އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ "ޔުނައިޓެޑް ސްޓޭޓްސް ވިމެން ސަމިޓް"ގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
07 މެއި 2018 - 11:29
ވޮޝިންޓަން (މެއި 7) - އެމެރިކާ ސަލާމަތް ކުރެވޭނެ ފަދަ އާދަޔާޚިލާފު ކެންޑިޑޭޓެއް ނެތް ކަމަށާއި އެފަދަ ކެންޑިޑޭޓަކަށް އުއްމީދު ނުކުރުމަށް ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ އެދިވަޑައިގެންފި އެވެ.
"ޔުނައިޓެޑް ސްޓޭޓްސް އޮފް ވިމެން ސަމިޓް"ގެ ނަމުގައި ލޮސް އެންޖަލިސްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިޝޭލް އަނެއްކާ ވެސް ވަނީ ރައީސްކަމަށް ވާދަކުރުމުގެ ޕްލޭނެއް އެކަމަނާގެ ނެތް ކަމަށް ވިދާޅުވެފަ އެވެ. މިޝޭލް، 54، އަށް ވަނީ މުޅިން ވެސް އަންހެނުން ބައިވެރިވި ސަމިޓުން ބޮޑު ތަރުހީބެއް ލިބިފަ އެވެ.
"ކޮންމެ މީހަކު ވެރިކަން ކުރި ނަމަވެސް އަންހެނުން ބާރުވެރިކުރުމުގެ ދާއިރާގައި ކޮންމެ އަންހެނެއްގެ ވެސް ހުރި އެންމެ ބޮޑު ގާބިލްކަމެއް ދައްކަން ޖެހޭނެ،" ގާތްގަނޑަކަށް 5،000 މީހުން ބައިވެރިވި ސަމިޓުގައި މިޝޭލް ވިދާޅުވި އެވެ. "އެއް ކެންޑިޑޭޓަކަށް އެމެރިކާ ސަލާމަތް ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރަން. އަޅުގަނޑުމެން އެންމެވެސް ބަރަކް އޮބާމާ އަށް ވޯޓު ދިނިން. އެކަމަކު އޮބާމާ އަށް ވެސް ނަސްލީ ތަފާތު ކުރުން ނިމުމަކަށް ނުގެނެވުނު."
ކޮންފަރެންސްގައި ވާހަކަ ދެއްކި އެހެން ފަރާތްތަކުގެ ތެރޭގައި ފިލްމީ ބަތަލާ ޖޭން ފޮންޑާ އަދި އަންހެނުންނަށް ކުރާ ޖިންސީ ގޯނާތައް ސަމާލު ކަމަށް ގެނައުމަށް ފެށި #މީޓޫ ކެމްޕޭނުގެ ބާނީ ޓަރާނާ ބާކް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy