މިދިޔަ ސީޒަނުގެ އެސްޓީއޯ މާލޭ ލީގުގެ މެޗަކަށް ފަހު ރެފްރީން ދަނޑުން ފައިބަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޖޫން 2018 - 14:04
ދިވެހި ފުޓްބޯޅައިގައި ކޮންމެ އަހަރަކު ވެސް އެންމެ ބޮޑަށް ވާހަކަދެކެވޭ އެއް މައްސަލައަކީ ރެފްރީންގެ މައްސަލަ އެވެ. ރެފްރީންނަށް ކުރިމަތިވާ ފާޑުކިޔުން މިދިޔަ އަހަރު އިތުރުވި އެވެ. އެކަން ބޮޑުވެ މިދިޔަ އަހަރު ދެ މެޗެއް ހުއްޓާލަން ވެސް ޖެހުނެވެ. މި އަހަރު ވެސް އެ މައްސަލައަށް ހައްލެއް އައިތަނެއް ނުފެނެ އެވެ.
އަދި ރެފްރީންނަށް ވެސް ދަތިތަކެއް އެބަހުއްޓެވެ. އެލަވަންސް ނުލިބުމާއި ކުރިއެރުވުމަށް އިދާރާތަކުން މަސައްކަތްނުކުރާކަމުގެ ޝަކުވާތަކެވެ. އެނގިފައިވާ ގޮތުގައި ބައެއް ރެފްރީން އަންނަނީ މިހާރު ކުރިޔަށްދާ އެސްޓީއޯ މާލޭ ލީގުގެ މެޗުތައް ބޮއިކޮޓްކުރުމާ މެދު ވެސް ވިސްނަމުންނެވެ. ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅެން އޮތް މެޗު ވެސް ވަނީ ރެފްރީން ނާންނާތީ ކެންސަލް ކޮށްފަ އެވެ. އެ މެޗު މިއަދު ކުޅެން އަލުން ވަނީ ޝެޑިއުލްކޮށްފަ އެވެ.
މިދިޔަ އަހަރު އެފްއޭއެމް އިން ވަނީ ރެފްރީން ތަރައްގީ އަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ބުނެފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރު ވިދާޅުވީ އޭގެ ކުރީ އަހަރުތަކުގައި ރެފްރީންނަށް މާ ބޮޑު ކަންތައްތަކެއް ކޮށްދެވިފައިނުވާ ކަމަށާއި އެކަމަށް ހައްލެއް ހޯދުން މުހިއްމު ކަމަށެވެ. އޭއެފްސީގެ އެހީއާ އެހެން ފަރާތްތަކާ ގުޅިގެން ކަންތައްތަކެއް ރޭވިފައިހުރި ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު އޭއެފްސީގެ ރެފްރީސް ޑިޕާޓްމަންޓްގެ ވަފުދެއް ރާއްޖެ އައިސް ރެފްރީންގެ ކަންތައްތައް ދިރާސަކުރި އެވެ. އަދި ރާއްޖޭގައި ދިމާވެފައިވާ ރެފްރީންގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މަސައްކަތް ފެށި އެވެ. އެކަމަކު މި އަހަރު ވެސް މި ފެންނަނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް ރެފްރީންގެ މައްސަލަތައް ތަކުރާރުވަމުން އަންނަ މަންޒަރެވެ.
Refereen kuri aruvan anna mahu massakkaiy fashanee
The most trusted news source in the Maldives
Mihaaru
ރެފްރީން ކުރިއަރުވަން މިދިޔަ އަހަރު އެފްއޭއެމް އިން މަސައްކަތްތަކެއް ކުރިކަމަށް ވަނީ ބުނެފައި.--
ދިވެހި ފުޓްބޯޅައިގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް މި ސީޒަނުގެ މެޗެއް ނިންމާފައި ނޫސްވެރިންގެ ގާތުގައި ބުނީ "ދިވެހި ފުޓްބޯޅަ ކުރިއަރާނީ ހަމަ އެކަނި ކުޅުންތެރިން މޮޅުވެގެން ނޫން ކަމަށާއި ރަނގަޅު ރެފްރީން މެޗުތައް އިންސާފުކުރަން ވެސް ތިބެގެން" ކަމަށެވެ. އެއީ ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން ވެސް މިދިޔަ އަހަރު ދެއްކި ވާހަކަތަކެވެ.
ގިނަ ދިވެހި ކޯޗުން ވެސް ރެފްރީންގެ އިންސާފުކުރުންތަކާ މެދު އެކި ސިފަ ސިފައިގައި ކަންބޮޑުވުން ހިއްސާކުރާއިރު އެކި ފަރާތްތަކަށް ތުހުމަތުގެ އިނގިލިތަށް ދިއްކުރެ އެވެ. ދާދި ފަހުން ލީގުގެ މެޗެއް ނިންމާފައި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދެއްކި ވާހަކައިގައި ބުނެފައިވަނީ ރެފްރީންގެ ކަންތައްތައް ބަލާނެ އަދި އެކަން ރަނގަޅު ކުރާނެ ބަޔަކު ނެތް ކަމަށެވެ.
މިދިޔަ އަހަރު ދިމާވި މައްސަލަތަކެއްގެ ސަބަބުން ރެފްރީންގެ ކަންތައްތަކާ މެދު ފިޔަވަޅުތަކެއް އެޅި އެވެ. ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި މާޒިޔާ ކުޅުނު މެޗު ހުއްޓާލަން ޖެހުނުއިރު، އެ މެޗުގައި އިންސާފުކުރި މުހައްމަދު ނިއުޝާދު ވަގުތީ ގޮތުން ސަސްޕެންޑްކުރި އެވެ. އަދި ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ދުރުކުރި އެވެ.
ހަގީގަތުގައި އެ ނިންމުމުން ވެސް ރެފްރީންގެ ކަންތައްތަކަށް ރަނގަޅު ބަދަލެއް އައި ކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ. ސަަބަބަކީ މިދިޔަ އަހަރެކޭ އެއްވަރަށް މި އަހަރު ވެސް މެޗުތަކަށް ފަހު ރެފްރީންގެ ޝަކުވާ އަންނަ މިންވަރު އިތުރުވަމުންދިޔުމެވެ.
ފާއިތުވި ސީޒަންތަކުގައި ދިވެހި ރެފްރީންނާ މެދު ކްލަބްތަކުން ހިތްހަމަ ނުޖެހި ޝަކުވާގެ ސިޓީތައް އެފްއޭއެމަށް ހުށަހެޅުން އިތުރުވުމާއި ރެފްރީންގެ ދަތިތަކެއް ކުރިމަތިވާ ދަނޑިވަޅުތަކުގައި އެފްއޭއެމުން އަންނަނީ ސަރަހައްދުގެ އެހެން ގައުމުތަކުގެ ރެފްރީން ގެންނަމުންނެވެ. ހަގީގަތުގައި މިއީ ވަގުތީ ހައްލެކެވެ. ބިދޭސީ ރެފްރީން ގެނައުމަށް ވުރެ ދާއިމީ ގޮތެއްގައި ދިވެހި ރެފްރީންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުން މާ މުހިއްމެވެ.
މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި އިންސާފުކުރަން ގެނައި ބިދޭސީ ރެފްރީންގެ ފެންވަރާ މެދު ގިނަ ކޯޗުން ވަނީ ޝަކުވާކޮށްފަ އެވެ. އަދި ގެންނަ ބިދޭސީ ރެފްރީން ލައްވައި ގާތްގާތުގައި މެޗުތަކުގެ ރެފްރީކަން ކުރުވާތީ އޭގެ ސަބަބުން އެ މީހުންނަށް އެންމެ ރަނގަޅަށް މެޗުގެ ކަންތައް އިންސާފުނުކުރެވި ދިޔަތަން ވެސް ވަނީ ފެނިފަ އެވެ. އަދި ރެފްރީން އަތުން މެޗުގެ ކޮންޓްރޯލް ގެއްލި މެޗު ހުއްޓާލަން ޖެހުނު ފަހަރެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުގެ ލޯކަލް ލީގުތަކުގައި މެޗު އިންސާފުކުރަނީ އެ ތަނެއްގެ ރެފްރީންނެވެ. ސަބަބަކީ ބައިނަލްއަގްވާމީ ލެވެލެކަށްދާން އެ ރެފްރީންނަށް ފުރުސަތު ލިބެން އޮތީ އެ ހިސާބުން ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށްވާތީ އެވެ. އެކަމަކު ދިވެހި ރެފްރީންނަށް މި ގައުމުގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަންނުކުރެވި މި ކަން ބިދޭސީ ރެފްރީންގެ އަތް މައްޗަށް ދާ ގޮތްވުމުން އޭގެ ގެއްލުން ފުޓްބޯޅަ އަށް ކުރާނެ އެވެ. މިކަމުގައި އޮތް ގޮތަކީ ދިވެހި ރެފްރީންނަށް ދިމާވެފައިވާ ކަންތައްތަކަށް ހައްލެއް ހޯދުމެވެ.
ލީގުގެ މެޗަކަށް ފަހު ރެފްރީން ދަނޑުން ފައިބަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިހާރަ"ށް އެނގިފައިވާ ގޮތުގައި ރެފްރީންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ މީހުންނަށް ދޭން ޖެހޭ އެލަވަންސް ނުލިބި ހުރުމެވެ. އަދި ބައެއް ރެފްރީންނަށް މީގެ ދެ އަހަރު ކުރިން ލިބެން ޖެހޭ އެލަވަންސް ނުލިބޭ ކަމަށްވެ އެވެ.
އެކަމާ ސުވާލުކުރުމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އަބަދު ވެސް ރެފްރީންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގައި އެފްއޭއެމުން މަސައްކަތް ކުރާ ކަމަށެވެ.
"ރެފްރީންނާ ގުޅޭގޮތުން އެކި ކަހަލަ އިޝޫސް އަަބަދުވެސް އުޅޭ. ދެން އެލަވަންސް ކަންތައްތަކުގައި ވެސް ޑިލޭ އެއް އުޅޭ. އެއީ މިދިޔަ ދައުރުގެ އެލަވަންސްތަކެއް ވެސް ނުދެވި ހުރީމަ އެ ހުރިހާ އެއްޗެއް ބަހާލައިގެން ދެމުން މިދަނީ. ރެފްރީންނާ ވާހަކަ ދައްކައިގެން އެކަން އަބަދުވެސް ކުރިއަށް ގެންދަނީ،" ޖަވާ ވިދާޅުވި އެވެ.
ރެފްރީންގެ ކަންތައްތަކަށް އިތުރު ސަމާލުކަން ދީގެން ހައްލުކުރަން މިހާރު އޮތީ ޖެހިފަ އެވެ. ސަބަބަކީ މިހާރު އަލަށް ރެފްރީކަމަށް ނުކުންނަ މީހުން ވެސް ނިސްބަތުން މަދުވަމުން އަންނައިރު، އަލަށް ފަށާ ރެފްރީންނަށް ވެސް ފޯރުކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް ފުރިހަަމަ ނުވެ ހުރުމެވެ. މިއީ މުސްތަގުބަލަށް ބަލާއިރު ދިވެހި ފުޓްބޯޅަ ކުރިއެރުމަށް އަށް އޮތް ބޮޑު ހުރަހަކަށްވުމުގެ ފުރުސަތު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާނު
01 June 2018
ޢެފް އޭއެމް ހިންގަނީ ޓީމުތަކުން ޓީމުތަށް މިކަމުގެ ޒިނަމާނަގަން ޖެހޭނީ އެފް ޢޭއިން ޓީމުތަކަށްލާރި ދެވުނީމަނިމުނީ
ފިނިހަކަ
01 June 2018
ކުޅިވަރު އެސޯސިސިއޭސަން ތަކުތެރޭން އެއްމެ ދަންފަތީގަ މިހާރު ހިންގަނި ފުޓްބޯޅަ އެސޯސިއޭސަން. މީ ގައުމް ގެ އެއްމެން ދަންނަ ބޮނޑް ހަގީގަތެއް..
ޢަހްމަދު
01 June 2018
އެފްއޭމްގަ ތިބި ވެރިން އިސްތިއުފާ ދިނުމަށް ފަހު ތިތަން ހިންގޭނެ ވަރުބަޔަކާ ހަވާލުކުރުމަށް ގޮވާލަން.
ހޮދޭ
01 June 2018
ފުޓްބޯޅައަށް ސައުގުވެރިކަމެއް ނެތް މީހަކު ލައިގެން ފުޓްބޯޅަ ކުރިއެއް ނޭރުވޭނެ ދޯ.
ޔާސިރު
01 June 2018
ގަލޮޅު ދަނޑްގަ މެޗެއް ކުޅޭތަ މިހާރު.
ގާރީ
01 June 2018
ދާއިމީ ހަންލެއް ލިބޭނި ބަންސާމް އިސްތިއުފާ ދިން ދުވަހަކުން އޭނަ އެތާހުރެގެން ދިވެހި ފުޓްބޯޅަ ދާނީ ދަށަށް. އެއްވެސް ކަހަލަ ގާބިލިންޔަތު ކަމެއް ނެތް ކަން އެގިންޖެ މިވީ ދުވަސްކޮޅުތެރޭގަވެސް. އެވެސް ކަމެއް ރަގަޅެއް ނުވޭ ފޮނިވާހަކަ ދައްކަށް ވަރަށް މޮޅު.
ރެފް އަހުމަދު
01 June 2018
ބަހާލައިގެން ކޯންޗެއްތޯ ދިނީ؟ ދޮގު މައުލޫމާތު ނުފަތުރާ. ނުދީހުރި ފައިސާއިން ކުޑަޒައްރެއް އަދި 2018ގެ މާލޭ ލީގުގެ ފުރަތަމަ 4 މެޗާއި އެހަފްތާގައި ކުޅުނު އިންޓަރ ސުކޫލްގެ އެލަވަންސް. އެވެސް އޮޅޮންބޮޅުމާއެކު. ރެފްރީން މިއަދު ނުކުންނަނީ ލީގު ހުއްޓިއްޖެނަމަ ދިމާވާ ދަތިކަން ހުއްޓުވުމަށް އަދި ރެފްރީންގެ އެލަވަންސް ކަންތައް ހައްލުކުރުމަށް އެމްއެންޑީއެފްއިން މަސައްކަތްކޮށް ދެއްވާނެކަމުގެ ޔަގީންކަން ދިނުމުން. އަދި ޖަވާވެސް މިކަން ކޮށްދެއްވާނޭކަމަށް ބުނުމުން. އެކަމް ޖަވާއަށް އެއްވެސް އިތުބާރެއްނެތް. އެއްބަސްވިގޮތަށް އެއްވެސް ކަމެއް ނުދާނޭކަން ޔަގީން
ހާބެ
01 June 2018
އިންޑިޔާއިން ކަބަޑި ރެފްރީން ކޮޅެއް ދެން ގެންނާނި..
އާރީ
01 June 2018
ބޭރު ރެފްރީން ގެންނަށް ރުފިޔާ ހުރޭދޯ. އެމީހުން ގެނެސް އެކޮމޮޑޭސަން އާއި ކެއުމާއި ވިސާ މެޑިކަލު ނުވިތާކަން ބޮނޑް މުސާރަ ދީފަ މި ބައިތިންބަނި. އެކަމް ދިވެހި ރެފްރީންނަށް ދޭނި ފައިސާއެއް ނުހުރޭ އަޖައިބްވެ ބަޔަކު އައްތަރީސް ވެދާނެ ދޯ..
ޖެރާޑް
01 June 2018
ޖަވާމެން ދައްކާ ވާހަކަ އެއް ދުވަހަކު ދިމަލެއް ނުވާނެ ރެފްރީންނަށް މުސާރަކޮޅު ނުދޭ ޓީމްތަކަށް ދޭންޖެހޭ ރުފިޔާ ނުދޭ. އެކަމް މި މީހުން ބަރާބަރަށް މުސާރަނަގައިގެން ކަމެއް ކުރަނީ އަކީ ނޫން. ދިވެހި ފުޓްބޯޅަ އަށް އައިސް އޮތް ހީނަރުކަން ނިކަން ދެކިބަލަ. އެހެންތާ ވާނި ނާގާބިލު ރައީސްއަކު ލައިގެން އެފްއޭއެމް ހިންގަން އުޅެނި