ކިއުބެކުގެ މިސްކިތަށް ހަމަލާ ދިން
29 މާޗް 2018 - 14:10
ކިއުބެކް ސިޓީ (މާޗް 29) - ކެނެޑާގެ ކިއުބެކް ސިޓީގެ މިސްކިތަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރި މީހާ ކޯޓުގައި ކުށަށް އިއުތިރާފް ވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ އެލެގްޒެންޑްރާ ބިސޮނެޓުގެ މައްޗަށް ވަނީ މީހުން މެރުމުގެ ހަ ދައުވާ އުފުލައިފަ އެވެ. ޔުނިވާސިޓީގެ ކުރީގެ ދަރިވަރުގެ އިއުތިރާފާ އެކު އެ މައްސަލަ ގާތްގަނޑަކަށް ނިމުމަކަށް އައީ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދަށް ތިއްބާ ކިއުބެކްގެ އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ބަޑިން ދިން ހަމަލާގައި ހަ މީހުން މަރުވި އެވެ. ފަސް މީހަކު ވަރަށް ބޮޑަށް ޒަޚަމްވި އެވެ. އޭގެ ތެރޭން އެކަކު ވަނީ ޕެރަލައިޒްވެފަ އެވެ.
"އަހަރެން ކުރި ކަންތަކަށް މިހާރު ލަދުވެތިވަން. އެކަމަކު އަހަންނަކީ ޓެރަރިސްޓެއް ނޫން،" ކޯޓުގައި އޭނާ ބުންޏެވެ.
ބިސޮނެޓު ކުށަށް އިއުތިރާފްވުމުން ފަނޑިޔާރު ވަނީ އޭނާގެ ނަފްސާނީ ޓެސްޓްތަކެއް ހަދަން އަންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy