ޑެންގީ ފަތުރާ އީޑީސް މަދިރިއެއް: ޑެންގޫއާ އެކު ސްޓްރޯކް ވެސް ޖެހިދާނެ.
15 މާޗް 2018 - 06:25
ޑެންގީ ހުމަކީ ރާއްޖޭގައި ވެސް ވަރަށް އާންމު ބައްޔެކެވެ. މަދިރިން ޖެހޭ މި ބައްޔަށް، ވިއްސާރަ މޫސުމުގައި ހާއްސަ ސަމާލު ކަމެއް ދިނުމަށް، ކަމާ ބެހޭ ފަފާތްތަކުން އަބަދު ވެސް އިރުޝާދު ދެ އެވެ. މިއީ އެކަށީގެންވާ ފަރުވާ ނުލިބިއްޖެ ނަމަ، ފުރާނަ އަށް ވެސް ނުރައްކާ ބައްޔެކެވެ.
މި ބައްޔާ ބެހޭ ގޮތުން ހެދި ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ޑެންގީ ޖެހޭ މީހުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ވެސް ބޮޑެވެ. އެކަމަކު އެ ބައްޔާއި ސްޓްރޯކާ އޮތީ ކިހާ ވަރެއްގެ ގުޅުމެއް ކަމެއް ދިރާސާގައި ތަފުސީލުކޮށް ދީފައެއް ނުވެ އެވެ.
ޓައިވާންގެ ޗައިނާ މެޑިކަލް ޔުނިވަސިޓީ ހޮސްޕިޓަލްގެ ރިސާޗަރު ޗިއާ-ހުން ކާއޯ ވިދާޅުވި ގޮތުގައި ސްޓްރޯކް ބިރު، ބޮޑީ ޑެންގީ ހުން ޖެހި އެ ބަލީގެ ފުރަތަމަކޮޅުގައި އެކަށީގެންވާ ފަރުވާ ނުލިބި ޑެންގީގެ ނުރައްކާ ބޮޑުވާ ހިސާބުންނެވެ. އެހެންވެ ބަލި ޖެހޭ ހިސާބުން ފެށިގެން އަވަސް ފަރުވާ ބޭނުންވެ އެވެ.
"އެކަމަކު މިހެން މި ދިމާވަނީ ކީއްވެގެންތޯ އިތުރަށް އެބަ ޖެހޭ ބަލަން. ޔަގީންވާ ކަމަކީ ޑެންގީ ޖެހި އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށްވާ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ދިރާސާގައި ބުނާ ގޮތުން ޑެންގީ އަށް ފަރުވާ ހޯދަމުން އަންނަނިކޮށް، ސްޓްރޯކް ޖެހިގެން ރިޕޯޓް ކޮށްފައި ހުރި ކޭސްތައް ނިސްބަތުން މަދެވެ.
ޑެންގީ މަދިރި ނައްތާލަން ފޮގް ކުރަނީ.
ދިރާސާ އަށް، 2000-2012 އަށް ޑެންގީ ޖެހިގެން ފަރުވާ ހޯދި އުމުރުން 31-60 އަހަރާ ދެމެދުގެ މީހުންގެ މައުލޫމާތުތައް ބޭނުންކޮށްފައިވެ އެވެ. އެ މުއްދަތުގެ ރެކޯޑްތަކަށް ބަލާއިރު، ޑެންގީ ޖެހިގެން ފަރުވާ ހޯދަނިކޮށް ސްޓްރޯކް ޖެހުނު މީހުންގެ އަދަދު ގިނަކަން ފާހަގަ ކެނެޑާގެ މެޑިކަލް އެސޯސިއޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުންޏެވެ.
އީޑީސް މަދިރިން ޖެހޭ ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މުޅި ދުނިޔޭގައި އަހަރަކު 96 މިލިއަން މީހުންނަށް ޑެންގީ ޖެހެ އެވެ. އަދި މީގެ ތެރޭގައި ހުން ޖެހިގެން މަރުވާ ކުޑަކުދިންގެ އަދަދު ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy