ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން. --ފޮޓޯ:އޭއެފްޕީ
06 އެޕްރީލް 2018 - 14:55
ބާލިން (އެޕްރީލް 6) - ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން ސްޕޭނަށް ހަވާލު ކުރަން ޖެހޭ ވަރުގެ ސަބަބެއް ނެތް ކަމަށް ބުނެ ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރަން ޖަރުމަނުގެ ކޯޓަކުން އަންގައިފި އެވެ.
ނަމަވެސް ޝްލެސްވިގް-ހޯލްސްޓެއިން ކޯޓުން ބުނީ އޭނާ ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސްޕޭނުގެ ކޯޓުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ސްޕޭނަށް ހަވާލު ކުރުމަށް ނެރުނު އަމުރު މަނާ ނުކުރާ ކަމަށާއި އެކަމަކު އެ އަމުރު މި ވަގުތު ސަސްޕެންޑް ކުރީ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.
ޖަރުމަނުގެ އުތުރުގެ ސަރަހައްދަކުން ޕުޖްޑެމޮން ހައްޔަރު ކުރީ މިދިޔަ މަހު 25 ގަ އެވެ. އޭރު ސްޕޭނުން ވަނީ ޕުޖްޑެމޮން ހައްޔަރު ކުރަން ޔޫރަޕިއަން އެރެސްޓް ވޮރެންޓެއް ނެރެފަ އެވެ. ޕުޖްޑެމޮން ޖަރުމަނުން ހައްޔަރު ކުރި އިރު އޭނާ ގެންދެވީ ބެލްޖިއަމަށް ވަޑައިގަތުމަށް އެއްގަމު މަގުން ދަތުރު ކުރައްވަމުންނެވެ.
ޕުޖްޑެމޮން އާއި ކެޓަލޯނިއާގެ ކުރީގެ ވެރިންގެ މައްޗަށް ސްޕޭނުން ދައުވާ ކުރަނީ މިދިޔަ އޮކްޓޯބަރު މަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމުންނެވެ. އޭގެ ފަހުން ޕުޖްޑެމޮން ވަނީ ބެލްޖިއަމަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy