20 މެއި 2018 - 10:49
ބާލިން، ޖާމަނީ (މެއި 20) - ފައިނަލުގައި ބަޔާން މިއުނިކް އަތުން 3-1 އިން މޮޅުވެ، 30 އަހަރު ތެރޭ އެއިންޓްރެކްޓް ފްރޭންކްފާޓުން ފުރަތަމަ ފަަހަރަށް ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދައިފި އެވެ. މިއީ ފްރޭންކްފާޓްގެ ކޯޗު ނިކޯ ކޮވަޗް އެ ޓީމަށް ކޯޗުކޮށްދިން ފަހު މެޗެވެ. އަންނަ ސީޒަނުގައި އޭނާ ފެންނާނީ ބަޔާނުންނެެވެ.
ފްރޭންކްފާޓުން އެންމެ ފަހުން ޖަރުމަނު ކަޕް ކާމިޔާބުކުރީ 1988 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ތަށި އުފުލާލީ 1-0 އިން ބޯކުމް ބަލިކުރުމަށް ފަހު އެވެ.
ފްރޭންކްފާޓްގެ ކޯޗު ކޮވަޗް ސީޒަން މެދުތެރެއިން އަންނަ އަހަރު ބަޔާނާ ހަވާލުވާން އެއްބަސްވުމުން އެކަމާ ފްރޭންކްފާޓުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. ބަޔާނުން އޭރު ބުނީ އެ ކްލަބުން އަމަލުކުރީ ޕްރޮފެޝަނަލީ އެންމެ ރަނގަޅަށް ކަމަށެވެ.
ރޭގެ މެޗުގައި ފްރޭންކްފާޓުން ލީޑުނެގީ މެޗުގެ 11 ވަނަ މިނިޓްގައި އެންޓޭ ރެބިޗް ވައްދާލި ގޯލުންނެވެ. ދެ ވަނަ ހާފުގައި ރޮބަޓް ލެވަންޑޯސްކީގެ ލަނޑުން ބަޔާނުން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ބަޔާނުގެ މެޓް ހަމެލްސް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން ރެބިޗް ވަނީ ގޯލެއް ޖަހައި އަލުން ފްރޭންކްފާޓަށް ލީޑުނަގައިދީފަ އެވެ.
ފްރޭންކްފާޓުގެ ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުުތުގައި މީހަޓް ގަސީނޮވިޗް އެވެ.
ފައިނަލަށް ފަހު ފްރޭންކްފާޓަށް ތަށި ހަވާލުކުރި ވަގުތު ބަޔާން ކުޅުންތެރިން ދަނޑުގައި މަޑުނުކުރެ އެވެ. އެކަމާ ބަޔާން ކުޅުންތެރިންނަށް ފާޑުކިޔުން އަމާޒުވިއިރު، ކޯޗު ޔުޕް ހެއިންކޭސް ބުނީ ތަށި ހަވާލުކުރަން ދެން ދަނޑުމަތީގައި މަޑުކުރުން ލާޒިމުކަމެއް އަންގާފައިނުވާ ކަމަށެވެ. އޭނާ ބުނީ ބަޔާނަށް ކޯޗުކޮށްދިން ފަހު މެޗު ނިންމާލަން ބޭނުންވީ ތަށްޓަކާ އެކު ކަމަށާއި އެ ފުރުސަތު ނުލިބި ދާން ޖެހުމަކީ މާޔޫސްކަމެއް ކަމަށެވެ.
ކޮވަޗް ބުނީ ކޯޗިން ކެރިއަރުގައި ލިބުނު ފުރަތަމަ ކާމިޔާބީއާ އެކު ދެން ކުރިއަަށްދާން ހިތްވަރު ލިބިއްޖެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
20 May 2018
ދެން ބަޔާނުން އަވަސްވެގަންނާނީ ފްރެންކްފާޓް ފުނޑާލުމަށް.. ޑޯޓްމަންޑް ފުނޑާލަން ގޮޓްޒާމެން ގެންގޮސް ބެހެއްޓީ ބެންޗްގަ... މިރާއްޖޭގަ ދަރުބާރު ފެކްޝަނުން ކަންކުރާގޮތައް....
ބާލައާދަނު
21 May 2018
ބަޔާންގެ ނުފޫޒުގެ ސަބަބުން ބުންޑަސްލީގާ އަކީ ވާދަވެރިކަމެއްނެތް ފޫހި ލީގެއް.