މޯލްޑިވިއަނުން ރާއްޖެ ގެނެސް، މިއަދު ދަތުރު ފެށި އެ ކުންފުނީގެ ފުރަތަމަ ލަގްޒަރީ ސީޕްލޭން: މި ބޯޓަކީ އޭސީ ކޮށް، އަށް ސީޓު ހިމެނޭ ބޯޓެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
20 ޖުލައި 2016 - 14:24
ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ ފުރަތަމަ ލަގްޒަރީ ސީޕްލޭން ރާއްޖެ ގެނެސް، އުދުހުންތައް ފަށައިފި އެވެ.
މިއީ މޯލްޑިވިއަނުން ރާއްޖެ ގެނައި އަށް ވަނަ ސީޕްލޭނެވެ.
މޯލްޑިވިއަންގެ ލަގްޒަރީ ސީޕްލޭން ޑޮކުގައި ބާއްވާފައި: މި ބޯޓު ޗާޓާ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލާފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މި ބޯޓުގައި ހުންނަނީ ޕްރައިވެޓް ޖެޓްތަކުގައި ހުންނަ ކަހަލަ ސީޓުތަކެވެ. އަދި އޭސީ ކޮށްފައިވާ މިި ބޯޓުގެ ކޮންމެ ސީޓެއްގައި ޓްރޭ ހިމަނައި، ކޭޓަރިންގެ ހިދުމަތް ދެވެ އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ލަގްޒަރީ ސީޕްލޭންގެ އެތެރެ: މި ބޯޓުގައި ހުންނަ ސީޓުތަކަކީ ޕްރައިވެޓް ޖެޓްތަކުގައި ހުންނަ ކަހަލަ ސީޓު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މި ބޯޓުގެ އުދުހުންތައް ފެށުމަށް މިއަދު އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަން ސާވިސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ މި ބޯޓު ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"އަމިއްލަ ފަރާތްތަކަށް ވެސް، ރިސޯޓުތަކަށް ވެސް މި ބޯޓު ޗާޓާ ކުރުމުގެ ފުރުސަތު މިހާރު ލިބޭނެ،" ނަޝާތު ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ލަގްޒަރީ ސީޕްލޭނާ ބެހޭގޮތުން އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މީޑިއާ އަށް މައުލޫމާތު ދެނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ މިއީ ލަގްޒަރީ ބޯޓެއް ކަމުން ޗާޓާ އަގު ތަފާތު ވާނެ ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ދަނީ ދަތުރުކުރާ މަންޒިލްގެ ދުރުމިނަށް ބަލާފައި އަގުތަށް ކަނޑައަޅަމުން ކަމަށް ވެސް ވިދާޅުވި އެވެ.
"މޯލްޑިވިއަނުން ސީޕްލޭންގެ ހިދުމަތް ފެށިތާ އަދި މިވީ ދެ އަހަރު. އަޅުގަނޑުމެންގެ ފުރަތަމަ ދެ އަހަރަށް ކަނޑައަޅާފައި ހުރި ޓާގެޓުތައް މި ދަނީ ހާސިލް ވަމުން. އެގޮތުން، ދެ އަހަރު ތެރޭ ގެންނަން ރާވާފައިވާ 10 ބޯޓުގެ ތެރެއިން މިއީ އަށް ވަނަ ބޯޓު. އަދި މިއަހަރު ނިމުމުގެ ކުރިން ދެ ބޯޓު ގެންނާނަން،" ނަޝާތު ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ލަގްޒަރީ ސީޕްލޭން ޑޮކުގައި ބާއްވާފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އަންނަ އޮގަސްޓް ނުވަތަ ސެޕްޓެމްބަރުގައި ކުންފުނިން ނުވަ ވަނަ ސީޕްލޭން ގެންނަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 10 ވަނަ ސީޕްލޭން ގެންނަން ހަމަޖެހިފައި ވަނީ އޮކްޓޫބަރު ނުވަތަ ނޮވެމްބަރުގައި އެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީޕްލޭން މެނޭޖަރު، ކޮމާޝަލް ޝީރާޒް ރާޝިދު ވިދާޅުވީ ރާއްޖޭގައި ލަގްޒަރީ ރިސޯޓުތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ. އަދި އެ ރިސޯޓުތަކަށް ދަތުރު ކުރުމަށް ލަގްޒަރީ ސީޕްލޭނެއް މިހާރު ބޭނުން ކުރެވޭނެ ކަމަށާއި ޑިމާންޑު އޮންނަ ވަރަކަށް މިފަދަ ލަގްޒަރީ ސީޕްލޭންތައް މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރަން ވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ދެ ޕައިލެޓުން އެ ކުންފުނީގެ ފުރަތަމަ ލަގްޒަރީ ސީޕްލޭން ދުއްވަނީ: މިއީ އަށް މީހުންގެ ޖާގައިގެ ބޯޓެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy