.
24 މެއި 2018 - 08:24
ކޮންމެ ހުކުރު ދުވަހަކު ކަހަފު ސޫރަތް ކިޔަވަން އަޅުގަނޑުމެން ފަރުވާތެރިވަމެވެ. އެއީ އެކަމުގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ގިނަ ހަދީސްތަކެއް ހުރުމުންނެވެ. ސައްހަ މަގުން ރިވާވެގެންވާ ހަދީސްތަކުން އެނގޭ ގޮތުގައި އެ ސޫރަތް ކިޔަވާ މީހަކަށް އަލިކަމެއް ލިބިގެންވެ އެވެ. އެއް ހުކުރުން އަނެއް ހުކުރަށް ފާފަތައް ފުހެވިގެންދެ އެވެ. ދައްޖާލުގެ ފިތުނަތަކުން ސަލާމަތްވެވެ އެވެ.
ފިތުނަތަކުން ސަލާމަތްވުމުގެ ފުރުސަތު އޮތްކަން އިތުރަށް ހާމަވަނީ މި ސޫރަތުގައި ވަރަށް މުހިންމު ހަތަރު ވާހަކައަކާއި އެވާހަކަތަކާ ގުޅިފައިވާ ހަތަރު ފިތުނައަކާއި އެ ހަތަރު ފިތުނައިން ސަލާމަތްވާނެ މަގު ބަޔާން ކުރައްވާފައި އޮތުމުންނެވެ. މި ހަތަރު ފިތުނައާ އެކު އަންނާނީ ދައްޖާލެވެ.
- ކަހަފް (ހޮހަޅަ)ގެ އަހުލުވެރިންގެ ވާހަކަ
- ދެ ބަގީޗާގެ ސާހިބު މީހާގެ ވާހަކަ
- ޚިޟުރުގެފާނާއި މޫސާގެފާނުގެ ވާހަކަ
- ޒުލްގަރްނައިނިގެ ވާހަކަ
- ދީނުގެ ފިތުނަ
- މުދަލުގެ ފިތުނަ
- އިލްމުގެ ފިތުނަ
- ބާރާއި ވެރިކަމުގެ ފިތުނަ
މި ހަތަރު ބާވަތުގެ އިމްތިހާނުތަކާ އިންސާނާގެ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާން ޖެހެ އެވެ. އެހެންކަމުން މި ފިތުނަތަކުން ސަލާމަތްވާނެ މަގުތައް ވެސް ކަހަފް ސޫރަތުގައި ބަޔާންކުރައްވަ އެވެ. އެހެންކަމުން މި ސޫރަތް ކިޔަވަން ޖެހޭނީ، ހަމައެކަނި އެ ކިޔެވުމުން ލިބޭ ސަވާބަށް އެކަންޏެއް ނޫނެވެ. މީގެ އިތުރުން އޭގައި ހިމެނޭ ވާހަކަތަކާއި ފިތުނަތަކާއި އޭގެ ހައްލުތަކާ މެދު ވިސްނައި، އިބުރަތް ލިބިގަންނަން ވެސް ޖެހެ އެވެ. މި އިބުރަތްތައް ލިބިގަތުމަށްޓަކައި އެންމެ ފުރަތަމަ އެއީ ކޮން ކަންތައްތަކެއްތޯ ދެނެގަތުން މުހިންމެވެ.
އެއީ ﷲ އަށް އީމާންވީ ޒުވާން ޖަމާއަތަކަށް އަނިޔާވެރި ރަސްކަލެއްގެ ފުށުން ކުރިމަތިވި ނުރައްކަލެވެ. މި އިމްތިޙާނުގައި އެ ޒުވާނުން ﷲ އަށްޓަކައި ހިޖުރަކުރީ އެވެ. ބޭނުމަކީ މިނިވަންކަމާ އެކު ﷲ އަށް އަޅުވެތިވުން މަތީ ދެމިތިބުމެވެ. އެބައި މީހުން ވަނީ ފަރުބަދައެއްގެ ހޮހަޅައަށެވެ. އެއާ އެކު ﷲ ވަނީ އެމީހުން ތިން ސަތޭކަ އެތައް އަހަރެއް ވާންދެން ނިންދުވާފަ އެވެ. އެ ޒުވާނުން ދެއްކި ހިތްވަރާއި ކެތްތެރިކަމުގެ ނަތީޖާއަކީ މުޅި ރަށް ތައުޙީދުގެ ނޫރުން އުޖާލާކުރުމުގެ މެދުވެރިންނަށް އެ ޒުވާނުން ވެގެން ދިއުމެވެ.
ދީނުގެ ފިތުނައިން ސަލާމަތްވާނެ މަގު ﷲ ބަޔާން ކުރައްވާފައި ވަނީ ސޫރަތުގެ 28 އަދި 29 ވަނަ އާޔަތުގައެވެ. އެއީ ﷲ ގެ ވަޖުހުފުޅު އެދިގެން އެކަލާނގެ އަށް ހެނދުނާއި ހަވީރު ދުޢާކޮށް އަޅުކަންކޮށް އުޅޭ މީހުންނާ އެކު ކެތްތެރިވެ ހުރުމެވެ. އަދި ދުނިޔަވީ ޒީނަތްތަކަށް އެދުންވެރިވެ އެހެން ފަރާތަކަށް ނުޖެހުމެވެ. ހަމަ އެއާ އެކު ﷲ ހަނދުމަ ކުރުމުން އެމީހެއްގެ ހިތް ޣާފިލުވެފައިވާ، އަމިއްލަ އެދުމަށް ތަބާވާ، ނުބައި ކަމުގައި ހައްދުފަހަނައަޅާފައިވާ މީހަކަށް ކިޔަމަން ނުވެ ހުރުމެވެ. އަބަދުވެސް ހެޔޮލަފާ މީހުން އެކުވެރިން ކަމުގައި ބެލުމެވެ. އަދި އަލިފާނުގެ ފާރުތައް އެތަން ވަށައިގެންވާ، އެތަނުން ބުއިމަކަށް އެދިއްޖެ ނަމަ މޫނުތައް ފިއްސާލާ ވަރުގެ ތެޔޮކުނޑި ފަދަ ހޫނުގަދަ ފެނެއް ނޫނީ ނުލިބޭ ނަރަކައިގެ މަތިން އަބަދުވެސް ހަނދާން ބެހެއްޓުމެވެ.
އެއީ ﷲގެ ތަނަވަސް ރިޒުގުގެ ތެރެއިން ތަފާތު މޭވާ އާއި ދަނޑުގޮވާން އެކުލެވޭ އަދި އެ ދެމެދުގައި ކޯރެއް އޮތް ދެ ބަގީޗާ ލިބިގެންވި މީހާ އަށް ކުރިމަތިވި އިމްތިހާނެވެ. މި އިމްތިހާނުގައި އޭނާ ﷲގެ އެ ނިއުމަތްތަކަށް ކުފުރުވެ، ބޮޑާވެ އެއީ ދުވަހަކު ނެތިނުދާނެ ނިއުމަތްކަމަށް ހީކުރި އެވެ. އާޚިރަތް އަތުވެދާނެ ކަމަކަށް ހިއެއްނުކުރި އެވެ. ﷲގެ ހަޟްރަތަށް ރުޖޫއަކުރެއްވިޔަސް މިއަށް ވުރެ ރަނގަޅު ގޮތް މެދުވެރިވާނެ ކަމަށް ބެލީ އެވެ. ނަމަވެސް ﷲ ގެ ނިއުމަތަށް ކުފުރުވުމުން އެ ދެ ބަގީޗާ ވެސް ހަލާކުވެ ދިޔައީ އެވެ.
މުދަލުގެ ފިތުނައިން ސަލާމަތްވުމުގެ މަގު ދައްކައިދެނީ ދެ ބަގީޗާގެ ސާހިބު މީހާގެ އެކުވެރިޔާ އެވެ. އޭނާ ނަސޭހަތް ދިނީ ﷲ އަށް ޝިރުކު ނުކޮށް، ނިޢުމަތަކީ ﷲ ދެއްވާ އެއްޗެއްކަން ގަބޫލުކޮށް "ﷲ އިރާދަކުރެއްވި ކަމެއް ވާނެ" އޭ "އެއްވެސް ބާރެއް ﷲގެ ހަޒްރަތުން މެނުވީ ނުވޭ" އޭ ބުނެގެންނެވެ. އެކުވެރިޔާ އެދުނީ އެކަން އަބަދުވެސް ހަނދާން ބެހެއްޓުމަށެވެ (ކަހަފު 37 – 40).
މި ވާހަކަ އިން ކިޔައިދޭ އަނެއް ކަމަކީ ދުނިޔަވީ ހަޔާތަކީ އުޑުން ވެހޭ ވާރޭ، ބިމާ އެކުވެ އެއިން ގަސްތައް ހެދި ބޮޑުވުމަށް ފަހު ގަސްތައް ހިކި އަނަރޫފަވެ ވަޔާ ބުރައިގެން ދާ ފަދައިން ނެތިދާ އެއްޗެއްކަން ހަނދާން ބެހެއްޓުމެވެ. މުދަލާއި ދަރިންނަކީ ދިރިއުޅުމުގެ ހަޔާތުގެ ޒީނަތްތެރިކަމެވެ. އެއާ ހިލާފަށް އާޚިރަތަށްޓަކައި ދެމިހުންނަނީ ހެޔޮ އަމަލުތައް ކަން ވެސް ހަނދާން ބަހައްޓަން ސޫރަތުގައިވެ އެވެ. (ކަހަފު 45 – 46).
މިކަން މެދުވެރިވަނީ މޫސާގެފާނަށެވެ. މޫސާގެފާނަށް ހީފުޅުކުރެއްވުނީ އެންމެ ޢިލްމުވެރި އިންސާނަކީ އެކަލޭގެފާނު ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ބަޔާންކޮށްދެއްވަން ﷲ އެންގެވީ ޚިޟްރުގެފާނާ ބައްދަލުކުރެއްވުމަށެވެ. ޚިޟްރުގެފާނު ބައެއް ކަންކަން ކުރެއްވީ އޭގެ ހަގީގަތް ދެނެވަޑައިގެން ހުންނަވަ އެވެ. އެކަމަކު މޫސާގެފާނަށް އެކަންކަން އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން އެކަލޭގެފާނު ގެންދެވީ ބޭރު ފުށުން ފެންނަ ކަންކަމުގެ މައްޗަށް ބިނާކުރައްވައި ވަކި ގޮަތަކަށް ނިންމަވަމުންނެވެ. ނަތީޖާ އަކީ ޚިޟްރުގެފާނާ އެކު މޫސާގެފާނަށް ކެތްނުކުރެއްވުމެވެ.
މި ފިތުނައިން ސަލާމަތްވުމުގެ މަގަކީ ބޮޑާކަން ދޫކޮށްލައި ހިތްތިރިވުމާއި ކަންކަމުގެ ހަގީގަތް ދެނެގަންނަން ގަދައަޅައި މަސައްކަތް ކުރުމެވެ. ސޫރަތުގެ 69 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވާފައި ވަނީ މޫސާގެފާނު ވިދާޅުވި ބަސްފުޅެވެ. "ﷲ އިރާދަކުރެއްވިއްޔާ ތިމަން ކަލޭގެފާނަކީ ކެތްތެރިއެއް ކަމަށް ކަލޭގެފާނު ދެކެވަޑައިގަންނަވާނޫ އެވެ."
އެއީ ޒުލްޤަރްނައިނި އަށް ﷲ ދެއްވި އިލްމުވެރި ކަމާއި ބާރާއި ރަސްކަމެވެ. އަދި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަށް ވެސް ދެއްވި ބާރެވެ. މި އިމްތިހާނުން ދައްކައިދެނީ ހެޔޮކަން ފަތުރައި މީސްތަކުންނަށް އެހީތެރިވެދެއްވުމުގައި ބިމުގެ އިރުމަތިން ހުޅަނގަށް ޒުލްޤަރްނައިނި ދަތުރުކުރެއްވިކަމެވެ. ނަމަވެސް ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ފަރާތުން ނިކަމެތި ގައުމެއްގެ ބަޔަކަށް އަނިޔާތައް ކުރިމަތި ކުރުވި އެވެ. މި ނުރައްކަލުން ގައުމު ސަލާމަތް ކުރެއްވުމަށް ޒުލްޤަރްނައިނި މަސައްކަތްޕުޅު ކުރެއްވީ ދުނިޔަވީ މަންފާއެއް ނެތި ހަމައެކަނި ﷲގެ ޙަޟްރަތުން ޢުޚްރަވީ ހަޔާތުގައި ލިބެން އޮތް މަންފާއަށްޓަކައި އިޚްލާޞްތެރިކަމާ އެކު އެވެ.
ވެރިކަމާއި އާރާއި ބާރުގެ ފިތުނައިން މިންޖުވާން އޮތީ (ސޫރަތުގެ 104 ވަނަ އާޔަތުގައި ބަޔާންވެފައިވާ ފަދަ ގޮތަކަށް) އަމަލުތައް ބޭކާރު ވިޔަ ނުދިނުމަށް މަސައްކަތް ކޮށްގެންނެވެ. ދުނިޔަވީ ހަޔާތުގައި އަމަލުތައް ބާތިލުވެ ގެއްލިގެން ދަނީ ތިމާގެ އަމަލުތައް ހުރީ ރަނގަޅަށް ކަމަށް ހީކޮށް އެކަމަކު ޢަމަލުތަކުގައި އިޚްލާޞްތެރިކަން ނެތިގެންނެވެ.
ސޫރަތް ނިންމާލާފައި ވަނީ ހުރިހާ ބާވަތެއްގެ ފިތުނައިން ވެސް ސަލާމަތް ވެވޭނެ މަގެއް ބަޔާން ކުރަމުންނެވެ. އެއީ ﷲ އަށް ޝިރުކުކުރުމާއި ކަންދެއްކުމުން ދުރުހެލިވުމެވެ. އަދި ހަމައެއާ އެކު އިޚްލާޞްތެރި ކަމާ އެކު ޞާލިޙު ހެޔޮ ޢަމަލުކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޔުމުގެކުރިން ވިސްނާލާ
25 May 2018
" އެ ފާރު މިހާރު ވަނީ ނެތިގޮސްފައި. އެކަން ހަދީސްތަކުން ވެސް އެނގޭ. ޕާކިސްތާނުގެ މަޝްހޫރު އާލަމާ އިގްބާލް ލިޔުއްވި ޕޮޔަމްއެއްގައި ވެސް އިންނާނެ ޔައުޖޫޖު މީހުން ފާޅުވީ ވާހަކަ. އެމީހުން މުޅި ދުނިޔެ ކޮންޓްރޯލް ކުރަނީ. އެމީހުން ފާޅުވީ ފަހުން މުޅި ދުނިޔެ މިވަނީ ފަސާދުވެފައި..". މިއީ އެނގިގެން ލިޔެފަވަާ ލިޔުމެއްބާ..؟ ޢެހެނީ އެމީހުން ފާޅުވުމަކީ ޤިޔާމަތްވުމުގެ ޢަލާމާތެއްކަމާ އެމީހުންގެ ސިފަތައް ޤުރުޢާނުގަވަނީ ސާފުކޮށް ބަޔާންކުރައްވާފައި..
ޑރ. މޯލްޑިވްސް
26 May 2018
މިއީ އިނގިގެން ލިޔެފައޮ އޮތް ލިޔުމެއް. ޔައުޖޫޖު މައުޖޫޖު މީހުން ފާޅުވެގެން ފަލަސްތީނުގައި އޮންނަ ސީ އޮފް ގެލެލީ އަށް އައިސް އެ މީހުން އެތަނުގެ ފެން ބޭނުންކުރާނެ ވާހަކަވެސް ހަދީސްގައ އޮވޭ. އަދި ހަދީސްގައި އޮވޭ އެމީހުން އެ ފެން ބޭނުންކުރުމުން އެ ކޯރު ހިނދޭނޭ ވާހަކަވެސް. މިހާރު އެތަން އެ ދަނީ ހިނދެމުން. ދެން އާލަމާ އިގްބާލްއަކީ ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު އެއް އިލްމުވެރިޔާ. ތިބާގެ ފެންވަރު އަޅުގަނޑަށް ކިޔައިދެވިދާނެތޯ؟
ތުނިޔަ
25 May 2018
މާޝާﷲ.. މިފަދަ ލިޔުންތަށް އިތުރުޖޮށްދެއްވުން އެދެން! ވަރަށް ފުރިހަމަ އަދި ވަރަށް ޝައުގުވެރި.
ޒަކަރިއްޔާ
24 May 2018
ޒުލްގަރުނައިނި ބިނާކުރެއްވި ފާރު މިހާރުކޮބައިތޯ؟ ކޮންމެވެސް ބޭފުޅަކު މިސުވާލުގެ ޖަވާބުދެއްވަފާނަންތޯ.
ނޯޑައުޓް
24 May 2018
އެއީ ގައިބުގާވާކަމެއް. ވަގުތުޖެހުމުން އެނގޭނެ.. އަހަރެމެން ޤުރުޢާން ގައިވާ ހުރިހާ ކަމެއް ގަބޫލުކޮށް އީމާންވާބަޔަކު ކަމުގައި ވާންވާނެ.
ޑެއިޒީ
24 May 2018
ވަﷲ އަޢުލަމް...
ޑރ. މޯލްޑިވްސް
24 May 2018
އެ ފާރު މިހާރު ވަނީ ނެތިގޮސްފައި. އެކަން ހަދީސްތަކުން ވެސް އެނގޭ. ޕާކިސްތާނުގެ މަޝްހޫރު އާލަމާ އިގްބާލް ލިޔުއްވި ޕޮޔަމްއެއްގައި ވެސް އިންނާނެ ޔައުޖޫޖު މީހުން ފާޅުވީ ވާހަކަ. އެމީހުން މުޅި ދުނިޔެ ކޮންޓްރޯލް ކުރަނީ. އެމީހުން ފާޅުވީ ފަހުން މުޅި ދުނިޔެ މިވަނީ ފަސާދުވެފައި
ހުރަސް
24 May 2018
ފަންނުވެރި ލިއުންކޮޅެއް ތިބާ އަށް ކީރިތި ألله ހެޔޮ ޖަޒާދެއްވާށި. އާމީން!
ފަލާހް
24 May 2018
ވާވް ޖަސްޓް ވާވް
ޟިޒް
24 May 2018
މާ ކުުުރުކޮށް ލިޔެފަ