ފިލިޕީންސްގެ ރައީސް ޑުޓާޓެ: އައިސީ އިން ވަކިވާނެކަން ވަނީ އިއުލާން ކުރައްވާފައި. --ފޮޓޯ:އޭއެފްޕީ
14 މާޗް 2018 - 15:27
މެނީލާ (މާޗް 14) - ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ވަކިވުމަށް ނިންމާފައިވާ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އިއުލާން ކުރައްވައިފި އެވެ.
އައިސީސީން ވަކިވާކަން ޑުޓާޓެ އިއުލާންކުރެއްވި އިރު އެ ކޯޓުން ވަނީ ފިލިޕީންސްގައި ޝަރީއަތަކާ ނުލައި މީހުން މަރާ މައްސަލައިގެ ޕްރިލިމިނަރީ ތަހުގީގެއް ފަށައިފަ އެވެ. ޑުޓާޓެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ ފިލިޕީންސްގައި ޑްރަގު ބޭނުންކޮށް ވިޔަފާރި ކުރާ މީހުން މަރަން އަންގަވައިފަ އެވެ.
ޑުޓާޓެގެ އަމުރަށް ފިލިޕީންސްގައި 4،000 މީހުން މަރާފައިވާ ކަމަށްވެ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ޖަމާއަތްތަކުން ބުނަނީ އެ އަދަދު ތިން ގުނަ އިތުރުވާނެ ކަމަށެވެ.
އައިސީސީން ވަކިވާނަމަ އެއް އަހަރުގެ ނޯޓިސް ދޭން ޖެހޭނެ އެވެ.
"އައިސީސީ ދަނީ ފިލިޕީންސްއާ ދެކޮޅަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން. އެހެންވެ މި ނިންމަނީ މިއަދުން ފެށިގެން އައިސީސީން ވަކިވުމަށް،" ޑުޓާޓެ ވިދާޅުވި އެވެ.
ދެހާސް ދެ ވަނަ އަހަރު އުފެއްދި އައިސީސީ އަކީ ޖިނާއީ ކުށްތައް ބަލާ ބައިނަލްއަގުވާމީ ހަމައެކަނި ކޯޓެވެ. އެ ކޯޓުން ބަލަނީ ގައުމީ ކޯޓުތަކުން ނުބަލާ މައްސަލަތަކެވެ.
އައިސީސީގައި ފިލިޕީންސް ބައިވެރިވެފައި ވަނީ ކުރީގެ ރައީސް ބެނިން އަކީނޯގެ ވެރިކަމުގައި 2011 ވަނަ އަަހަރު އެވެ.
ބައިނަލްއަގުވާމީ ވަކީލުން ބުނެފައި ވަނީ އައިސީސީން ފިލިޕީންސް ވަކިވި ނަމަވެސް އެ ގައުމުގެ މައްސަލަތައް ބެލުން ނިމުނީ ނޫން ކަމަށެވެ. އައިސީސީގެ މެންބަރެއްގެ ގޮތުގައި ފިލިޕީންސް ހޭދަކުރި ދުވަސްތަކުގައި ހިންގާފައިވާ ޖަރީމާއެއް ނަމަ ބެލޭނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާސް
15 March 2018
ފަލަސްތީން ސީރިޔާ ޔަމަން އިރާގުގައި ހިންގާޖަރީމާތަށް ޒިންމާވާފަރާތްތަށް ތިކޯޓުތަކުން ނުހިންގެންޔާ ތިތާ މެންބަރުންގޮތުގައި ތިބުމުގެ ބޭނުމެއް ނެތް
ރަދީފް
14 March 2018
ސާބަހޭ ޑުޓަޓޭ. ތިކަން ކޮޕީކުރާނެ މީހަކު އެބަހުރި ސައުތު އޭޝިޔާގެ ''ޕެރެޑައިސް''ގެ ނަމުން މަޝްހޫރު ގައުމުގަ.ވ.ވެދުން
އަހުމަދު ސަލީމް
14 March 2018
އަދުރޭ ބައްލަވާ މީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް... މި މަގު އަޅުގަނޑުމެނަށްވެސް އެޅިދާނެ... ގައުމުގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލާއި ދެބޭންގެ ދެދަރިކަންވެސް ނެގެހެއްޓޭނީ އޭރުންކަމަށް އަޅުގަނޑު ދެކެން... ވަރަށް ސަލާމް...