އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ. --ފޮޓޯ:އޭއެފްޕީ
27 ޖޫން 2018 - 14:42
ވޮޝިންޓަން (ޖޫން 27) - އެމެރިކާ އަށް ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް އަތުލައިގެންފައިވާ މީހުންގެ އާއިލާތަކާ ވަކިކޮށްފައިވާ ކުޑަ ކުދިންނާ ބައްދަލު ކުރަން އެމެރިކާގެ ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ނިންމަވައިފި އެވެ.
ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުންނާ ދެކޮޅަށް ދައުވާ ކުރަން ޓްރަމްޕް ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން އަތުލައިގަންނަ މީހުން ބަންދުކުރާ އިރު އެ މީހުންނާ ކުޑަ ކުދިން ވަކިކުރެ އެވެ. ޓްރަމްޕުގެ އެ ސިޔާސަތަށް މެލަނިއާ ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ. ގައުމުގެ އެތެރޭންނާއި ބޭރުން އަދި އާއިލާގެ ތެރޭން ކުރިމަތިވި ޕްރެޝަރާ ގުޅިގެން ޓްރަމްޕް މިހާރު ވަނީ އެ ސިޔާސަތު ހުއްޓާލައްވައިފަ އެވެ.
ގަވާއިދާޚިލާފަށް އެމެރިކާ އަށް އެތެރެވާން އުޅުނު މީހުންނާ ވަކިކޮށްފައިވާ 2،300 ކުދިން އެކި އެޖެންސީތަކުގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. މައިން ބަފައިން ހޯދަން އެ ކުދިން ރޯ މަންޒަރުގެ ފޮޓޯތައް އާއްމުވުމާ ގުޅިގެން އެތައް ބަޔަކަށް ވަނީ އަސަރު ކޮށްފަ އެވެ.
މެލަނިއާ މާދަމާ ވަަޑައިގަންނަވާނީ އެމެރިކާ-މެކްސިކޯ ބޯޑަރުގައި ކުޑަ ކުދިން ތިބޭ މަރުކަޒަކަށެވެ.
އާއިލާއާ ވަކިކޮށްފައިވާ ފަސް އަހަރުން ދަށުގެ ކުޑަ ކުދިން ދެ ހަފުތާ ތެރޭ އެ ކުދިންގެ މައިންބަފައިންނާ އަލުން ގުޅުވުމަށް ކެލިފޯނިއާގެ ކޯޓަކުން މިހާރު ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy