ރަޝިޔާގެ ކުރީގެ ޖާސޫސް ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ޔޫލިއާ.
07 އެޕްރީލް 2018 - 15:49
ލަންޑަން (އެޕްރީލް 7) - އިނގިރޭސި ވިލާތުގެ ޝޮޕިން މޯލެއްގެ ބޭރުގައި މިދިޔަ މަހު ކުރީކޮޅު ނުރައްކާތެރި ނާވް އެޖެންޓެއް ބޭނުންކޮށްގެން ހާލު ދެރަކޮށްލި ރަޝިޔާގެ ކުރީގެ ޖާސޫސީ އެޖެންޓް ސާގީ ސްކްރިޕަލް ނުރައްކަލުން ސަލާމަތްވެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
ސަލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުން ބުނީ ސްކްރިޕަލް އަށް ދޭ ބޭހުން އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ސްކްރިކަލް، 66 އާއި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ، 33، އަށް ވިހަ ދިނުމުން ފަރުވާދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ޔޫލިއާ މިހާރު ވަނީ ވާހަކަ ދައްކަން ފަށައިފަ އެވެ. އެ މީހުންނަށް ދީފައި ވަނީ ނުރައްކާތެރި ނާވް އެޖެންޓެއް ކަމަށްވާ ނޮވިޗޮކް އެވެ. ޑޮކްޓަރުން ވަނީ އެ ދެ މީހުންގެ ޕްރައިވެސީ އަށް އިހްތިރާމް ކުރުމަށް އާއްމުންގެ ކިބައިން އެދިފަ އެވެ.
އިނގިރޭސި ވިލާތަށް ޖާސޫސްކޮށްދިން ކުރީގެ އެޖެންޓަށް ވިހަ ދިން ކަމަށް ތުހުމަތުކޮށްފައި ވަނީ ރަޝިޔާ އަށެވެ. މި މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ދެ ގައުމުން ވެސް ވަނީ އަނެއް ގައުމުގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy