ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ގުރުއާން މުބާރާތާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
08 އެޕްރީލް 2018 - 15:25
ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ގުރުއާން މުބާރާތް އަންނަ މަހު ބާއްވަން ސަރުކާރުން ނިންމައިފި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ "ނޫރުލް މުބީން" ނަމުގައި ބާއްވާ ގުރުއާން މުބާރާތް އޮންނާނީ އަންނަ މަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރެ އެވެ.
ރާއްޖެ ހިމަނައިގެން 11 ގައުމަކުން މި މުބާރާތުގައި ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ އިރު، ކޮންމެ ގައުމަކުން ވެސް ބައިވެރި ކުރާނީ އެންމެ މީހެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަރާތުން މުބާރާތުގައި ބައިވެރިވާނެ މީހެއް ކަނޑައަޅަން، އަންނަ މަހުގެ ފުރަތަމަ ދުވަހު އޮޑިޝަނެއް ބާއްވާނެ އެވެ. މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖެ އާއި ބޭރުގެ ގާރީން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިސް ނެންގެވުމަކަށް ބާއްވާ މި މުބާރާތުް އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަަރުކަޒާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، އެހެން ގައުމުތަކުގައި ބާއްވާ ގުރުއާން މުބާރާތްތަކުގައި ވެސް ދިވެހިން ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ބާއްވާ ގުރުއާން މުބާރާތުން ވެސް ރާއްޖެ އަށް ރަނގަޅު ވަނައެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގެ 1 ވަނަ އަށް 30،000 ޑޮލަރު (462،000ރ.)ގެ ފައިސާގެ އިނާމު ސަރުކާރުން ހުށަހަޅާފައިވާ އިރު ދެ ވަނަ އަށް 15،000 ޑޮލަރު (21،300ރ.)ގެ އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ.
މުބާރާތުގެ ހުރިހާ ބައިވެރިންނަށް ވެސް ރައީސްގެ ހާއްސަ އިނާމު ލިބޭނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްޝާ .
03 December 2018
މިއިކުރާމު 32 ދައްކައިގެން ސްޓޭޖު ތަކުގެ މައްޗަށްރާ މިއެބުރުނީ ފައިސާ މަލަފަތް ވަށައިގެންތާ ..! ވަގުތުބަލާފަ ހިފައިގެން ރައްކާވީ .. ލަދުގެ ކަންފުޅެއްވެސް ނެތީ ..
ސޭހަ ކަރެޕސަން
09 April 2018
ގުރުއާން މުބާރާތް ކޮންމެ ދުވަހަކު ބޭއްވިއަސް މިސަރުކާރުގެ ގިނަ ވެރިން ނަކީ ކަރެޕްޝަނާއި ފަސާދައާއި ލާދީނީ ބައެއް
އިޙްސަ
09 April 2018
15000 ޑޮލަރުއެއީ 231300 ރުފިޔާ 15.42ގެ ރޭޓުން. ލިޔުމުގަ 21300 ރުފިޔާއޭ އެއޮތީ އޮޅުމަކުން ކަމުގައި ބެލެވޭ. ލިޔުން ޝާއިޢު ކުރުމުގެ ކުރިން ރަގަޅަށް ކިޔާލައްވާ.
ފަންޑުފޮށި
08 April 2018
ތިޔަ އިނާމުތައް ހަވާލު ކުރާނީ އަނެއްކާ ކޮންމެވެސް ނޫހެއްގާ އެހަވާލު ނުކުރާ ވާހަކަ ޖެހުމުންބާ؟
ދޮންދޫނި
08 April 2018
ޤާރީ އަޙްމަދު ރަޝީދު ބައިވެރިކުރަން ފެނޭ.
ސަރީފު
08 April 2018
ރަނގަޅު އަދަދެއްގެ ފައިސާ ވިއްޔާ މުބާރާތުގެ ބައިވެރިން ވެސް ނާހާނެ ކޮންތާކުން ހޯދި ފައިސާއެއްތޯ.
އީމަން
08 April 2018
ރާޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބޭވުމަކީ ރަނގަޅު ކަނމެކެވެ.
ބަން
08 April 2018
ތީގަ ތިހިރަ އަދަދުތަށް ރަނގަޅުތަ!
ރަދީފް
08 April 2018
މާޝާﷲ.ވަރަށް ރަނގަޅު ކަމެއް.