ޓީމަށް ހޯދައިނުދެވޭ އިނގިރޭސި ހަމައެކަނި މުބާރާތެވެ.
ވެންގާ ބުނީ ފައިނަލަކުން ބަލިވުމުން ވަރަށް ގިނަ ފާޑުކިޔުން އަމާޒުވާނެ ކަމަށާއި އެކަމަށް ތައްޔާރަށް ހުރި ކަމަށެވެ.
"މި ގޮތަށް ފައިނަލަކުން ބަލިވީމަ މުޅި ޓީމަށް ކުޅުންތެރިންނަށް އަދި ކޯޗަށް ވެސް ފާޑުކިޔާނެ. އެ ކަމަށް ތައްޔާރު. އަހަރެން ބުނެލަން އޮތީ އިދިކޮޅަށް ނުކުތް ޓީމުގެ ވަރުގަދަކަން އެބަ އެނގެން ޖެހެޔޭ ވާހަކަ ދައްކާ މީހުންނަށް. އެ ޓީމު (ސިޓީ) އެ އަންނަނީ އިނގިރޭސި ޕްރިމިއާ ލީގު ޑޮމިނޭޓް ކުރަމުން،" ވެންގާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
26 February 2018
މަރުހަބާ ސިޓީ.