ސާފު ރާއްޖެ ގައުމީ މަހާސިންތާގެ މައުލޫމާތު ހިއްސާކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިރު (ވ) ވާހަކަދައްކަވަނީ.--މިހާރު ފޮޓޯ
20 ޖުލައި 2016 - 11:35
ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށާއި އެ މައްސަލައަށް ހައްލު ހޯދަން 180 ރަށުން އިއްޔެ އެއްބަސްވެފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދަރުބާރުގޭގައި ބޭއްވި "ސާފު ރާއްޖެ ގައުމީ މަހާސިންތާ"ގައި ރާއްޖޭގެ ފަސް ރަށެއް ފިޔަވައި ހުރިހާ ރަށަކުން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ. އެއީ ކޮންމެ ކައުންސިލަކުން ވެސް ދެ މަންދޫބުންނެވެ.
މަހާސިންތާގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ މި ހަރަކާތުގެ ތެރޭގައި 180 ރަށުން ކުނީގެ މައްސަލަ ހައްލުކުރަން މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކަމަށާއި އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގެ ކުނީގެ މައްސަލަ މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށާއި އެކަމުގެ ތަފްސީލީ ރިޕޯޓެއް ފަހުން ހާމަކުރާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
"މަހާސިންތާއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގެ 180 ރަށުން ކުނީގެ މައްސަލަ ހައްލުކުރަން އެއްބަސްވުން،" ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ މަހާސިންތާގެ ތެރޭގައި ބޭއްވި އެކި ހަރަކާތްތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުނި މެނޭޖުކުރުމާ ގުޅޭ ގޮތުން އާއްމުންގެ ހޭލުންތެރިކަން ކުޑަކަން ކަމަށާއި ނަމަވެސް މިހާރު އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ހިއްސާކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޭލުންތެރިކަން ކުޑަވުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވުނީ. މިކަމުގެ ތެރޭގައި އަޅުގަނޑުމެން ވާނެ ކުނި މެނޭޖުކުރުމާ ގުޅޭ ޕޮލިސީ އަދި ގާނޫނުގެ މައުލޫމާތު ހިއްސާކޮށްފައި،" އާމިރު ވިދާޅުވި އެވެ.
މި މަހާސިންތާއަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑު
20 July 2016
އެންެމެ ބޮޑު މައްސަލަ ތިހައްލުކުރީ ހާދަ މޮޅު ގޮތަކަށޭ، ރަށްރަށުގެ ކުނީގެ މައްސަލަ މަހާސިންތާގެ ބައިވެރިން ހުވައެއްކޮށްގެން ހައްލުވާނެބާ. ބުނެބަލަ ތިމަހާސިންތާއިން ލިބުނު އިތުރު ކުރިއެރުމެއް. ކަމެއް ކުރާނެގޮތެއް ކިޔާލަދޭންވެސް އެނގުނީ އެމް.ޑީ.ޕީ ސަަރުކާރުން ބޭރުން ޓްރޭނިންގ ދީފަތިބި ކައުންސިލަރުންނަށް.
ކައުންސިލަރ-އެކްސް
20 July 2016
މިހާރުން ސާފުކޮށްލެވިދާނެތޯ ތި އެއްބަސް ވުމުގައި އޮތީ ކީކޭތޯ؟ކުނީގެ މައްސަލަ ހައްލު ނުވެގެން މިއުޅެނީ ވަސީލަތްތައް އަދި ފައިސާ ނެތިގެން.. މިކަންކަމައް އެއްބަސް ވެވުނުތޯ؟