މާލޭގެ އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ: އިންސާނާގެ ނަފްސު ޠާހިރު ކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ ރަމަޟާން މަހުގެ ރޯދަ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
16 މެއި 2018 - 14:42
އިންސާނާގެ ނަފްސު، އެންމެހާ ނުބައި ސިފަތަކުން ޠާހިރުކޮށް އަދި އެންމެހާ ރަނގަޅު ސިފަތަކުން ޒީނަތްތެރި ކުރުމަކީ (އާދެ، ނަފްސު ތަޒުކިޔާ ކުރުމަކީ) ކޮންމެ މުސްލިމަކު ވެސް ކުރަން ޖެހޭ ކަމެކެވެ. މި އަމާޒަށް ވާސިލު ވެވޭނީ މިކަމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަންތައްތަކެއްގެ ކޮށްގެންނެވެ. އަދި ހަމަ މިއާ އެކުއެކީގައި މިކަމުގައި ކުރިމަތިވާ އެންމެހާ ހުރަސްތައް ނައްތާލަން ވެސް މަސައްކަތްތަކެއް ކޮށްގެންނެވެ.
އެއީ މިސާލަކަށް ފުޓްބޯޅަ މެޗެއްގައި ނަމަ ކުރިއަށް އަރައި ހަމަލާދިނުމުގެ އިތުރުން ބައިކޮޅަށް ބޯޅައެއް ވަދެދާނެތީ ދިފާއު ކުރަން ވެސް ޖެހޭ ފަދައިންނެވެ. ނުވަތަ ހަނގުރާމައިގައި ނަމަ އަދުއްވުންނަށް ހަމަލާ ދިނުމުގެ އިތުރުން އަދުއްވުންގެ ފަރާތުން އަންނަ ހަމަލާތަކުން ދިފާއު ވާން ވެސް މަސައްކަތް ކުރަން ޖެހޭ ފަދައިންނެވެ.
ނަފްސު ތަޒުކިޔާ ކުރުމުގައި ވެސް މިދެންނެވި ފަދައިން ދިފާއު ކުރުމުގެ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެއީ އެކަމުގައި އޮންނަނީ ހަމައެކަނި ރިވެތި ސިފަތަކުން ނަފްސު ޒީނަތްތެރި ކުރުން އެކަނި ނޫން ކަމަށްވާތީ އެވެ. އެއާ އެކު ނުބައި ސިފަތަކުން ނަފްސު ތާހިރު ކުރުންވެސް އޮންނާތީ އެވެ. އިސްލާމް ދީނުގައި މި ދެންނެވި ދިފާއީ މަސައްކަތްތައް ވަރަށް ވަރުގަދައަށް ވަނީ ރޭވިފައެވެ.
މިގޮތުން އިސްލާމީ އަޅުކަމުގެ ނިޒާމުގައި ހިމެނޭ ރޯދައިގެ އަޅުކަމަކީ މިދެންނެވި ދިފާއީ ޖިހާދު ވަރަށް ބޮޑަށް އެކުލެވިގެންވާ އަޅުކަމެކެވެ. ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ރޯދަ ސިފަ ކުރައްވާފައި ވަނީ އައްޑަނަ އެއް ފަދައިންނެވެ. ސަބަބަކީ، ހަނގުރާމައިގައި އައްޑަނައިން ހަށިގަނޑު ދިފާއު ކުރާ ފަދައިން ނަފްސު ތަޒުކިޔާ ކުރުމުގައި ނުވަތަ ނަރަކަ އިން އިންސާނާ ސަލާމަތް ވުމުގައި ރޯދައިން ނަފްސު ދިފާއު ކުރެވޭނެތީ އެވެ.
ނަމަވެސް ހަނގުރާމައެއްގައި ވެސް އައްޑަނައެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ އޭގެ ބޭނުން ކުރަން އެނގިގެން ކަމަށްވާތީ ނަފްސު ތަޒުކިޔާ ކުރުމުގައި ވެސް ރޯދަ އައްޑަނައިގެ ބޭނުން ހިފޭނީ އޭގެ ބޭނުން ހިފަން އެނގިގެންނެވެ. ވީމާ މިކަން ދެނެގަތުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަން ޖެހޭނެ ކަމެކެވެ.
ރޯދަ އައްޑަނައެއް ކަމުގައިވަނީ ހަގީގަތުގައި ވެސް ރޯދައިގެ ސަބަބުން ނަފްސު ދިފާއު ކޮށްދޭތީ އެވެ. މިގޮތުން ރޯދަ އައްޑަނައެއް ކަމުގައިވާ އެއް ސަބަބަކީ، ރޯދަ އަކީ މީހާ ހަލާކު ކުރުވަނިވި ޝަހުވަތްތަކުން ރައްކާތެރި ކޮށްދޭ ކަމަކަށް ވުމެވެ. މިގޮތުން ފާޙިޝް ކަންކަމާއި ފާޖިރު ކަންކަމަށް އިންސާނާ ދިޔަނުދީ ހުރަހަކަށް ވެ އިންސާނާ ހިމާޔަތް ކޮށްދެއެވެ.
ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިއްޖެ ނަމަ ކައިވެނި ކުރުމަށާއި އެފަދަ މަގެއް ހުޅުވިފައި ނެތް ނަމަ ރޯދަ ހިފުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އިރުޝާދު ދެއްވާފައި ވެއެވެ. އަދި އެއީ ފާޙިޝް ކަންކަމުން ސަލާމަތްކޮށްދޭ ކަމެއް ކަމަށް ވެސް އެކަލޭގެފާނު ހަދީސް ކުރައްވަ އެވެ. ވީމާ ރޯދަ އަކީ ކެއިންބުއިމުގެ ޝަހުވަތާއި ޖިންސީ ޝަހުވަތުގެ ސަބަބުން ކުރެވޭ ފާޙިޝް ޢަމަލުތައް ދިފާޢު ކުރާނެ އައްޑަނަ އެކެވެ.
ރޯދަ އައްޑަނައެއް ކަމުގައިވާ ދެވަނަ ސަބަބަކީ، ޚުލްޤު ނުބައިވުމާއި ޖާހިލުކަމުން ދުރުހެލިކޮށް ރިވެތި އަޚްލާޤާއި މާތްކަން މަތީ ތިމާ އަބަދުވެސް ހުރުމަށް ބާރުއަޅައިދޭ ކަމެއް ކަމުގައި ރޯދަ ވުމެވެ. ރޯދައަކީ އައްޑަނައެއް ކަމަށް ބަޔާން ކުރެއްވުމަށް ފަހު އެއާ ވިދިގެން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވާފައި ވަނީ "ތިޔަބައިމީހުން ކުރެ މީހަކު ރޯދައަށް ހުންނަ ދުވަހު ހުތުރު ބަސްތަކާއި ރޯދައަށް ހުރެގެން ދައްކަން ނުވާވަރުގެ އެއްވެސް ވާހަކައެއް ނުދައްކާހުށި ކަމެވެ! އަދި އަޑުގަދަކޮށް މީހުންނާ ޒުވާބުކޮށް އަރައިރުން ނުވާހުށިކަމެވެ! މީހަކު ތިމާއާ އަރައިރުމެއްވެ ހުތުރު ބަހުން މުޚާޠަބު ކުޅަޔަސް ތިމަންނާ މިހުރީ ރޯދަ އަށޭ ބުނެ، އޭނާއަށް ރައްދު ނުދީ، އެ ކަމާ ދުރުހެލިވާ ހުށިކަމެވެ!" މިފަދައިންނެވެ. (ބުޚާރީ އާއި މުސްލިމް)
ރޯދައަށް ހުންނަ ވަގުތަކީ މިބާވަތުގެ ކަންކަމުގައި ކެތްކުރަން އެންމެ އުނދަގޫ ވަގުތު ކަމަށްވާއިރު ރޯދައަށް ހުރެގެން މިކަންކަމުން ދުރުހެލިވާން އާދަކޮށްފި ނަމަ އެއީ ވަރުގަދަ ދިފާއީ ފިޔަވަޅެކެވެ.
ރޯދަ އައްޑަނައެއް ކަމުގައިވާ ތިންވަނަ ސަބަބަކީ، ޙަރާމް އެންމެހާ ކަންތައްތަކުން މީހާ ރައްކާތެރިކޮށްދިނުމަށް ރޯދަ އެހީތެރި ވެދިނުމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަދީސް ކުރައްވަނީ، ދޮގުހެދުމާއި ބާޠިލުބަސް ބުނުމާއި ބާޠިލު ޢަމަލުތައް ކުރުން ދޫކޮށްނުލާ މީހާ، ކެއުމާއި ބުއިން ދޫކޮށްލުމަކީ (އެބަހީ ރޯދައަށް ހުރުމަކީ) ﷲ އަށްޓަކައި އެކަން ކުރުމުގެ އެއްވެސް ބޭނުމެއް އޮތް ކަމެއް ނޫން، ކަމަށެވެ. (ބުޚާރީ). ވީމާ ރޯދައަށް ހުންނަ ނަމަ ހަމަ ކޮންމެހެންވެސް ޙަރާމް ކަންތައްތަކުން ދުރުހެލިވާން ޖެހެއެވެ.
ރޯދަ އައްޑަނައެއް ކަމުގައިވާ ހަތަރުވަނަ ސަބަބަކީ، ދުނިޔެއާއި އާޚިރަތުގައި އިންސާނާގެ އަގުވެއްޓި އިހާނެތި ކުރެވިގެންދާ އެންމެހާ ކަންކަމުން ރައްކާތެރިކަން ހޯދައިދޭ ކަމެއް ކަމުގައި ރޯދަ ވުމެވެ. އައްޠަބަރާނީ ރިވާ ކުރައްވާފައިވާ ހަދީސެއްގެ މާނައިގައި ވެއެވެ. "ރޯދައަކީ އައްޑަނައެކެވެ. އެއީ މުއުމިނާގެ ކިއްލާތަކުން ކިއްލާ އެކެވެ. ކޮންމެ ޢަމަލެއްގެ ޖަޒާ ވަނީ އެ ޢަމަލެއްގެ ވެރި މީހާ އަށެވެ. އެކަމަކު ރޯދަ ފިޔަވައެވެ. އެހެނީ ﷲ ވަޙީ ކުރައްވަނީ، ރޯދަ ވަނީ ތިމަން ﷲ އަށެވެ. އެއަށް ޖަޒާ ދެއްވާނީ ތިމަން ﷲ، ކަމަށެވެ." ދުނިޔެއާއި އާޚިރަތުގެ ނިކަމެތިކަމުން މީހާ ސަލާމަތް ވުމަކީ ނަފްސުގެ ދިފާއެކެވެ.
ރޯދަ އައްޑަނައެއް ކަމުގައިވާ ފަސްވަނަ ސަބަބަކީ، ރޯދައަކީ ނަރަކައިން މިންޖުކޮށްދޭ ކަމެއް ކަމުގައި ވުމެވެ. އިމާމް އަޙްމަދު ރިވާ ކުރައްވާފައިވާ ހަދީސެއްގައިވާ ގޮތުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ރޯދަ ސިފަ ކުރައްވަނީ ނަރަކައިން ރައްކާތެރިވުމުގެ ކިއްލާ އެއްގެ ގޮތުގައެވެ. އަދި ހަމަ އެފަދަ އެހެން ހަދީސެއްގައި ވެއެވެ. "ރޯދައަކީ ތިޔަބައިމީހުން ކުރެ މީހަކު ހަނގުރާމައިގައި އައްޑަނައިން ރައްކާތެރިކަން ލިބިގަންނަ ފަދައިން ނަރަކައިން ރައްކާތެރި ކޮށްދޭނެ އައްޑަނައެކެވެ." (އަޙްމަދާއި ނަސާއީ)
މި އިޝާރާތްކުރި ސަބަބުތަކަކަށްޓަކައި ރޯދަ އައްޑަނައެއް ކަމުގައިވާ ހިނދު މި އައްޑަނައިގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ ރޯދައިގެ އަޅުކަމުގެ މަދަރުސާއިން ދަސްވެނިވެގެން ނުކުންނައިރު އެ އައްޑަނައިން ވަކި ކަންތައްތަކެއް ދިފާއު ކުރެވޭ ނަމަ އެވެ. މިގޮތުން ފުރަތަމަ ކަމަކީ، ތިމާގެ ޢަމަލުތައް ﷲ ބައްލަވާވޮޑިގެންވާ ކަން ހަނދާން ނެތި އުޅެވޭ އުޅުން ދޫކޮށްލަން ދަސްކުރުމެވެ. ހަނދާން ނެތުމަކީ ނަފްސު ރައްކާތެރި ނުކުރެވި ކުށްތަކަށް އަރައިގަތުމަށް އެންމެ ބޮޑަށް އެހީވެދޭ އެއްކަމެވެ.
އާދަމްގެފާނު ވެސް ކުށް ކުރެއްވީ އެ ސަބަބާ ހުރެ އެވެ. ދެވަނަ ކަމަކީ، ޝަހުވަތްތަކުގެ ކުރިމަތީގައި ނަފްސު ކޮންޓްރޯލު ކޮށްގެން ހިފަހައްޓާލުމުގެ ކުޅަދާނަކަން ހޯދުމެވެ. ތިންވަނަ ކަމަކީ، ރުޅި ކޮންޓްރޯލު ކުރުމާއި ޢަފޫކުރަން ދަސްކުރުމެވެ. ހަތަރުވަނަ ކަމަކީ، ފަގީރުންގެ އިހުސާސްތަކާ މެދު އޮންނަ ޣާފިލުކަން ނައްތާލުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުންނަށް އިހުސާންތެރިވާން ދަސްކުރުމެވެ.
ފަސްވަނަ ކަމަކީ، ﷲ ގެ ނިޢުމަތްތަކަށް ކުފުރުވުމުން ދުރުހެލިވެ ޝުކުރު ކުރަން އާދަ ކުރުމެވެ. ހަވަނަ ކަމަކީ، ހުރިހާ ބާވަތެއްގެ ޙަރާމް ކަންކަމުން ދުރުހެލިވާން ދަސްކުރުމެވެ. ހަލާލު ކަންކަމުން ދުރުހެލިވެ ހުންނަން ދަސްކުރާ މީހަކަށް މިކަން ވެސް ކުރެވެންވާނެ އެވެ. ހަތްވަނަ ކަމަކީ، ﷲ އާ ބައްދަލުވާނެ ކަމާ މެދު ހިތުގައި އޮންނަ ޝައްކުތައް ފިލުވާލައި އެކަން ޔަގީން ކުރުމެވެ. މި ޔަގީންކަން އޮންނަ މީހަކު ނަމަ ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވާން ދަސްވާނެ އެވެ.
އެހެންކަމުން ރޯދައިގެ އައްޑަނައިގެ ބޭނުން ހިފައިގެން މި އިޝާރާތްކުރި ކަންކަން ހާސިލު ވެވޭނެ ގޮތަކަށް ރޯދައިގެ އަޅުކަން އަދާ ކުރުމަށް ހަމަ ކޮންމެ މުސްލިމަކުވެސް އަޒުމް ކަނޑައަޅަން ޖެހެއެވެ. އަދި އެ އަޒުމާ އެއްގޮތަށް މަސައްކަތް ކޮށް ނަފްސު ތަޒުކިޔާ ކުރަން ޖެހެއެވެ. ރޯދައިގެ އަމާޒު ކަމުގައިވާ ތަޤުވާވެރިކަން އިތުރު ކުރެވޭނީ އޭރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy