ގެއްލިގެން ހޯދާ އަލޯ ފަހުމީގެ ސޯޓް. ފޮޓޯ/ އައްޑޫ ލައިވް
23 އެޕްރީލް 2018 - 13:47
އައްޑޫ ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު ދެ ކުދިންގެ ތެރެއިން އަލީ ފަހުމީގެ ސޯޓް މިއަދު ފަމިއްޖެ އެވެ.
ހިތަދޫ ޗަނބޭލީގޭ އަލީ، 15، މޫދަށް އެރުނު އިރު ލައިގެން ހުރި ސޯޓް ފެނުނީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކާ ދިމާލު ފުއްޓަރު ފަރާތު ފަރުމަތިންނެވެ. ސޯޓް ފެނުނީ ސާޗިން ޓީމްގައި ހިމެނޭ ފުލުހުންގެ ބަޔަކަށެވެ. އެ ސޯޓަކީ ފަހުމީގެ ސޯޓްކަން އާއިލާ އިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އެހެންވެ ސޯޓް ފެނުނު ދިމާ އަށް ޑައިވްކޮށްގެން އިތުރަށް ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
އަލީ މޫދަށް އެރުނީ ޓީޝާޓެއް ވެސް ލައިގެން ކަމަށާއި އޭގެ ފަހަތުގައި "ހިތަދޫ އެފްސީ" ޖަހާފައި އިން ކަމަށް، އަލީއާ އެކު މޫދަށް އެރުނު އަލީ ރާއިފް ވަނީ ބުނެފަ އެވެ.
އަލީ އާއި ހިތަދޫ ޓޮޕާޒް މަޔާމީން އަލީ، 14، އާއި ހިތަދޫ ބްލޫ އަލީ ރާއިފް، 16، މޫދަށް އެރި އުޅެނިކޮށް ނެގި ރާޅުތަކާ އެކު، އެ މީހުން ގެނބުނު ނަމަވެސް، ރާއިފް ވަނީ ސަލާމަތްވެފަ އެވެ. އަދި އަނެއް ދެ ކުދިން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ކުދިން މޫދަށް އެރުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އާ ދިމާލު ފުއްޓަރު ފަރާތަށް ހޮނިހިރު ދުވަހު ހެނދުނު 11:30 ހާއިރުގަ އެވެ.
ގެއްލުނު ކުދިން މޫދަށް އެރި އުޅުނު ސަރަހައްދަށް ހިތަދޫގެ ބަޔަކު ޖަމާވެފައި. ފޮޓޯ: ސިޓީ އޮފް އައްޑޫ
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. މި މަސައްކަތުގައި ފުލުހުންނާއި ސިފައިންނާއި ހިތަދޫގެ ޑައިވަރުންނާއި ބައެއް އާންމުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ގަމުގައި އޮންނަ އިންޑިއާ ހެލިކޮޕްޓަރު ވެސް މި މަސައްކަތުގައި ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާ
24 April 2018
އޮޔާ ދެކޮޅަށް ފަތައިގެން ނުވާނެކަން ކުދިންނަށް ކިޔާދޭންވީ... ފްލޯޓިންގ ކުރާނެގޮތް ދަސްކޮށްދޭވީ.. ކުދިން އުޅޭ އުޅުމުގަ ދިމާވާ އެފަދަ ކަންކަމުން އަމިއްލައަށް ސަލާމަތްވާނެ ގޮތް ސްކޫލް ތަކުން ކުދިންނަށް ކިޔާދޭން އެބަޖެހޭ.. ކިތަންމެ މޮޅަށް ފަތަން އެނގުނަސް އޮޔާ ދެކޮޅަށް ފަތާނަމަ ވަރުބަލިވެ ލޮނުބޮވި ދާނީ އަޑިޔަށް...
މަށޭމީ
24 April 2018
ގެންބިގެން މަރުވާ މީހުންނަކީ ޝަހީދުންގެ ތެރޭގައި ގުނޭ ބައެއް ކަމުގައި ހަދީސްތަކުން އެނގެން ހުރެއެވެ. ޔާ ﷲ! އަލީ އާއި މަޔާމީން އަށް ޝަހީދުންގެ މަޤާމް ދެއްވާންދޭވެ. އެދެކުދިންގެ އާއިލާއަށް ހިތްވަރު ދެއްވާންދޭވެ،
މޫދަށްއެރެންބޭނުންވާބޮރޯ
23 April 2018
ސަލާމަތުން މޫދަށް އެރެވޭނީ އެރެން ޖެހެނީ މާލޭގަ އެކަނި. ރަށްފުށުގަ މިއުޅެނީ ދިވެހިންނެއްނޫން އެމީހުންގެ އަތުންޓެކުހެއްނުނަގާހެން
ކުޑައައިސަ
23 April 2018
ޓެކުސްފައިސާ ރައްޔިތުނައް ފައިދާ ކޫރާ ކަންތަކުގަ ހޭދަކުރާނެ ދުވަހެއް ދެކެންބޭނުން ހިދުމަތް ލަސްވުމުގެ ސަބަބުން ވަރަގިނަފަހަރު ފުރާނަގެއްލޭ މިގައުގަ
މިގްދާދު
23 April 2018
ޓެކްސް ފައިސާއިން މާލޭ ރަސްފަންނު ބީޗް ހެދިޔަސް ރަށްރަށުގައި މޫދަށް އެރޭ ސަރަހަރައްދު ތަކެއް ނެތް ހަނދާފަ
ކޮންމެވެސް މީހެއް
23 April 2018
ޓެކުސް ދައްކަނީ ރައްޔިތުން، އެހެންވީމަ ރައްޔިތުންނަށް ދިމާވާ ހިތްދަތި ކަންކަމުން އަރައިގަތުމަށް ޓެކްސް ފައިސާ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް. އުންމީދަކީ ކުޑައައިސައަށް މިފަދަ ހިތާމައެއް ނުޖެއްސެވުން.
ކޮމެންޓު
23 April 2018
މޫދަށް އެރެން އާޓިފިޝަލް ބީޗެއް ބޭނުމެއް ނޫން. އެކަމަކު ރަށްރަށުގަ އާންމުކޮށް އެންމެ ގިނައިން މީހުން މޫދަށް އެރޭ ހިސާބުތަކުގަ ލައިފް ސޭވިންގް ރިންގެއް ކަހަލަ އެއްޗެއް ބަހައްޓަން ފެނޭ. ސަލާމަތް ކުރަން ދިޔަ މީހާއަށްވެސް އެކަކަށްވުރެ ގިނަ މީހުން އެއްފަހަރާ ސަލާމަތްކުރުމުގެ ޗާންސް ބޮޑުވީސް.