ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޓީމުގެ ކޯޗު ކާއްޓޭ (ވ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 އެޕްރީލް 2018 - 09:19
ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ވޮލީޓީމުގައި ނިސްބަތުން މި ފަދަ މުބާރާތަކަށް އާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިން ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ކުޅުންތެރިންނަށް އިތުރު ތަޖުރިބާތަކެއް ހޯދައިދީގެން ޓީމު ރަނގަޅު ކުރެވޭނެ ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
ރާއްޖެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ސީދާ ތިން ސެޓުން ބަލިވެގެންނެވެ. ކާއްޓޭ ބުނީ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެން މުބާރާތް ބާއްވާ ބަންގްލަދޭޝްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.
"ނޭޕާލް މެޗަށް ވުރެ ބަންގްލަދޭޝް މެޗުގައި ކުޅުން ރަނގަޅު. ފުރަތަމަ ދެ ސެޓުގައި ތަންކޮޅެއް ދަށްކޮށް ގޮސްފައި ފަހު ސެޓުގައި ހަތަރު ޕޮއިންޓުގެ ލީޑެއްގައި ވެސް އޮތް ސެޓު ނިންމަން ވެސް ލިބުނު. އެކަމަކު މި މެޗުގައި ވެސް ފެންނަނީ އެޓޭކްގައި ޕަވާ ދަށްކޮށް،" ކާއްޓޭ ބުންޏެވެ.
މުބާރާތުގައި ފަށަން އެއް ދުވަހަށް ވެފައި އޮއްވައި ބަންގްލަދޭޝް އަށް ރާއްޖެ ދިޔައީ ތައިލެންޑުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު އެވެ. ކާއްޓޭ ބުނީ ކުޅުންތެރިންގެ ކުޅުމަށް އެކި ގޮތްގޮތުން އަސަރުކޮށްފައި ހުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭން ކުޅެނީ ދާދި ފަހުން ޓީމުން ރިޓަޔަކުރި އިޝާން މުހައްމަދު (ބަޓިސް)ގެ އިތުރުން މި ފަހަރު ސްކޮޑުގައި އަމިއްލަ ސަބަބެއްގެ ސަބަބުން ބާކީވި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ނުލަ އެވެ. އޭގެ އިތުރުން މި ފަހަރު ޓީމުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިން އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ. މި ކުޅުންތެރިންނަކީ މީގެ ކުރިން މުބާރާތްތަކުގައި ޓީމަށް ގިނަ ވަގުތު ކުޅުނު ކުޅުންތެރިންނެވެ.
މި ފަހަރުގެ ޓީމުގައި މުޅިން އަލަށް ޓީމުގައި ހިމެނުނު ކުޅުންތެރިން ވެސް އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ބޮޑަށް ލިބުނީ މި ފަހަރު އެވެ. ޓީމުގެ ސެޓަރަކަށް ކުޅުނު ހުސެއިން ވިޝާމް (ބުޅިކެ) އާއި އާދަމް ފައިރޫޒް އަދި އާދަމް ނަސީމް (އެޑަމް) އަކީ މީގެ ކުރިން ޓީމުގައި ހިމެނުނު ނަމަވެސް ކުޅުމުގެ ފުރުސަތު އެހާ ގިނައިން ލިބުނު ކުޅުންތެރިންނެއް ނޫނެވެ.
"އާ ކުޅުންތެރިން ވެސް ތަންކޮޅެއް ގިނަކޮށް ތިބީމައާ އެއްކޮށް، އެޑަމް މެން ކަހަލަ. ދެން ނިލާމް މެން ވެސް މި ކަހަލަ މެޗެއް އަދި ފުލްކޮށް އަލަށް މި ކުޅުނީ. ސެޓަރު (ބުޅިކެ) ވެސް މުޅިން އަލަށް މުބާރާތެއްގައި ފުލްކޮށް އެ ކުޅުނީ. އެ ކަހަލަ ކަންތައްތައް ދަށްކޮށް ހުރީމައާ އެކު ކަންނޭނގެ އެހާ ދަށްކޮށް އެ ދިޔައީ،" ކާއްޓޭ ބުންޏެވެ. "ގިނަ މެޗުތަކެއް މި ކަހަލަ މުބާރާތްތަކުގައި ލިބެމުންދިޔަ ވަރަކަށް ރަނގަޅުކުރެވޭނީ."
ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނުއިރު، އޭގެ ފަހުން ކުޅުނު ދެ މުބާރާތް ވެސް ރާއްޖޭން ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. އެއީ މާޗް މަހު މާލޭގައި އޮތް މުބާރާތާއި މި ފަހަރުގެ މުބާރާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮބޭ
24 April 2018
ހުރިހާވެސް މައްސަލަޔަކީ ކުޅުންތެރިންގެ އަޚްލާގީ ފެންވަރުވެސް ދަށީ. އަހަރެން ފުވައްމުލަކުގައި ތިޔަ ގައުމީ ޓީމުގެ ކުޅުންތެރިންގެ ކުޅުން ބެލިން . ކޯޗުންގެ ހާލަތަކީވެސް ރަނގަޅުވާން ޖެހޭ ކަމެއް. މިކުޅުންތެރިންނަށް ތަޖުރިބާ ހުރި ކޯޗަކު އިރުޝާދު ބޭނުންވޭ. އެސޯސިއޭޝަނުން ވިސްނަން ވީކަމަކީ އިސްކޮޅުން ބިޔަ ކުދިންނަށް ފުރިހަމަ އިރުޝާދު ދެވޭނެ މަގު ފަހިކޮށްދޭންވީ.
ހަސަންދީ
24 April 2018
ވ.އަތޮޅުގެ 7 ކުޅުންތެރިން.. ވ.އަތޮޅުު ވޮލީ އަށް ހަމަ މޮޅީއޭ ދޯ.. އަދި އެގެތެރެއިންވެސް ފެލިދޫގެ 5 ކުޅުންތެރިން..މުސްތަގްބަލް ވަރަށް އުޖާލާ..މި ޓީމްގެ އެވެރެޖް އުުމުރަކީ 24 ނޫނީ 25 އަހަރު..
މިއާދު
24 April 2018
ކުރާޚަރަދާ ބަލާފައި ކުޅިވަރުން ( ފުޓްބޯލަ / ބާސްކެޓް/ ވޮލީ ކާމިޔާބު ލިބޭތަ؟ ނުލިބޭ؟. ކޮބައިބާ މައްސަލައަކީ.
ކައުންސެލަރު
24 April 2018
އަޅެ! ކިހިނެއްތަ މިވަނީ. ދުވަހެއް ދުވަހަކަށް ވޮލީޓީމް ދަނީ ދަށަށް. މީ ކިހިނެއްވާކަމެއް.؟ މިކަން ވެއްޖެއެންނު ދިރާސާކޮށް ވިސްނަން. އެންމެ ފުރަތަމަ ހަނދާންވާގޮތުން މިމުބާރާތުގެ ފައިނަލްގަވެސް ރާއްޖެއިން ކުޅުނު. އެފަހަރު ރިހި މެޑަލް. އޭގެފަހުން 3 ވަނަ. ދެން މާލޭގައި ބޭއްވިމުބާރާތުން މިއަށްވުރެ ނަތީޖާ ތަންކޮޅެއް ރަނގަޅު. މިފަހަރު ޓީމު މިދިޔައީ "ތޮޅިޔަށް" ކުޅުނު ދެމެޗުންވެސް ސީދާ ތިންސެޓުން. މިއަށްވުރެ ރަނގަޅު ވާންވެއްޖެ.
ވާލުސޮރު
24 April 2018
ހެންވޭރު އަޑި ޕާކް ގައި ދެ ކޯޓު އަޅައިގެން "ނާސިރު ސްޕޯޓްސް އެކެޑަމީ" (ފަހުން "ނިއު ސްޕޯޓްސް އެކެޑަމީ") "އެން. އެސް.އޭ ވޮލީ ބޯލް ޕޫލް" ގެ ނަމުގަ މަރްހޫމް ޒާހިރު ނަސީރު ވޮލީބޯޅަ ކުލާސް ތަކެއް ފެށީ 1970 ގެ މެދެއްހާތާނގަ. އޭގެ ފަހުން މިވީހާ ދުވަހެއް މިވީ ތަޖުރިބާ ހޯދުމުގަ އޭރު އޮންނަ "އެންއެސްއޭ ރަމްޝާން ވޮލީ މުބާރާތަ"ކީ ވަރަށް ފޯރިގަދަ އެހާމެ ތަރުހީބުލިބޭ މުބާރާތެއް. އެކަމަކު މިހާރު ވީއޭއެމް އަށް އެވަރުވެސްނުވޭ. ދެން ކޮން ތަޖުރިބާއެއްގެ ވާހަކަ ދައްކާކަށް.
އަލީ ބަލީ
24 April 2018
ތިތަޖުރިބާ ހޯދާ ދުވަހަކުވެސް ނުނިމޭނެ. ކުޑަކާއްޓޭ އަމިއްލަ ސަބަބު ތަކަކާ ހެދި ގައުމީޓީމާ ވަކިވެ އެކަމަކު ބީޗްޓީމް އާއި އެކީ ދެވޭ. އެސޯސިއޭޝަން މިނަށްވުރެ ބޮޑަށް ކުޅުންތެރިންގެ ދަށުވީމަ ވާގޮތްމިއީ. ދެން ވަރަށް ސަލާން
ގުޑްގުޑް
24 April 2018
ނުކުރެވޭނެ ނުކުރެވޭނެ ނުކުރެވޭނެ ނުކުރެވޭނެ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ރަދީފް
24 April 2018
އަބަދު ތަޖުރިބާ ދޯ ހޯދަނީ.ދުވަހަކުވެސް މޮޅުވިތަ؟؟ ނުވޭ ދޯ.ޔަހްޔާ ކާޅުވެސް ހިފާ.