02 ޖޫން 2018 - 13:25
ނީސް، ފްރާންސް (ޖޫން 2) - އެކުވެރިކަމުގެ މެޗެއްގައި ރޭ ފްރާންސް އަތުން 3-1 އިން އިޓަލީ ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗި ރޮބާޓޯ މަންޗިނީ ފްރާންސްގެ ފޯވާޑުންނަށް ތައުރީފްކޮށްފި އެވެ.
މަންޗިނީ އިޓަލީގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު ދެ ވަނަ މެޗުގައި ރޭ ފްރާންސާ ދެކޮޅަށް ނެރުނު ޓީމުގައި ގިނަ އާ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ. ފްރާންސް އިން ނުކުތީ އެންމެ ފަހުން އަޔަލެންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕުން އިޓަލީ އަށް ޖާގަ ލިބިފައިނުވާއިރު، ދާދި ފަހުން އެ ޓީމާ ހަވާލުވި މަންޗިނީ ވަނީ މި މެޗުތަށް އޭނާ ބޭނުން ހިފާނީ ކުޅުންތެރިން ދެނެގަންނަން ކަމަށް ބުނެފަ އެވެ. އަދި އިޓަލީއާ ދެކޮޅަށް ފްރާންސްގެ ތިން ފޯވާޑުން ކަމަށްވާ އެންޓޮއިން ގްރީޒްމަން، ކިލިއަން އެމްބާޕޭ އަދި އޮސްމާނޭ ޑެމްބެލޭ ދެއްކި ކުޅުމަށް މަންޗިނީ ވަނީ ތައުރީފްކޮށްފަ އެވެ.
"ފްރާންސްގައި އޮތް ފޯވާޑް ލައިން ހުރިހާ ގޮތަކުން ވަރުގަދަ. ލިބޭ ކޮންމެ ބޯޅައެއް އެހާ ނުރައްކާ. މި ވަގުތު އަހަރެމެން މި ދަނީ ތަޖުރިބާތަކެއް ކުރަމުން. މިވަގުތަށް ބަލާއިރު ފްރާންސް އެ އޮތީ އަހަރެމެންނަށް ވުރެ ކުރީގައި. އެކަމަކު އަހަރެމެން ވެސް މި ލެވެލްގައި އަހަރެއް ވަރު ހިފަހައްޓާލައިފިއްޔާ ފްރާންސާ އެއް ހަމަ އަކަށް ދާނެ،" މަންޗިނީ ބުންޏެވެ.
ރޭގެ މެޗުގައި ފްރާންސަށް ލީޑުނަގައިދިނީ މެޗުގެ އަށް ވަނަ މިނިޓްގައި ބާސެލޯނާ އަށް ކުޅޭ ޑިފެންޑަރު ސެމިއުލް އުމްޓީޓީ އެވެ. ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ސަލްވަޓޯ ސިރިގޫ ގައިގައި ޖެހިފައި ލިބުނީ ގޯލު ކުރިމަތީގައި ހުރި އުމްޓީޓީ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
ލިބުނު ޕެނަލްޓީ އަކުން މެޗުގެ 30 ވަނަ މިނިޓްގައި ފްރާންސްގެ ދެ ވަނަ ލަނޑު ޖެހީ ގްރީޒްމަން އެވެ. އޭގެ ހަ މިނިޓް ފަހުން އިޓަލީގެ ލަނޑު ޖެހީ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އެވެ. މާރިއޯ ބަލޮޓެލީ ހިލޭ ޖެހުމަކުން ފޮނުވާލި ބާރު ބޯޅަ ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް އަތުގައި ޖެހިފައި ލިބުނީ ބޮނޫޗީ އަށެވެ. އޭނާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗުގެ 63 ވަނަ މިނިޓްގައި ފްރާންސްގެ ތިން ވަނަ ލަނޑު ޖެހީ ޑެމްބެލޭ އެވެ. އޭރިއާ ބޭރުން ޑެމްބެލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ސިރިގޫ އަތްމަތިން ގޮހެވެ. އޭގެ ފަހުން ފްރާންސަށް ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީފހފހފހފގހ
03 June 2018
ކޮބާ ބެންޒެމާ. ބެންޒެމާ އާ ރިބަރީ ނެތިއްޔާ މަ ވޯލްޑްކަޕަށް ސަލާން.........
އިޔާ
02 June 2018
ބާސާއަށް ކުޅެންޔާ މޮޅުވާނެ. ދެލަނޑު ޖެހީ ބާސާ ކުޅުންތެރިން.
ބްލެޓަރ
03 June 2018
ބާސާ އަކީ މާ މޮޅުބައެއް ނޫން، ރެފްރީލާނޯ، ޔުއެއްފަލާނޯ، ފީފަލާނޯ