އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، އެ މިނިސްޓްރީއާ ގުޅޭ މުހިއްމު މައުލޫމާތުތައް ލިބޭ ފޮތެއް ނެރެދެއްވަނީ: ގިނަ ރަށްތަކެއްގައި ފެނުގެ ނިޒާމް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައި.-- މިހާރު ފޮޓޯ
28 މާޗް 2018 - 13:32
ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އިން ރާއްޖެ އަށް ލިބިފައިވާ އެހީގައި ފެން ރައްކާ ކުރާ ނިޒާމް 45 ރަށެއްގައި ގާއިމް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.
މި މަޝްރޫއުގައި، ފެން ރައްކާ ކުރާ ނިޒާމް ގާއިމް ކުރަން ހަމަޖައްސާފައިވާ ރަށްތަކުގެ ތެރޭގައި ހއ، ހދ، ށ، އއ، ތ، އަދި ގދ. އަތޮޅުގެ ގިނަ ރަށްތައް ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާންގައި ބުނީ، ފެން ރައްކާ ކުރާ ނިޒާމް ގާއިމް ކޮށްދިނުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކުން، މާދަމާ މެންދުރު 12:00 ގެ ކުރިން ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ދައްކަންޖެހޭނެ އެވެ.
ފެން ރައްކާ ކުރާ ނިޒާމްގެ މަސައްކަތުގެ ބީލަން ހުޅުވާނީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ. އެ ބީލަމުގެ މުއްދަަތަކީ ބީލަން ހުށަހަޅާ ދުވަހުން ފެށިގެން 120 ދުވަސް ކަމަށް ފިނޭންސްގެ އިއުލާނުގައި ވެ އެވެ.
ފެން ރައްކާ ކުރާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ވާރޭފެން ނަގާ ކޮންވޭޔަންސް ޕައިޕް އެޅުމާއި ވާރޭ ފެން ރައްކާ ކުރާ ޓޭންކާއި އަލްޓްރާފިލްޓްރޭޝަން ޔުނިޓާއި ޓްރީޓަޑް ވޯޓާ ޓޭންކް ގާއިމް ކުރުން ހިމެނެ އެވެ.
އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްތައް ފެނަށް ޖެހެ އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ރަށްރަށް ފެނަށް ޖެހޭ މައްސަލަ އަށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ރަށްތަކުގައި ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި 70 އަށް ވުރެ ގިނަ ރަށުން ފެން ހުސްވެގެން ފެން ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާ
29 March 2018
ތިޔަ އީ ބޭކާރުކަމެއް... ސަރުކާރުން ރަށްރަށޫގެ ފެނުގެހިދުމަތޭކިޔާކަށް ތިކަންކުރާނެކަމެއްނެތް... ކުރީގެސަރުކާރުން ސީއެސްއާރުގެ ދަށުން ގިނަރަށްތަކަކަށް ފެނާއި ނަރުދަމާގެހިދުމަތްދޭންނިންމުން އެއީސަރުކާރުން ހަރަދެއްނުގޮސް ރަތްޔިތުންނަ ލިބޭނެ ކުރިއެރުން... ރަތްޔިތުންގެ ތަރިކަކަމުގައިވާރިސޯޓް ތަކުންވަކިބަޔަކުކައިގެން ބަނޑުފުރަމުންދިޔައީ... ބެޑުވިއްކާފައި އެޑޮލަރުގައުމަށްނުވެސްވަށްދާ.. ދެންޑޮލަރުގެ އަގުދަށަށްދާނީކިހިނަކުންބާ؟؟ ތަކެތިއެތެރެކުރަންޖެހެނީ ބޭރުގައުތަންޑޮލަރުދީފައި ....
ރޯޒް ރައީސް
29 March 2018
ތީހަމަ ވޯޓްކައިރިވާތި ރައްޔަތުން ލޮލުގަ އަޅުވާ އަނދުން.
ކަޅުބެ
29 March 2018
ސަރުކާރުގައި ތިބުނާ ވަރަކަށް މިހާރު ފައިސާއެއްނެތް. ޓޫރިޒަމް އެހާރަގަޅެއްނޫން. އިމްޕޯޓް ދަށްވެއްޖެ. ތިޔައީ އަންނައޮތް އިންތިހާބު ބޯމަތިވަމުންދާތީ އިއްވާލާ ސުރުހީއެއް. އެގޭނެ އިއުލާން ކުރާއިރުވެސް ބަޔަކު ނުވާނެކަން.
ދަމަނަ
28 March 2018
ތިނިޒާމް މިހާރުވެއް ހުރީ ގާއިމްކޮށްފާ؟ އެރަށް ރަށު ގޭގޭގައި މިހާރުވެސް ކަޅުހަން ހުރީ ބަހައްޓާފައި އެއީ ސުނާމީގެ ފަހުން ބެހި ހަން
އައްޕި
28 March 2018
ތިޔަ އިއުލާން މާދަމާ ކެންސަލް ކޮއްލާނެ. ތިކަހަލަ ކިތަންމެ އިއުލާނެއް ކޮސްފަ "ފަލަ ސުރުހީ" އަށް އަރުވާލާފަ އިއުލާން ބާތިލްކޮއްލަނީ. މީ ނުދައްކާ ވާހަކައެއް.
މަހަށްދޭދޭ
28 March 2018
ތިޔާ ޕްރޮޖެކްޓް ދޭނީ ލަންކާ ކުންފުންނަކަށް ނުވަތަ އިންޑިއާ ކުންފުންނަކަށް އެމްޑަބްލިޔު އެސްސީ އަށް ނުދޭނެއެވެ. އަދި އެމްޑަބްލިޔު އެސްސީ އަށް ހިތްވަރު ދީގެން އެމެން ލައްވާ މިބިޑް ލާން ފިނޭންސް މިނިސްޓަރުގެ ހައިސިއްުޔަތުން ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުހުންނާނެއޭ އެކަމަކު ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ބެލެނިވެރި ފަރާތަކީ އެއީ ފިނޭންސް މިނިސްޓަރު ދޯ. މަހަށް ދޭބަލަ ދެން، މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..