04 މެއި 2018 - 08:03
އޭއެފްސީ ކަޕުގައި ބުދަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 5-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ދެއްކި ކުޅުން ހުރިހާ ކީޕަރުން ބަލައި ދަސްކުރަން ޖެހޭ ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ލީޑު ނަގާފައިވަނިކޮށް ހާފު ނިމެނިކޮށް އަބަހާނީ ކުޅުންތެރިޔަކަށް ގޯލް ކުރިމަތިން މުޅިން ހުހަށް ހުރެ ލިބުނު ފުރުސަތެއް އިމްރާން ބޭކާރުކޮށްލި އެވެ. އޭގެ ކުރީ ހަފުތާގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން 2-0 އިން ނިއު މޮޅުވި މެޗުގައި ވެސް، ނަތީޖާ ހަމަހަމަކުރަން ބެންގަލޫރުގެ ސުނިލް ޗެތުރީ އަށް ލިބުނު ރަނުގެ ފުރުސަތުގެ ހުރަހަކަށްވީ އިމްރާނެވެ.
"އިމްރާން މިއަދު އެ ކުޅުން ކުޅުމަކީ ހުރިހާ ކީޕަރުން ބަލަން ޖެހޭ ކުޅުމެއް. ސަބަބަކީ އޭނާ މިއަދު އެ ދައްކައިދިނީ މޮޅު ކީޕަރަކު ކުޅެން ޖެހޭ ގޮތުގެ ނަމޫނާއަކަށްވާތީ،" އޮސްކާ ބުންޏެވެ.
އޭނާ ވަނީ އެ މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ޑިފެންސް ލައިނަށް ގޯސްތަކެއް ހެދުނު ކަމަށް ބުނެފަ އެވެ. އެކަމަކު އެ ގޯސްތަކާ އެކު ވެސް ނިއު ސަލާމަތްވުމުގައި އިމްރާންގެ ދައުރު ކޯޗު ފާހަގަކުރި އެވެ.
"އިމްރާން މިއަދު އެތަނުގައި ނެތް ނަމަ އަހަރެމެން ދައްކަން ޖެހޭނީ ތަފާތު ނަތީޖާއެއްގެ ވާހަކަ. އެހެންވީމާ ފަހަތުން ގޯސްތަކެއް ހެދުނު ނަމަވެސް އިމްރާން ހުރުވުން ވެގެން ދިޔައީ އަހަރެމެންނަށް ލިބުނު ފައިދާއަކަށް،" ގައުމީ ޓީމަށް 1999 އިން 2016 އަށް ކުޅުނު އިމްރާނާ ބެހޭގޮތުން އޮސްކާ ބުންޏެވެ.
އޭނާ ބުނީ އިމްރާނާއި އަލީ އަޝްފާގް (ދަގަނޑޭ) މެން ފަދަ ކުޅުންތެރިންނާ އެކު މި ކާމިޔާބީގައި ހުރިހާ ކުޅުންތެރިންގެ ހިއްސާ އެބައޮތް ކަމަށާއި އޭގެ ތެރޭގައި ބެންޗުގައި ތިބެ ޓީމަށް ހުރިހާ ވަގުތަކު ސަޕޯޓްދިން ކުޅުންތެރިން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
އޭއެފްސީ ކަޕުގައި ނިއު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު އެ ޓީމު އޮތީ އެއް ވަނައިގަ އެވެ. އަނެއް ބުރަށް ދިއުމަށް ދެން އެ ޓީމަށް ބޭނުންވަނީ ފަހު މެޗުގައި ރަށުން ބޭރުގައި އިންޑިއާގެ އައިޒޯލް އެފްސީ އަތުން މޮޅެކެވެ. އެކަމަކު އެ ދުވަހު ބެންގަލޫރާއި އަބަހާނީ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން، އައިޒޯލް އަތުން ނިއު ބަލިވިޔަސް ނުވަތަ އެއްވަރުވިޔަސް ދެ ވަނަ ބުރުން ޖާގަ ލިބިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
06 May 2018
ގަބޫލުކުރަން ބޭނުންނުވާ މީހުންނަށްވެސް އެނގެންވާނެ އިމްރާންވަރުގެ ކީޕަރެއް އަދި ރާއްޖޭގާ ނުއުފެދޭކަން.
ބާބާ
04 May 2018
އިމްރާނު ގެ ކުޅުން އުމުރާ ބަލާފަ ގޯހެއްނުން. 36 އަހަރުގަ އެންމެ މޮޅު ކުޅުމެއް ނުދެއްކޭނެ. އެކަމަކު އެދުވަހު ހެދި ބޮޑު މިސްޓޭކުގެ ވާހަކައެއްނެތް. ބާރު ވޮލީއެއް ގޮތަށް ގޯލާ ދިމާލަށް ޑިޕްވަނުން އައި ބޯޅައެއް ދެއަތުން ހިފަންވީމަ ނޫނީ ޕަންޗް ކުރަން ވީމަ އެއްއަތުން ޕަންޗު ކުރީ އަމިއްލަ ގޯލަށް. އެއީ އިމްރާނު ފެންވަރު ކީޕަރަކު ހަދައިގެން ނުވާވަރު މިސްޓޭކެއް.
ގަގުނަސް ތަރާނާ
04 May 2018
ބުދަ ދުވަހުގެ ރޭ މެޗުން ބެންގަލޯރ އައިޒޯލް 5-0 ބަލި ކުރި ވާހަކަ ނެތީމާ ވަރަށް ކަންބޮޑު ވެއްޖެ
މަސްއޫދު ބިން ބަޓިސްޓޫޓާ
05 May 2018
ތިޔަ މެޗު ރަނގަޅަށް ވިއްޔާ ބެންގަލޫރުން ނުވަތަ އިންޑިޔާ އެފްއޭއިން ވާނީ ގަނެފަ. ރަށު ޓީމެއް ދެވަނަ ބުރަން ގެންދަން.
ކަޅޭ
04 May 2018
އިމްރާން ވަރުގެ ކީޕަރެއް ރާއްޖެއަކު އަދި ނުއުފެދޭ. އަދި އަޝްފާޤް ވަރުގެ ކުޅުންތެރިއަކުވެސް ނުއުފެދޭ..
އެގާރަ
04 May 2018
އެހެންވިއްޔާ ކޯޗް ތި އެއްބަސްވަނީތާ ފައިސަލް ތީ ގޯލަށް ކުޅެން ކަމުދާ މެހެއްނޫންކަމަށް.