ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީނާއި އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 މާޗް 2018 - 14:57
ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، އެ މަނިކުފާނު އަަޒުލުކުރަން ރައްޔިތުންގެ މަޖިލީހުގައި ބޭނުންވާ 57 ވޯޓު ހަމަނުވާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެ ގޮތަށް ފާސްކޮށްފި ނަމަ އެވެ. އެއީ، މަޖިލީހުގެ މިހާރުގެ މެމްބަރުންގެ އަދަދުން ބަލާއިރު، 57 މެމްބަރުންގެ ވޯޓެވެ. ޕީޕީއެމް/އެމްޑީއޭ އަށް މި ވަގުތު 41 ވޯޓު ލިބޭ އިރު، އިދިކޮޅު ފަރާތްތަކަށް ލިބެނީ 44 މެމްބަރުންގެ ވޯޓެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ކައްޕި"އާ އެކު ކުރަމުން އަންނަ ދަތުރު ކާމިޔާބު ކަމާ އެކު ނިންމާފައި ދެ ވަނަ ދަތުރެއް މި އަހަރުގެ ނޮވެމްބަރު މަހުގައި ފައްޓާނެ ކަމަށެވެ. އަބްދުއްރަހީމް ކައްޕިއެއްގެ ލަގަބު ދެއްވީ ރައީސް ޔާމީނަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލު ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެ ކަމަށާއި އެކަން ކުރިޔަ ނުދޭން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އޮތީ ފާރަލައިގެން، ތައްޔާރަށް ކަމަށެވެ. އަދި ޕީޕީއެމުން ތައްޔާރުވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި އިދިކޮޅު ފަރާތްތަކުން އިންތިހާބާ ދޭތެރޭ ނުވިސްނަނީ ކާމިޔާބުނުވާނެ ކަން ޔަގީންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަކީ "މުރަނގަ ގަސްދޮށު މާލިމީ" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެ ކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ "ފަޅުތަކާއި ގިރިތައް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކުޅަދާނަ މާލިމީއެއް" ކަމަށެވެ.
"ރައީސް ނަޝީދު ދުއްވި އޮޑި ފަރަށް އަރައިގެން ދިޔަ ގޮތަށް އަޅުގަނޑުމެންގެ އޮޑި ފަރަކަށް ނާރާނެ،" ނަޝީދު ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންގެ ރުހުން ހޯދަން ނަޝީދު ވާހަކަތަކެއް ދެއްކެވި ނަމަވެސް ސަލާމަތީ ޚިދުމަތްތަކުން އެ ވާހަކަތައް ގަބޫލެއް ނުކުރާނެ އެވެ. ނަޝީދަކީ ފުލުހުންނާއި ސިފައިންގެ ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ޖުޑިޝަރީ ތެރެއިން ރޭވި ބަޣާވާތް ނާކާމިޔާބު ކޮށްލެވުނީ ރައީސް ޔާމީންގެ ލަފާފުޅުގެ މަތިން ފުލުހުންނާއި ސިފައިން އަމަލު ކުރުމުގެ ސަބަބުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވަޒީރުން ތިއްބެވީ މަގާމުން އިސްތިއުފާ ދެއްވާ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނާއެކު ސާބިތުވެގެން މިތިބީ ދިވެހި ގައުމުގެ ހައްގުގައި، މާތްވެގެންވާ އިސްލާމް ދީނުގެ ހައްގުގައި. ރައީސް ޔާމީން އެ ކުރައްވާ މަސައްކަތް އަޅުގަނޑުމެން ހިތާއި ރޫހުން ގަބޫލު ކުރާތީ. އެހެންވެ، އޮޅުވާލުމުގެ ގޮތުން ވާހަކަ ދައްކާނެ ކަމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ވިދާޅުވީ ރައީސް ޔާމީން މަގާމުން ދުރުކުރަން މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެއްވެސް ކަމެއް ކާމިޔާބު ނުވި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް "ބަޣާވާތް" ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިފައިންނާއި ފުލުހުން ގައުމާއި ދީނަށްޓަކައި ކުރި ހުވާ ހަނދާން ހުރިހާ ހިނދަކު، ކެނެރީގޭ ނަޝީދު ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެ،" ނިހާނު ވިދާޅުވި އެވެ.
ޓޫރިސްޓުން ރާއްޖެ އަޔަ ނުދިނުމަށް ބަޣާވާތުގެ އަހުލުވެރިން ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ކާމިޔާބުނުވާ ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގިނަ ރިސޯޓުތަކެއް މިހާރު ވެސް ފުލްވެފައިވާ ކަމަށާއި ރާއްޖެ އިން ބޭރުގައި ބަޣާވާތުގެ ބައިވެރިން ބަލިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
09 March 2018
ކައްޕިއޭ ހީރޯއޭ ކިޔައިގެން ނޫސްތަކުގައި ރީތި ނަންތަކެއް ލިޔަން އުޅުނަސް އަދި ލިޔުނަސް، ރައީސް ޔާމީން 6 ފެބްރުއަރީ 2012 ގައި އުޅުއްވި ގޮތާއި، ކުރެއްވި ކަންތައްތަކާއި މިހާރު ވެރިކަމަށް ވަޑައިގެން ޤާނޫނުތަކާއި ޤާނޫނު އަސާސީއަށް ގެންނެވި ބަދަލުތަކާއި، ކޯޓުން ކުރި ހުކުމެއް ބަލއިގަންނަން އުނދަގޫ ވެގެން އިއުލާންކުރެއްވި ސްޓޭޓް އޮފް އެމަޖެންސީގެ ވާހަކަތަކަކީ އޮޅުވާލެވޭނެ ވާހަކަތަކެއް ނޫން އަދުރޭ. އަދި 2 ދައުރެއް ނޫން މިރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުކޮށްލައްވައިގެން މުޅި އުމުރަށް ގަނޑުވަރު ތެރޭގައި އުޅުއްވަން ކިތަންމެ މޮޅު ޕްލޭނެއް ގެންގުޅުއްވިޔަސް، އަދުރޭ ވެސް ރައީސް ޔާމީން ވެސް މަރުވާނެކަން ހަމަ "ޔަޤީން". ވީމާ 2018 ޔަޤީންވުމަކުން މާމޮޅުތަކެއް ނުވާނެތާ.
ބޮޑުރިޔާ
09 March 2018
މަށައްވެސް ހީވަނީ އެއީހަމަތެދެއްހެން އެއީ އިދިކޮޅަށް ގިނަވާވަރަކަށް ޖަލުކޮޅަށްވެސް ގިނަކުރާނަން އެހެންވީމާ ކިހިނެއްހަމަކުރާނީ މިހާރުވެސް މަޖިލިސް އެތެރެއަށް ވަދެވޭނީ އަހަރުމެންނަށްވުރެން މަދު އިދިކޮޅު މީހުންނަށް
ވިސްނޫ
09 March 2018
އެއްކަމެއް ކަށަވަރު ވެއްޖެ. އެއްކަލަ 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ. މިވަރު މިއަރުވަނީ އެހެންވީމަ.
ޢަލިދީދީއައްޑޫސިޓީ
09 March 2018
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ކެރިވަޑައިގަންނަވާނެތޯ "އޮޓޯ އިން ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިވާ ގޮތަށް" ޤާނޫނަށް އިޞްލާޙެއް ހުށަހަޅަން.
ތުއްތުބޭބެ
09 March 2018
މިގޮތަށް ވެރިކަމާއި މެމްބަރުކަން ކުރާމީހުން އަބަދު ތިބޭނަމަ ރާއްޖޭގެ ނަމާއި ދިން ވެސް ނޮއޮންނާނެ.
----ސީ އައި އޭ
09 March 2018
އެސް އޯއީ ގެ ދަށުން ކުރާ އިރު ވޯޓެއް ބޭނުން ނުވާނެ؟
ވާނެ ވާނެ......
09 March 2018
ހާދަ ބިރެކޭ މިކުދިން މިގަންނަނީ
ނަސީދު
08 March 2018
ޕީޕީއެމް ފުރަތަމަ 43 މެންބަރުން ހޯދަންމަަސައްކަތް ކުރަން ވީ އެގޮތުން ރާއްޖެގައި އިތުރައް އަތޮޅު ހަދައިގެން ނަމަވެސް ގޮނޑި ހޯދަންވީ ދެގޮނޑި މިހާރުވެސް ލިބިދާނެ އެއީ ތިލަފުށިން ނާއި ގުޅީފަޅުން
falaku ain
08 March 2018
ހެވިފާ ތިބޭނެކަމެއްނެތް. ޑްރާމާ ނިމެނީ. ދެން ރޯން ތިބޭނީ.
ފަގީރު ކޮއި
08 March 2018
މަށަށް ހާދަހީވޭ އަބުދުއްރަހީމު ރައީސް އަޒުލުކުރަން ވޯޓް ދޭނެހެން.