ކުޅިވަރު

ގްރީން އާއި ވެލެންސިއާ: ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު

ވެލެންސިއާގެ ކޯޗު ސޮބާ (ކ) އާއި ގްރީންގެ ކޯޗު ސުޒޭން.-- ފޮޓޯ: މިހާރު

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާއިރު މި ވަގުތު އޮތް ހާލަތުގެ ގޮތުން މިއީ މި ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު މެޗެކެވެ.

ލީގުގެ ހަތް ވަނައިގައި ގްރީން އޮތީ ހަ މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ގްރީން އަށް މިހާތަނަށް ލިބިފައިވަނީ އެންމެ މޮޅެކެވެ. ވެލެންސިއާ އަދި އޮތީ މޮޅެއް ނުލިބި އެވެ.

ލީގުގައި އެންމެ ފަހުން ގްރީން ކުޅުނު ދެ މެޗުން ވަނީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަތުން ބަލިވެފަ އެވެ.

ގްރީން ގޮވައިގެން ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗަށް ނުކުތުމުގެ ކުރިން އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ހާލަތަށް ބަލާއިރު މިއީ ގްރީން އިން ސީރިއަސް ވާން ޖެހޭ މެޗެއް ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް މި ސިޓުއޭޝަނުގައި މި ދެ ޓީމު މި އޮތީ އެއް ވަޅުގަނޑެއްގައި. އެއް ހާލަތެއްގައި. މީގެއިން އަރައިގަންނަށް ދެ ޓީމަށް ވެސް މުހިއްމު މެޗެއް. ގްރީން މި މެޗު ވަރަށް ސީރިއަސްކޮށް ނަގައިގެން ރަނގަޅަށް ތައްޔާރުވެވޭތޯ މި ބަލަނީ. މީގެ އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއް ކަމަކީ ފުލަށްދާ ޓީމެއް މި ވެއްޓެނީ. މިއީ މެޗުގެ ޓެންޝަން އެންމެ ބޮޑުވާނެ އެއް ކަންތައް،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ ޕޮއިންޓް ތާވަލުގެ ދަށް މަގާމެއްގައި އޮންނަ ޓީމަކަށް ޕްރެޝަރު ބޮޑުވާނެ ކަމަށާއި އެކަމުން އަރައިގަންނަން ހިސާބު ހަދައިގެން މެޗުތަކެއް ނެގޭނެ ކަމަށް އުއްމީދުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އޮތް ހައްލަކީ ނަތީޖާ ނެރެގެން ކުރިއަށް ދިއުން ކަމަށެވެ.

"މިހާރު މި އޮތް ހާލަތަށް ބަލާއިރު މި އޮތީ ހާސް ވާން ޖެހޭ ހިސާބު. މި ކަމުން އަރައިގެންނަށް ލިބޭ ފަހު ފުރުސަތު މިއީ. އެއީ މި މެޗުން ގްރީން މޮޅުވެއްޖިއްޔާ އަށް ޕޮއިންޓް ހަމަކުރެވޭނެ. އޭރުން ދެން ހުރި ހުރިހާ ޓީމަކާ ރީޗްގައި ހުންނާނީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ގްރީންގެ ޓީމުގައި އޮތް ގޮތުން ފެންވަރު ރަނގަޅު ތިބީ މަދު ކުޅުންތެރިން ކަމަށާއި އޭގެ ތެރެއިން ކުޅުންތެރިއަކު މަދުވެއްޖެނަމަ ލިބޭ ގެއްލުން ބޮޑު ކަމަށެވެ.

"ގްރީން ކަހަލަ ޓީމަކު ކުއްލިއަކަށް ދިމާވާ ކަމެއްގެ ސަބަބުން އިންޖަރީވެގެން ނޫނީ ސަސްޕެންޑްވެގެން ރިޕްލޭސް ކޮށްލަން އެއް މެޗެއް ޖެހުނަސް ވަރަށް އުނދަގޫވާނެ ފޫބައްދަން. އެ ކުޅޭ 11 އެއް ދެތިން ހަތަރު މެޗެއް ލިބިއްޖިއްޔާ ގްރީން ކަހަލަ ޓީމަކަށް އެބައޮތް ފުރުސަތު ލީގުގައި ރަނގަޅު ނަތީޖާއެއް ނެރެން. ނިއު ރޭޑިއަންޓް، މާޒިޔާ އިން މި އޮތީ ރާއްޖޭގެ ހުރިހާ (ރަނގަޅު) ކުޅުންތެރިން ނަގާފައި. ދެން ތިބި އެ ލެވެލްގައި ތިބި ކުޅުންތެރިން މި ތިބީ އެހެން ޓީމުތަކަށް ބެހިފައި. ދެން މީގެން ކުޅުންތެރިއަކު ގެއްލިއްޖިއްޔާ ނުހުންނާނެ އެ ލެވެލަށް ބަލާއިރު ކައިރި ކުރާނެ ކުޅުންތެރިޔަކު ވެސް،" ސުޒޭން ބުންޏެވެ.

ކުޅުންތެރިންނަށް މެޗު ގެއްލުމުގައި ދިމާވާ އެއް މައްސަލަ އަކީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވުމެވެ.

"ރާއްޖޭގައި ތިބޭ ބޭރު ކުޅުންތެރިން ނޫނީ އެހެން ސީނިއާ ކުޅުންތެރިން މި ކުޅުންތެރިން ސަސްޕެންޑްވެގެން ގޮސްގެން ނުވާނެ އަސްލުގައި ރެފްރީއާ ޒުވާބްކޮށްގެން މި ލެވެލްގެ ކަމަކުން. އެހެން ނޫން ޖަހާލާ ޓެކުލެއް ކަހަލަ އެއްޗަކުން އެހެންވެދާނެ. އެކަމު ކޮންމެ ދުވަހަކު ތިބޭ އެންމެ ސީނިއާ އެންމެ އިތުބާރު ކުޅުންތެރިންތައް ވަރަށް އާދައިގެ ކަންކަމުން ކާޑު ހޯދައިގެން ސަސްޕެންޑް ވެއްޖިއްޔާ ގްރީން ކަހަލަ ޓީމުތަކަށް ޕްރެޝަރު އެބަބޮޑުވޭ. އެއީ ވަރަށް ލިމިޓެޑް އަދަދަކަށް ރަނގަޅު ކުޅުންތެރިން މި ތިބެނީ. އަޅުގަނޑުމެން ޖާދުލެއް ނޫން މި ހަދަނީ. ހުރި އެއްޗަކުން ނަތީޖާ މި ނެރެވެނީ،" ސުޒޭން ބުންޏެވެ.

ނިއު މެޗަށް ސަސްޕެންޑްވުމުގެ ސަބަބުން ނުފެނުނު ގްރީންގެ ޒުވާން ޑިފެންޑަރު މުހައްމަދު ސާއިފް އާއި ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބޮލް އިލިއާ އަށް ވެލެންސިއާ މެޗުގައި ކުޅެވުމަކީ ގްރީން އަށް ލިބޭނެ ވަރުގަދަކަމެއް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ވެލެންސިއާ އިން މި ސީޒަނުގައި ހޯދި ހަމައެކަނި ޕޮއިންޓު ހޯދީ އީގަލްސްއާ ވާދަކޮށެވެ. އެ މެޗުގައި އެ ޓީމުން ލީޑުނެގި ނަމަވެސް ހިފަހައްޓައިނުލެވުނެވެ. އެންމެ ފަހުން ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފުރަތަމަ ލަނޑު ޖެހީ ވެލެންސިއާ އިންނެވެ. ވިކްޓަރީ މޮޅުވީ ފަހަތުން އަރަ އެވެ.

ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ ހާލަތު އޮތް ގޮތުން އޮތް ހަމައެކަނި ހައްލަކީ ނަތީޖާތައް ރަނގަޅު ކުރުން ކަމަށެވެ.

"ވަރަށް ދަށްކޮށް މިދަނީ މެޗަކުން މޮޅުނުވެގެން މިދަނީ. ވެލެންސިއާ އެ ސިލްސިލާ ނިމުމަކަށް ގެންނަންޏާ މި ބުރުގައި މަދުވެގެން އެބަޖެހޭ ގްރީން މެޗުގައި މޮޅަކަށްދާން. ވިކްޓަރީ މެޗަށް ބަލާފައި އަޅުގަނޑަށް ތަންކޮޅެއް ހިތްހަމަ ޖެހުންތަކެއް އެބައޮތް. ޓީމުގެ ކުޅުމަށް ބަލާފައި. ނަތީޖާ ނުނުކުތް ކަމަށް ވިޔަސް ގްރީން ފަސް ޕޮއިންޓުގައި އޮތަސް އެ އަށް ވުރެ ވަރުގަދަކޮށް ފެންނަނީ،" ސޮބާ ބުންޏެވެ.

ގްރީން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ މިދިޔަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އެ ޓީމަށް ހޯދައިދިނީ ސޮބާ އެވެ. ސޮބާ އެ ޓީމު ދޫކޮށްލީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ފަހުގަ އެވެ. ގްރީންއާ ވަކިވި ފަހުން ފުރަތަމަ ފަހަރަށް އެ ޓީމާ ބައްދަލުކުރާއިރު ސޮބާގެ ހުރިހާ ފޯކަސް އެއް ހުރީ ވެލެންސިއާ ކޮޅަށް ނަތީޖާ ނެރެވޭނެ ގޮތްތަކެއް ހޯދުމެވެ.

"އަޅުގަނޑު ގްރީންގައި މަސައްކަތްތަކެއް ކޮށްފައި ހުރި ކަމަށް ވިޔަސް މި ވަގުތު ހާލަތަށް ބަލާއިރު އަޅުގަނޑަށް ބުނެވޭނީ ގްރީންއާ އިދިކޮޅަށް ވިޔަސް މޮޅުވާށޭ ނުކުންނާނީ. އެއްވެސް އިރެއްގައި މިގޮތަށް ދިޔައިރު މެޗަކަށް އަރާއިރު ވިސްނާފައި ނޯންނާނެ ބަލިވާކަށް ނޫނީ ޕޮއިންޓެއް ހޯދާކަށް. ކޮންމެ ގޮތެއް ވިޔަސް ސުޒޭން ކޯޗު ހަވާލުވެގެން ގްރީން ގައި އޮތީ ވެލެންސިއާ އަށް ވުރެ ވަރުގަދަ ޓީމެއް،" ސޮބާ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބެނީ މާލެ ލީގުގެ ގަދަ ހަ ޓީމަކަށެވެ. މާލޭ ލީގުގެ އެންމެ ފުލަށްދާ ޓީމެއް ރެލިގޭޓްވާއިރު، ސޮބާގެ ނަޒަރުގައި ވެލެންސިއާ މި މެޗުން ބަލިވެއްޖެނަމަ ހާލަތު އިތުރަށް ގޯސްވެގެންދާނެ އެވެ.

"މި މެޗުން މޮޅުނުވެއްޖިއްޔާ އިތުރު ޕްރެޝަރަކަށްދާނެ. އެއީ ކުޅުންތެރިން މި ގޮތަށް ބަލިވަމުން މެޗަކަށް ފަހު މެޗަކަށްދާއިރު މޯރަލީ ކުޅުންތެރިންގެ ކޮންފިޑެންސް ގެއްލި ޔަގީންކަން ގެއްލިދާނެ. ކުރިއަށް އޮތް ބުރަށް ތައްޔާރުވާން މިއީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ފަހު ފުރުސަތު. ކިރިޔާ ވެސް ނޭވައެއް ލެވެން އޮތް މެޗު. މި މެޗުގެ ތިން ޕޮއިންޓް ވަރަށް މުހިއްމު އެ ނުލިބިއްޖިއްޔާ އަނެއްކާ ވެސް ވަރަށް ގޯސްވެގެންދާނީ،" ސޮބާ ބުންޏެވެ.

ވެލެންސިއާ އާއި ގްރީން ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

6 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލިި

19 April 2018

ތިވިސްނުމުގަ ކިހިނެއް ރަންގަޅު ވާނީ އަބަދު އެއް ކުޅުންތެރިންނެއްްް ނޫން މޮޅުވާނީކީ

The name is already taken The name is available. Register?

ކޭކޭ

19 April 2018

އަޅުގަޑަކަށް ނުވިސްނޭ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކޯޗް، ވިކްޓަރީއާއެކު ގިނަ ކާމިޔާބީތައް ހޯދާފައިވާ ސުޒޭނު މިހާ ބަލިކަށި ޓީމެއް ގޮވައިގެން އުޅެނީ ކީއްވެގެން ކަމެއް؟ ކޮންކަމެއްތޯ ސާބިތު ކޮށްދޭން ބޭނުންވަނީ؟ މޮރީނިއޯ ވެސް މޮޔައީދޯ ސްޓޯކް ސިޓީ ކަހަލަ ޓީމަކާ ގުޅެންވީމަ މެންޗެސްޓަރ ޔުނައިޓެޑާ އެއްނުން ގުޅުނީ. ވެދާނެ އަހަރުމެންނަށް ފުޓްބޯޅަ ނޭގެނީ ކަމަށްވެސް.

The name is already taken The name is available. Register?

ޝޯން

19 April 2018

ދެޓީމުގެ މެނޭޖްމަންޓަށް ބުނެލަން ބޭނުން ކޮންމެސް ކަހަލަ މަސައްކަތްތަކެއް ކޮށްގެން ނަމަވެސް ދަނޑަށް ވަންނާނެ މީހުން އިތުރު ކޮށްލަބަލާށޭ. މީކީ ކޯޗު ނުވަތަ ކުޅުންތެރިން ވިސްނަންޖެހޭ ކަމެއް ނޫން. މެނޭޖްމަންޓުން އިސްނަގައިގެން ކުރަންޖެހޭ ކަމެއް. މޯރަލް ބޫސްޓެއް ލިބުނަސް ވަރަށް ބޮޑަށް ހިތްވަރު ފެނިގެންދާނެ. ވެލެންސިޔާ ކަހަލަ ހިސްޓްރީ އޮންނަ ޓީމުތައް ކުޅޭއިރު ދަނޑު ހުހަށް އޮންނަތަން ފެނި ތިހާ ފުލުގަ އުޅޭތީ ވަރަށް ހިތާމަ ކުރަން.

The name is already taken The name is available. Register?

ކަލޯޕިސްޓަނާ

19 April 2018

ފުރަތަމަ އެކުދިންނަށް ދޭންވާ އެއްޗެއް ބަރާބަރަށް ދިނީމަދޯ ހިތްވަރު ލައިގެން ފޯރިގަދަ މެޗެއް ކުޅެވޭނީ. ގްރީންއާ ނިއު ކުޅުނު މެޗުގަ ގްރީންގެ ކުޅުންތެރިން ހަރަކާތް ހުރިގޮތުން އެކުދިންގެ މިމަހުގެ މުސާރަ ބެންކަށް ޖަމާކުރި ހެނެއްހެންވެސް ހީއެއްނުވޭ.

The name is already taken The name is available. Register?

ރަދީފް

19 April 2018

ގުޑް ލަކް ވެލެންސިއާ.ސޮބާގެ ޓީމް މޮޅުވާނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ނިއުދަކިންގު

20 April 2018

ޑްރޯއަކަށް ނޫންތަ މިފަހަރު އެދެނީ؟ މިދެމީހުން ކުރެން އެކަކުވެސް މޮޅު ނުވީޔާ ރަނގަޅީ.. އެކަމު ސޮބާ މިހާރު މާ ކުރީގަ އުޅެނީ ނިއުއަށް އެއްޗެތި ގޮވުމުގަ..ސުޒޭންވަރަށް ބޮޑުބައި އިސްލާހުވެއްޖެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454