ރިލްވާން: އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ވަނީ ދެ މީހަކަށް ދައުވާ ކޮށްފައި
22 އެޕްރީލް 2018 - 19:36
ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވިކަމުގެ ދައުވާ ލިބޭ އާލިފް ރައޫފްގެ ކާރެއް ހުޅުމާލެ އަށް ގެންދިޔަކަން ބުނަން ނޭނގޭ ކަމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި ދެ މީހަކު މިއަދު ހެކިބަސް ދީފި އެވެ.
އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން އާލިފް ރައޫފްގެ އިތުރުން ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރާގޮތުން ހުޅުމާލޭގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރެއް ހުޅުމާލެއަށް ގެންގޮސް، އެ ދެ މީހުން ބައިވެރިވެގެންނެވެ.
ކޯޓުގައި މިއަދު ހެކިބަސް ދިން ދެ މީހުންނަކީ ކޮންމެވެސް ވަރަކަށް އާލިފާއި ނޫރައްދީން ދަންނަ ދެ މީހުންނެވެ. ދައުލަތުން އެ ދެ މީހުން ހެކިންގެ ގޮތުގައި ހުށަހެޅީ އާލިފްގެ ކާރު ހުޅުމާލެ އަށް ގެންދިޔަ ކަން ސާބިތު ކުރުމަށެވެ.
ފުރަތަމަ ހެކިބަސް ދިން މީހާއަކީ ދޯނި ކުއްޔަށް ހިފައިގެން އާންމުކޮށް ވިޔަފާރީގެ އުސޫލުން ހުޅުމާލެ އަށް ކާރު ގެންގޮސްދީ އުޅޭ މީހެކެވެ. ވަނަމަކަށް އައްކޮ ކިޔާ މީހަކު ބުނެގެން ހުޅުމާލެ އަށް ކާރެއް ގެންގޮސްދިނިންތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އައްކޮ ކިޔާ މީހަކު ބުނެގެން ހުޅުމާލެ އަށް ކާރެއް ގެންގޮސްދީފައިވާނެ އެވެ. އެކަމަކު އެއީ ކާކުގެ ކާރެއް ކަމެއް އަދި އެ ކާރު ގެންދިޔައީ ކޮން އިރަކު ކަމެއް ވެސް އޭނާ ހަނދާނަކު ނެތެވެ. އެއީ ކޮން ކުލައިގެ ކާރެއް ކަމެއް ވެސް އޭނާއަކަށް ބުނެ ނުދެވުނެވެ.
ހުޅުމާލޭގައި ދިރިއުޅޭ ނޫރައްދީން ވެސް ކޮންމެވެސް ވަރަކަށް ދަންނަ އެ މީހާ ބުނިގޮތުގައި އަހަރުތަކެއް ކުރިން ނޫރައްދީން ހުޅުމާލޭގައި ކާރެއް ދުއްވި ކަމަށާއި އެއީ ރީނދޫ ކުލައިގެ ކާރެއް ކަމަށެވެ. އެކަމަކު އެހެން މީހެއްގެ ކާރެއް ނޫރައްދީން ދުއްވި ކަމެއް އޭނާއަށް އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ދެވަނަ އަށް ހެކިބަސް ދިނީ ކާރެއް ގެންގޮސްދޭން އެދުނު ކަމަށް ބުނާ އައްކޮ ކިޔާ މީހާ އެވެ. އަސްލު ނަމަކަށް އަހުސަން ކިޔާ އެ ހެކިވެރިޔާ ބުނިގޮތުގައި އާލިފް ކާރެއް ގެންގުޅޭ ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.
އާލިފްގެ ރަތް ކުލައިގެ ކާރު ހުޅުމާލެ އަށް ގެންދިޔަކަން ސާބިތުކުރަން ދޯންޏެއްގެ ފަޅުވެރިންނާއި ކެޕްޓަނުން ހެކިންގެ ގޮތުގައި ހާޒިރުކޮށް މީގެކުރިން ވެސް ހެކިބަސް ނެގި އެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ ހެކިބަހުގައި، ހުޅުމާލެއަށް ގެންދިޔައީ އާލިފްގެ ކާރެއް ކަން ޔަގީންކަމާ އެކު ބުނެފައެއް ނުވެ އެވެ. ގެންދިޔައީ ރަތް ކުލައިގެ ކާރެއް ކަން އޭގެ ތެރެއިން ބައެއް މީހުންނަށް އެނގުނަސް، އެއީ ކޮން ނަމްބަރެއްގެ ކާރެއް ކަން މިހާތަނަށް ހާޒިރުކުރި އެއްވެސް މީހަކަށް ބުނެދެވިފައެއް ނުވެ އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވަން ވަނީ ހަމަޖައްސާފަ އެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެއިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީން
23 April 2018
އަދި ވެސް ލަސްކުރޭ އޭރުން ތިކަން ހަނދާން ހުރި މީހަކުވެސް ނުހުންނާނެ. އެކަމަކު ހަނދާން ބަހައްޓާތި ﷲގެ ދަރުބާރުގަ ފަހަތަކަށް ނުދެވޭނެ ދެކޮޅެއް ނުހެދޭނެ. އިންސާފު ލިބޭނެ އަދުލު ވެރިކަން އެ އީ އިސްލާމް ދީނުގެ އަސާސް.
މަޖީދު
23 April 2018
ކާރުގެ ވެރިމީހަކު ނޭނގުނަސް ކާރުގެންދަން އެދުނު މީހަކާ އެމަސައްކަތަށް ފައިސާ ހަރަދުކުރި މީޙެއް ހުންނާނެތާ. މިވަރަށް ނޭނގޭނަމަ ކަނޑައެޅިގެން އެހަދަނީ ދޮގު.
އަހުމަދުބެ
23 April 2018
ކޮމެންޓްކުރާ ބައެއް މީހުނަށް ހީވާކަހަލަ އިންސާފުހޯދަން މަސައްކަތް ކުރުމަކީވެސް ޖޯކެކޭ. އެކަމަކު ހުރިހާ ދިވެހިންގެ ހިތް %100 މުސްލިމް. ތިމާގެ އަޚަށް ކިތައްމެބޮޑު އަނިޔާއެއް ލިބުނަސް ވަރިހަމަ.
އަލީ ނާޒިމް
23 April 2018
20އަހަރު ފަހުން މިކަން ކުރާނަމަ، އަދި މާސަޅި ކޮން ކުރިއައް ގެންދެވޭނެ!
މަސައްކަތްއެކުރަނީ
23 April 2018
އިންސާފު ހޯދުމަށް މަސައްކަތްއެކުރަނީ ޔާމީންއާއި ރިލްވާން އެއްނޫން، އެމަރުހޫމުންގެ ގެ މައިންބަފައިން،
ރޯނުއެދުރު
23 April 2018
ކޯޓުގައި މިއަދު ހެކިބަސް ދިން ދެ މީހުން އާލިފާއި ނޫރައްދީން ދަންނަނީ ކޮންމެސް ވަރަކަށް ނޫން، އެދެމީހުންނަކީ އާލިފާއި ނޫރައްދީން ހަމަރަނގަޅަށް ދަންނަ ދެމީހުންކަން އެދެމީހުން ކޯޓުގައި ދެއްކިކަމަށް ބުނާވާހަކަތަކުން ސާބިތުވޭ. މިވަރުގެ ބޮޑު މައްސަލައެއްގަ މިހާދުވަސް ފަހުން ދައުލަތުން އެ ދެ މީހުން ހެކިންގެ ގޮތުގައި ހުށަހެޅީ އާލިފްގެ ކާރު ހުޅުމާލެ އަށް ގެންދިޔަ ކަން ސާބިތު ކުރަންކަމާދުވެސް ޝައްކު. ވަޒީފާއެއް އަދާނުކޮށް އަތުންފައިން މަސައްކަތެއް ނުކޮށް އާލިފް އަށް އަމިއްލަ ކާރެއް ލިބުުނުގޮތްވެސް ބަލަންވީނު
ޕޮކަންޑިމޭން
23 April 2018
ކިހިނެއް އިނގެނީ އާލިފް އަމިއްލަ މަސައްކަތް ނުކުރާކަމެއް އަދި ވަޒީފާއަކަށް ނުދާކަމެއްވެސް؟ ރޯނުއެދުރަކަށް ވީމަ؟
ޕޮކަންޑިމޭން
22 April 2018
ކޮންމެފަދަ ތުހުމަތެއް މީހެއްގެ މައްޗަށް ކުރެވުނަސް އެމީހަކަށް އިންސާފުވެރި ޝަރީޢަތެއް ލިބެންޖެހޭނެއޭ ކިޔާ ހަޅޭލެވި މީހުން ކޮމެންޓް މިކުރަނީ ސާބިތުނުވިއަސް ހެއްކެއްނެތަސް ސާބިތުކުރަންޖެހޭނެއޭ ކިޔާ. ދެފުއްކެހެރިކަމުގެ ތަފާތު ލެވެލްއެއް.
ސަރީފު
22 April 2018
ރަނގަޅަށްވިއްޔާ ތި ވާނީ މީހަކު ކޮތަޅަކަށް ލާފަ ހުޅުމާލެއަށް ގެންދަން ދިން ކާރަކަށް. ކާރެއް ކަމަށް ޝައްކު ކުރެވޭ އެއްޗަކަށް ނުވިކަން ނަސީބެއްނު.
ޕޮކަންޑިމޭން
22 April 2018
ވަރަަށް މަޖާ. ހޭން ފަށަންވީތަ؟
ޑާޑާޑާޑާޑާ
23 April 2018
ދައުލަތުން ހެކި ހުށަހަޅަނީ ކުށް ސާބިތުކޮށްދިނުމަށް، އެކަމަކު ހެކިބަސް ދޭ އެއްވެސް ފަރާތަކުން ސާބިތު ކުރެވޭ ވަރުގެ އެއްވެސް ހެއްކިބަހެއް ނުބުނެ، ދައުލަތުން ކީއްތަ ތިކުރަނީ، ރިލްވާން ގެ މަންމަގެ ޑީއެންއޭ ފެނުނު ރަތްކުލައިގެ ކާރަކީ ކާކުގެ ކާރެއްބާ! ހާދިސާއާ އެންމެ ގާތްކުރާ ހިސާބަކީ އެއީ ނޫންބާ! ދެން އެއީ ކާކުގެ ކާރެއްތޯއާ އެކާރު އެރޭ ދުއްވި މީހުންނަކީ ކޮންބައެއްތޯ ނުބަލާ މިކުރަނީ ކިއެއްތަ އަޅެފަހެ.
ޗަކޮއި
22 April 2018
ތިޔަކަން ދިވެހި ކޯޓުތަކަށް ސާބިތުކޮށްދެވޭ ދުވަހަކީ ހުޅަނގުން އިރު އަރާނެ ދުވަސް.. އެންމެ ފަހުދުވަހުގެ އަޑުއެހުން ނިންމާލި އިރު ތިލަވެފަހުރި ބައެއް ހެކިތައް ފަސްއަޅާ ފޮރުވަން ލިބުނު ވަގުތުގެ ބޭނުން ވަރަށް ރަގަޅަށް ހިފާފަޢެބަހުރި. ގައިމު އިސްތައްޓެއް ނެގި ކާރެއް އެބައޮތް. އޭތި އެއީ ކާކުގެކާރެއްކަން ނޭގިގެން މަލްބަރީބުޝްއެއްގެ ވަށަ އެނބުރި އެބަހަދާ.
އެންދެރި
22 April 2018
ދޯނި މީހުނަށްވެސް ރަތްކުަލައިގެ ކާރެއް ގެނދިޔަކަން އެނގިދާނެ.. އެކަމު ވެރިފަރާތް ކިހިނެއް އެނގޭނީ... ސައިކަލް ހުއްޓިގެން ގަރާޖަށް ގެންދިޔައީ ޕިކަޕެއްގައި ޔަގީން ޑްރައިވަރަށް ނޭންގޭނެކަން ކާކުގެ ސައިކަލެއްކަން.. މީދެން ކޯޓަށް ހުށައަޅައިގެން ހެކިހޯދަން ކުރާވަރު ކަމެއްބާ. މައްސަލަ ސާބިތުވާ ކަހަލަ ހެކި ހުށައަޅާބަލަ.. ވަގުތު ބޭކާރުކުރުން ތީ..
ޕޮކަންޑިމޭން
22 April 2018
މައްސަލަ ސާބިތުވާ ހެކި ހިފައިގެން ހަދިޔާކުރަން ދާންވީއެއްނު؟