އެސްޓީއޯ މާލޭ ލީގުގެ މެޗެއްގެ ތެރެއިން ރެފްރީން އޮފިޝަލް ކުރުމަށް ފަހު ދަނޑުން ފައިބަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އޯގަސްޓް 2017 - 10:38
ރެފްރީން ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް އޭއެފްސީގެ ރެފްރީޒް ޑިޕާޓްމަންޓުގެ އެހީގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ ރެފްރީންގެ ތަރައްގީ އަށް މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް އޭއެފްސީގެ އެހީ ހޯދާނެ ކަމަށް ވެސް އޭރު ވަނީ ބުނެފަ އެވެ.
ރެފްރީންގެ ޝަކުވާތައް އަހަރުން އަހަރަށް ގިނަ ވަމުން އަންނައިރު، ދިވެހި ރެފްރީންގެ މަސައްކަތްތައް އެންމެ ރަނގަޅަށް އެސެސް ނުކުރެވޭ ކަމަށް ބުނެ ފުޓްބޯޅަ އާއިލާގެ ގިނަ ފަރާތްތަކުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
ރެފްރީންގެ ކަންތައްތަކާ ގުޅޭގޮތުން ބައްސާމް "މިހާރަ"ށް ބުނީ ރެފްރީންގެ ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ މަހު ފަށާނެ ކަމަށެވެ.
"މީގެ އެއް މަސް ކުރިން އޭއެފްސީގެ ރެފްރީސް ޑިޕާޓްމެންޓްގެ ވަފުދެއް މިކޮޅަށް އައިސް ވަނީ ރެފްރީންގެ މަސައްކަތްތައް އެސެސް ކޮށްފައި. އަންނަ މަހު 15 ގައި އަލުން އެ ބޭފުޅުން އަންނަނީ ކުރަން ޖެހޭ މަސައްކަތްތައް ނިންމައި އެކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ފެށުމަށް. އެކަންތައްތައް ހަމަޖެއްސުމަށް ބޭރުގެ ރެފްރީންގެ ޑިރެކްޓަރެއް އެމީހުން ހަމަޖައްސާނެ. މިއީ ރެފްރީންގެ ކުރި އެރުމަށް އެޅޭ ބިންގަލަކަށް ވެގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ މިހާތަނަށް ވެސް މާލޭ ލީގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ޓީމުތަކުގެ ކޯޗުންނާއި އޮފިޝަލުން ވަނީ ރެފްރީންގެ ނިންމުތަކުގެ ޝަކުވާ ވަރަށް ބޮޑަށް ކޮށްފަ އެވެ. އަދި ރެފްރީންގެ ގޯސް ނިންމުންތަކުގެ ސަބަބުން މެޗުތަކުގެ ނަތީޖާ ވެސް އިންސާފުވެރި ނޫން ބުނެ ތުހުމަތުތަކެއް ވެސް ކުރި އެވެ.
ބައްސާމް ވިދާޅުވީ މި ވަގުތަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދަން އަވައްޓެރި ގައުމުތަކުގެ ރެފްރީން ގެންނާނެ ކަމަށެވެ.
"ޕްރިމިއާ ލީގުގެ މެޗުތަކަށް ރެފްރީންގެ ދަތިތަކެއް އުޅޭނަމަ އަޅުގަނޑުމެން އިންޑިއާ އިން ނޫނީ ލަންކާ އިން ރެފްރީން ގެންނާނީ،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމުން އަންނަނީ މީގެ ކުރިން ވެސް ބައެއް މުބާރާތްތަކަށް ކައިރި ގައުމުތަކުން ރެފްރީން ގެނެސްފަ އެވެ. މިގޮތުން މި އަހަރު މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގެ ބައެއް މެޗުތަކުގައި ވަނީ ބިދޭސީ ރެފްރީން އޮފިޝަލްކަން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޓްބޯޅަ ރެފް
22 August 2017
ބިދޭސީ ރެފުރީން ގެންނަން ވީމަ ލާރި ހުރޭ. ދިވެހި ރެފްރީންނަށް ދޭނެ ލާރި ނެތް. ބިދޭސީ ރެފުރީން ކާން، ހުރުން، ދަތުރު ހަރަދު ދާއިރު ނިމިފަ. ދިވެހި ރެފުރީންނަށް އަހަރު 2 އަހަރު ވާއިރު ވެސް އުޖޫރަ ނުދެވޭ. މޮޅު ވާހަކަ ދައްކާތި. ތިހެން ބުނިތާ 7 މަސް ރެފުރީންނަށް ކޮށްދިންކަމެއް ހަރާމް. އެކަމާ ކަންބޮޑު ވެގެން އޭ އެފް ސީން ކަންބޮޑުވެ އަޅާ ފިޔަވަޅެއްގެ ގޮތުން މީހަކު ފޮނުވަނީ. ކޮންމެހެން މީނަ އެދިގެނެއްނޫން. އޭ.އެފް.ސީއިން ރެފްރީންގެ ކުރި އެރުމަށް ކަންކަން ކުރުމަށް ދޭ ބަޖެޓް ހުސްކޮށްލަނީ އެހެން ކަންކަމަށް. ރެފްރީންގެ ވާހަކަ ދެއްކުމުގެ ކުރިން އެމީހުން ދާ އޮހޮރުވައިގެން ކުރާ މަސައްކަތުގެ އުޖޫރަ މިހާރުން މިހާރަށް ދިނުމަށް ގޮވާލަން. އެއަށް ފަހު އެހެން ވާހަކަ ދައްކާ. ރީތި ދޯ މީޑިޔާގަ ވާހަކަ ދެއްކިލެއް. ހާދަ އޮމާނޭ. ބައްސާމުއަށް ސާބަސް..
ފުޓުބޯޅަ
22 August 2017
ރެފުރީ ޒައީމު އަށް ވަކިން ހާއްސަ ޓުރޭނިންގް އެއް އޭބަ ކުރިއަރުވަން ދިނުން ރަނގަޅުވާނެ ބޭސިކު އިން ފެށީމަ ބޮޑަށް ރަނގަޅުވާނީ. އަދި ރެފުރީ ސިފާނުއަށް ހަމަ ބިމުގައި ހުރުމަށްވެސް ދަސްކޮށްދޭން ވާނެ ތި ޕޮރޮގުރާމްގައި
ރެފް
22 August 2017
ދޭންޖެހޭ ލާރިކޮޅު ހަމައަށް ދެވޭނަމަ ރެފްރީންވެސް އެމީހުންގެ މަސައްކަތުގައި އިތުރު މޯޓިވޭޝަނަކާއި އެކީގައި މަސައްކަތް ކުރާނީ، ބައްސާމުވެސް ދައްކާނީ މޮޅު ވާހަކަ.