ރިޕޯޓް / އެމްޑީޕީ ކޮންގްރެސް

އެމްޑީޕީ ކޮންގްރެސް: އުކުޅަހަށް ބޮޑު އީދެއް

އެމްޑީޕީގެ ކޮންގްރެސް އަށް އުކުޅަސް ތައްޔާރުކޮށްފައި. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

އއ. އުކުޅަހުގެ ރައްޔިތުން އެއްބަސްވާ އެއް ކަމަކީ މިއެވެ؛ އެރަށުގައި މިއަދު ފަށާ އެމްޑީޕީގެ ކޮންގްރެސްއަކީ ތާރީހީ ބައްދަލުވުމެކެވެ. ކޮންގްރެސް ބޭއްވުމަށް ކުރަން ކުރަން ޖެހޭ މަސައްކަތްތައް އެމީހުން ފެށީ "ގައުމީ ކަމެއް"ގެ ގޮތުގައި ދެކި "ގައުމީ ރޫހެއްގަ" އެވެ. ފޯރި އާއި ޖޯޝުގައި އެރަށު މީހުން ނިކުމެ، އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރީ އެވެ. އެންމެންގެ ފަރާތުން ލިބުނީ އެއްބާރުލުމެވެ.

ރައްޔިތުންގެ އެއްބާރުލުމުގެ ނަތީޖާ ރަށުން ފެނެ އެވެ. މުޅި ރަށް ޒީނަތްތެރިކޮށް، އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އަށް ވަނީ ތައްޔާރުވެފަ އެވެ. އެމްޑީޕީގެ ދިދަ އާއި ރީނދޫ ކުލައިގެ ފޮތިތަކުން ރަށް ވަނީ ޖަރީކޮށްފަ އެވެ. ކޮންގްރެސް ބޭއްވުމަށް ރަށުގައި 1500 މީހުންނަށް ތިބެވޭ ވަރުގެ ބޮޑު ދަރުބާރުގެއެއް ހަދައި ސިޔާސީ ބޮޑު އީދަކަށް އެރަށް ވަނީ ތައްޔާރުކޮށްފަ އެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުކުރި ދަރުބާރުގެ. --ފޮޓޯ: މިހާރު/އަހުމަދު ނިޝާތު

އއ. އަތޮޅަކީ ސަރުކާރާ ދެކޮޅު މީހުން ގިނަ ސަރަހައްދެކެވެ. ރައްޔިތުންގެ މަޖިލީހުގައި މި އަތޮޅު ތަމްސީލްކުރާ ދެ ގޮނޑީގައި ވެސް ތިއްބެވީ އިދިކޮޅު މެމްބަރުންނެވެ. އަތޮޅު ތަމްސީލްކުރައްވާ ކައުންސިލަރުންގެ ތެރެއިން ވިއްސަށް ވުރެ ގިނަ ކައުންސިލަރުން ނިސްބަތްވަނީ އިދިކޮޅު ހަރަކާތަށެވެ. މިއީ ވެރިކަން ކުރާ ޕީޕީއެމަށް ތާއީދު ކުރާ ކައުންސިލަރުން އެންމެ މަދުން ތިބި އެއް އަތޮޅެވެ.

ރީތި ގޮނޑުދޮށެއް އޮތް އުކުޅަހުގައި 1100 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ރަށުގެ ގިނަ މީހުން ކުރަމުން އަންނަ މަސައްކަތަކީ ގެސްޓްހައުސްގެ ވިޔަފާރި އެވެ. ރަށުގެ ތިން ކައުންސިލަރުންނަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ.

އުކުޅަސް، އެމްޑީޕީގެ ރަށަކަށް ބަދަލުވީ ކިހިނެއް؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަސްވެރިންގެ ދުވަސް ފާހަގަކުރި އެއް ރަށަކީ އުކުޅަހެވެ. މީގެ 15 އަހަރެއްހާ ދުވަސް ކުރިން، 2002 ގައި މަސްވެރިންގެ ދުވަސް އުކުޅަހުގައި ފާހަގަކުރުމުގެ ތެރޭގައި ސަރުކާރާއި ރައްޔިތުންނާ ދެމެދު ހިޔާލު ތަފާތުވި އެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އެ ރަށުގެ ބަޔަކު ނިކުތީ ރުޅިއައިސްފަ އެވެ. އިދިކޮޅު ހަރަކާތްތައް އެރަށުގައި ފުޅާކުރުމުގެ ނަތީޖާއެއްގެ ގޮތުން 2003 ގައި ބޭއްވި އިންތިހާބުގައި ބޮޑު ތަނުން މައުމޫނަށް ނޫނެކޭ ބުންޏެވެ.

އުކުޅަސް ކައުންސިލްގެ ނައިބު ރައީސް، އަދި ރަށުގައި އެމްޑީޕީ ކަންކަމުގައި އިސްކޮށް އުޅުއްވާ އަބްދުﷲ ފިރާގު ވިދާޅުވީ އިންތިހާބުގައި މައުމޫނަށް ރަށުގެ މެޖޯރިޓީ ނުލިބުނު ހިސާބުން ރަށުގައި އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކުރި ކަމަށެވެ. އޭގެ ފަހުން 2005 ގައި ސިޔާސީ ޕާޓީތައް އުފައްދަން ފެށުމާ އެކު، އުކުޅަހުގެ ގިނަ ބަޔަކު އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން ފެށި ކަމަށް ފިރާގު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ބޭއްވި ކޮންމެ އިންތިހާބެއްގެ މެޖޯރިޓީ އެމްޑީޕީން ނެގި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް އުކުޅަހަށް މިއަދު އައި މަންދޫބުން. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"ކޮންމެ އިންތިހާބެއް ބޭއްވިޔަސް، އެމްޑީޕީން މެޖޯރިޓީ ނަގާނެ. އާންމު ގޮތެއްގައި 73-75 ޕަސަންޓު ވޯޓުގެ މެޖޯރިޓީއެއް އެމްޑީޕީ އަށް ލިބޭނެ. ރަށުގެ ރައްޔިތުން އެމްޑީޕީ އަށް ހާއްސަ ގަދަރަކާއި ލޯތްބެއް އެ ޕާޓީ އުފެދުނީއްސުރެ އޮވޭ، ރަށަށް ބަލާލުމުން މިހާރު އެކަން ފެނޭ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ރަށުގެ ހުރިހާ އެންމެންގެ އެއްބާރުލުން ލިބެ އެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކާއި ގެސްޓް ހައުސްތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކުގެ އެހީތެރިކަން ލިބޭއިރު، ކޮންގްރެސް ކާމިޔާބުކަމާ އެކު ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަށުގެ ބައެއް މީހުން ބުނީ ކޮންގްރެސް ބޭއްވުމަކީ ރަށަށް ލިބޭނެ ދިރުމެއް ކަމަށެވެ. ރަށުގެ އާބާތުރަ ފިލުވާލައި، ރަށް ޒީނަތްތެރިކުރުމަކީ ލިބޭ އުފަލެއްގެ ގޮތުގައި އެމީހުން ދެކެ އެވެ. އެމީހުންގެ އެންމެ ބޮޑު އެދުމަކީ އެމްޑީޕީގެ "އާދަޔާ ޚިލާފު" ކޮންގްރެސްއަށް ފުލުހުން ހުރަސް ނޭޅުމެވެ. އެމްޑީޕީގެ ކޮންގްރެސް ކާމިޔާބުކަމާ އެކު ނިންމާލެވޭނީ ފުލުހުންގެ އެހީތެރިކަން ލިބިގެން ކަމަށް އެމީހުން ބުނެ އެވެ.

"އަޅުގަނޑުމެން ފުލުހުންނަށް ރަސްމީކޮށް އެދިފައި ވާނެ، ކޮންގްރެސް ކުރިއަށް ދާއިރު ޓްރެފިކް ބަލަހައްޓައި، ކަމެއް ދިމާވެއްޖެ ނަމަ، ކޮންގްރެސްގެ ބައިވެރިންނަށް ސަލާމަތްތެރިކަން ފޯރުކޮށް ދޭން. ފުލުހުން ބުނީ މިކަމުގައި އެމްޑީޕީ އަށް ދެވެން އޮތް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމަށް،" ފިރާގު ވިދާޅުވި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކޮންގްރެސް ބާއްވަން ފުރަތަމަ އުޅުނީ މާލޭގައި ހުންނަ ދަރުބާރުގޭގަ އެވެ. އެކަމަކު ސަރުކާރުން ދަރުބާރުގެ ދުލެއް ނުކުރި އެވެ. ހައުސިން މިނިސްޓްރީން ބުނީ އެމްޑީޕީން ކަނޑައެޅި މުއްދަތުގައި އެހެން ބަޔަކު ތަން ހިފާފައިވާ ކަމަށެވެ. އެހެންވެ، އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ ކޮންގްރެސް އުކުޅަހުގައި ބޭއްވުމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ދަރުބާރުގެ ނުލިބުމާ ގުޅިގެން އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ވިސްނީ މާލެއާ ކައިރި ރަށެއްގައި ކަމަށެވެ. އެގޮތުން ކައުންސިލްތަކުން މިކަމުގައި ވެވޭނެ އެހީތެރިކަން ބެލިއިރު، އުކުޅަހުން ވަރަށް ބޮޑަށް އިސްނެގި ކަމަށް އޭނާ ވިދާޅުވި އެވެ.

"އުކުޅަހުގައި ވަރަށް ފޯރި އެބަހުރި. އެމްޑީޕީ މެމްބަރުން އެކަންޏެއް ނޫން. ރަށުގެ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވޭ. އެމީހުން ބޭނުންވަނީ އަމިއްލަ ކަމެއްގެ ގޮތުގައި މިކަމުގައި ބައިވެރިވާން. ވަރަށް ބޮޑު ގައުމީ ކަމެއްގެ ގޮތުގައި އެމީހުން ދެކެނީ،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުކުޅަހުގައި ބާއްވާ ކޮންގްރެސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމަށް ވާނެ އެވެ. މިއީ އުކުޅަހަށް ވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ފަށާ ވަގުތު ކުޑަތަންވެފައި ވާއިރު، ރަށުގެ ރައްޔިތުން ތިބީ އުފަލުންނެވެ. މިހާ ބޮޑު ސިޔާސީ ހަރަކާތެއްގައި އެމީހުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭތީ އެވެ. އެމީހުން ބޭނުންވަނީ ކޮންގްރެސް އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށް ދިއުމަށެވެ. ކޮންގްރެސްގައި ނިންމާ ނިންމުންތަކުން ރައްޔިތުންގެ މުސްތަގުބަލް އުޖާލާވެގެން ދާނެ ކަމަށް އެމީހުން އުންމީދު ކުރެ އެވެ.

"މުޅި ރާއްޖެ އާއި ދުނިޔެއަށް އިސްތިހާރުވެގެން މި ދަނީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ރަށަށް ލިބޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން. މީހެއްގެ ނޫނީ ބައެއްގެ އެހީއަކު ނޫން،" އުކުޅަހުގައި ދިރިއުޅޭ އުމުރުން 58 އަހަރުގެ މުހައްމަދު ޝަރީފް ބުންޏެވެ.

އެމްޑީޕީގެ ކޮންގްރެސް އަށް އުކުޅަހަށް އައި އެ ޕާޓީގެ މެމްބަރުންތަކެއް. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

އުކުޅަހުގެ މީހެއް ކަމަށްވާ އަލީ ވަހީދު ،42، ބުނީ ރަށުގެ ގިނަ ބަޔަކު ސަރުކާރާ ދެކޮޅަށް އޭރު ނިކުތީ ރައްޔިތުން އެދުނު ބައެއް ކަންކަން ކުރުމަށް ދެކޮޅު ހެދުމުން ކަމަށެވެ. އެގޮތުން ރަށުގައި ގްރޭޑް އަށެއް އުފައްދަން އެދުމުން، އެކަން ކުރަން އިންކާރު ކުރުމުން ސްކޫލަށް ކުދިން ފޮނުވަން ދެކޮޅު ހެދި ކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން ގްރޭޑް އަށެއް އުފައްދަން ސަރުކާރަށް މަޖުބޫރުވި އެވެ.

"ރަށުގެ ތިރީހަކަށް މީހުން މައުމޫނާ ބައްދަލުކުރި. ބައްދަލުކޮށްފައި އަށެއް އުފައްދަން އެދުނީމަ، ބުނީ އެޑިއުކޭޝަނުންނޭ ގޮތެއް ނިންމާނީ. އެކަމަކު ފަހުން އެކަން ކުރަން މަޖުބޫރުވީ،" އަލީ ވަހީދު ބުންޏެވެ.

އޭނާ ބުނީ އެމްޑީޕީ އަށް ތާއީދުކުރަނީ އެ ޕާޓީގެ މެނިފެސްޓޯގައި ރައްޔިތުންނާ ގުޅުން ހުރި ކަންކަން ހިމަނާފައިވާތީ ކަމަށެވެ. ރަށުގެ ގިނަ ރައްޔިތުންނަކީ މިހާރު ސަރުކާރަށް ބަރޯސާނުވެ، ކައިބޮއި އުޅެވޭ ބައެއްގެ ގޮތުގައި އަލީ ވަހީދު ސިފަކުރި އެވެ. އުކުޅަހުގެ ގިނަ މީހުން މަސްވެރިކަން ކުރާއިރު، ގެސްޓްހައުސްގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރެ އެވެ.

އުކުޅަހުގެ ރައްޔިތުން ދޭ ޔަގީން ކަމެއް އެބަ އޮތެވެ؛ ސިޓީ އުރައަށް ލައިގެން 500ރ. ނޫޓު ހިފައިގެން ރަށަށް ބަޔަކު އެރި ނަމަވެސް، އޭގައި ހިފާނެ ބަޔަކު ނުވާނެ ކަމެވެ.

28 ކޮމެންޓް, 150 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 1%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

01 July 2018

ވަގުތުގެ ދަތިކަމުން އުކުޅަހަށް ދާނެ ފުރުސަތެއް ނުހޯދުނެވެ. އެކަމަކު ޓީވީގެ ޒަރީއާ އިން އުކުޅަހުގެ ތައްޔާރީތަކާ އިންތިޒާމްތައް ފެނި ހަމަ ހައިރާންވެ އަންތަރީސްވިއެވެ. ރަށެއްގެ ރައްޔިތުން އެކުވެރިވެ އެކަތިގަނޑަކަށް ވެއްޖެނަމަ ކޮންމެކަމެއްވެސް ކުރެވޭނެކަން އުކުޅަހު ރައްޔިތުން އެއޮތީ މުޅި ރާއްޖެއަށް ސާބިތުކޮށްދީފައެވެ. އުކުޅަހު ރައްޔިތުންނަށް ހަމަ ސާބަހެވެ.

The name is already taken The name is available. Register?

ތަވީދު

30 June 2018

އަސްވެސް ދޯ . ދަރުބާރުގެ ދިންނަމަ މި ކޮންގްރެސް ވާނީހަމަ އާއްމު އުސޫލު ބޭއްވޭ ކޮންގްރެސް އަކަށް އެކަމް މިހާރު އެއްމެންގެ ސަމާލުކަން މި ކޮންގްރެސްއަށް ވަނީ ލިބިފަ..... އެމް ޑީ ޕީ ން މިސާލުން ޕީ ޕީ އެމް އާއި ޖޭޕީ އަށް ދައްކާ މި ދެނީ ކާމިޔާބު ކަމާއި އެކު އަތޮޅު ތެރޭ ރަަށެއްގައި މިފަދަ ބޮޑު ހަރަކާތެއް އިންތިޒާމް ކުރުމާއި ހިންގާނެ ގޮތް.. ދެން މަމެންނަށް އޯކޭ ތަމެން ދަސް ކޮއްގެން ކޮއްމެސް ދުވަހަކުން ދަރުބާރެ ގެއިން ބޭރު ކޮންގްރެސް އެއްބޭވިޔަސް..

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

30 June 2018

ބަދަލާއި އިޤްތިސޯދީ ކުރިއެރުމާއި އެކު ތޯހިރު ދިރިއުޅުމެއް ހޯދުމަކީ ރޭވުންތެރިކަމާއި އެކު ކުރާމަސައްކަތުން ހާސިލް ކުރެވޭ އެއްޗެއްކަން ދަސްކޮށްދިނުމަށް ޑިމޮކްރެޓިކް ފުރަތަމަ ސަރުކާރާއިއެކު “ސިޔާސީ އިޤްތިސޯދީ ކަންކަމުގައި އެކަހެރިކޮށް ރޭވުންތެރި ސިޔާސަތެއްގެ ދަށުން ދަތިކުރުމުގެފިޔަވަޅު ކުރިމަތިކޮށްފައިވާ އައްޑޫ މީހުންނަށް ވަތަނީ ކުރިއެރުމަށް މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އެމްޑީޕީ ސަރުކާރުން” އެ ހަދާން އައްޑޫ މީހުންގެ ހިތުން ފޮހެވިގެން ނުދާނެ. . . . . ސާކް ސެކެޓްރިއޭޓްގެ ބޮޑު އެހީތެރިކަން އަދި އެކުވެރި ދައުލަތްތަކުން މާލީ ގޮތުން އެއްވާރުލުން ދީގެން އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރ ބިނާކޮށް “ދެވަނަ ފަހަރަށް ތާރީޙްގެ ތެރެއިން އައްޑޫ އަށް ޖާގަހޯދައިދިންގޮތަށް” ޢުކުޅަހަށް ވެސް ތިއޮތީ އެމްޑީޕީ އެފުރުސަތު ހޯދާދީފަ. . . . މާލެނޫން ރަށްރަށުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ދައުލަތުގެ ރައްކާތެރިކަމާއި ހިމާޔަތް ލިބެންޖެހޭނެ. އަދި އަހަރުމެން އެކަމަށް ބާރު އަޅާންވާނެ. މަރުހަބާ !!

The name is already taken The name is available. Register?

ބޮސް

30 June 2018

ހުސް ހޮޅި ވާހަކަ

The name is already taken The name is available. Register?

ރޮކެޓް ސައިންސް

30 June 2018

އޭއި ބަލަ ސަރުކާރާއެވެ. ފެނޭހެއްޔެވެ. ހިތާހިތުގެ ގުޅުމަކީ ބޮލަކަށް 50000 ދިނަސް ގަނެވޭނެ އެއްޗެއްނޫނެވެ.

The name is already taken The name is available. Register?

ހަސަނު

30 June 2018

އުކުޅަހަކީ ފުދުންތެރި، ހީވާގި، ހޭލުންތެރި ބަޔަކު އުޅޭ ރަށެއް.. މިކަންކަން ފުރިހަމަ ވެއްޖެ ނަމަ އެ ބަޔަނު ނުކުރާނެ ޔާމިނަށް ތާއީދެއް....

The name is already taken The name is available. Register?

ބެކިންގ

30 June 2018

ޢިސްޓެންޑް ބައި ހުންނަންވާނެ ބައިވަރު. ޢަމިއްލަ ގޮތުންވެސް މީހުން ނެރެންވާނެ ގުޅިފައިވާޕާޓީތަކުގެ ބެކިންގަ. ޢެންނެފަހު ވަގުތުވެސް ކެންޑިޑަސީ ފަނުވެދާނެ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

30 June 2018

ތިޔަކަމުން ތިޔަ ރަށް ވަނީ ދުނިޔޭގެ ސަމާލު ކަމަށް އައިސްފައި. ދުނިޔޭގެ ބޮޑެތި ލީޑަރުން އެދަނީ ޓީވީ ޗެނަލްތަކުން މޑޕ ގެ ކޮންގްރެސް ބަލަމުން. މިހާރު ދުނިޔޭގައި ޗުއްޓީ ހަދަން ބޭނުންވާ ޓްވަރިސްޓުންގެ އަމާޒަކަށް ވެގެންދާނެ އެ ރަށުގައި އެއްރޭނަމަވެސް ނިދާލާ ވަގުތު ކޮލެއް ހޭދަކޮއްލަން. އެއީ އެވެރިންނަށްވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެވެރިން ދެކޭނެ. ހަދާނީ ފޮޓޯ ކޮލެއް ނަގައި ދާޢިމީ ގޮތުގައި އެ ހަދާންތައް ދަމަހައްޓަން. މިއީ މިރަށައް ލިބުނު ވަރަށް ބޮޑު ކުރި އެރުމެއް ކަމަށް މަމެން ދެކެން. މުސްތަޤުބަލުގައި ދުނިޔޭގެ ބޮޑެތި މަހުޖަނުންވެސް ތިޔަރަށައް ޒިޔާރަތް ކުރުމަކީ ވަރަށް ގާތް ކަމެއް. ކުރިއަށް އޮތް ތަނުގައި ތިތަ ރަށުގެ ގެސްޓް ހައުސް ވިޔަފާރި ވަރަށް ކުރިއަށް ދާނެ ކަމަށް ލަފާ ކުރެވޭ. ވ ސަލާން.

The name is already taken The name is available. Register?

ވާލުސޮރު

30 June 2018

މިއީ ނޫންތޯ އުފަލަކީ، ސޭޓަކު އަމިއްލަ ރިސޯޓުގައި ބާއްވާ ޕާޓީ ކޮންގްރެސް އާއި ސަރުކާރުގެ އާރާބާރު ދައްކައިގެން މީހުން އެއްކޮށްގެން ބާއްވާ ޖަލްސާއަކާ ކިހާ ބޮޑު ތަފާތެއްތޯ. އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ރާއްޖޭގެ މީހުން އުޅޭ ރަށެއްގައި ބާއްވާ މިފަދަ ކުއްލި ޖަލްސާއެއް މިއީ ހާދަ ބުރަކަމެކޭ، އަނެއްކޮޅުން އެލްޖީއޭއިން ކައުންސިލަރުން ސަސްޕެންޑުކޮށް، ޕޮލިހުންގެ ޖެއްސުންކުރުންތަކާ އިންޒާރާ ދެކޮޅަށް ކިހާ ހިތްވަރުގަދަ ދެއްތޮ

The name is already taken The name is available. Register?

ވާލުސޮރު

01 July 2018

މަ ހިޔެއް ނުކުރަން މީހުން ކޮޕީ ކުރާވަރަށް މަގޭ "ގަލަމީނަން" މަޝްހޫރު ވެދާނެކަމަކަށް. އެކަމަކު މަގޭ ކޮމެންޓް ތަކަށް ކިޔުންތެރިން ދޭ ތަރުހީބުފެނި "ފޭކް ވާލުސޮރު"ން ވެސް ފެންނަން ފަށައިފި އަދި އެނަން ބޭނުންކުރަން ފުރުސަތުދޭތީ މިހާރު ނޫހަށް ވަރަށްބޮޑަށް ޝުކުރިއްޔާ.

The name is already taken The name is available. Register?

ސަރީފް

30 June 2018

އާހިރުގަ ވެގެންދާނީ ކުރެވުނު ކަންތައް ބޭކާރުވެގެން. ހަަމަ ޖާޒީރާ ރައިސްއަށް ބޭއްވީ ޕްރައިމަރީ ފަދަ ކަމަކަށްވާނީ. ކޯލިސަން ކިޔާ މަސްހުނި ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތެއް ގާނޫނަކު ނެތް. ޗޮކުން ދާނީ.

The name is already taken The name is available. Register?

މިއީޖުމްހޫރީ

30 June 2018

ދިވެހިރައްޖޭގައި އޮންނަނީ ޖުމްހޫރީ ނިޒާމެއް. ރައްޔިތުން ވޯޓްލަނީ އެމީހުން އެދޭ ރައީސަކާ އޭނާގެ ނާއިބު ރައީސަކަށް އެކުއެކުގައި. މިކަމުގައި ބަސްބުނުގެ ހައްގު ގާނޫނުއަސާސީގައި އޮންނަނީ ރައްޔިތުންނަށް. ކޮންމެ ޕާޓީއެއްގެ ވިއަސް އަދި ޕާޓީއެއްގައި ނުވިއަސް އެއީ ގާނޫނީގޮތުން ހުރަހެއް އޮތް ކަމެއް ނޫން. ވަކި ޕާޓީއެއްގެ ބަޔަކަށް ފަހިކޮށްދޭކަށެއް ރައްޔިތުންނަށް ގާނޫނުއަސާސީ ލިބިދިން ހައްގުތައް ނިގުޅައިގަނެވިގެން ނުވާނެ.

The name is already taken The name is available. Register?

ގޮބޮޅި

30 June 2018

ލައްކަ ބިރުގަނޭދޯ

The name is already taken The name is available. Register?

ސަރީފް

30 June 2018

ނޯންނާނެ ކޯލުސަނެއްގެ ވާހަކައެއް. ޗޮކުން ދާނީ . ޖަޒީރާ ރައީސޭކިޔާގެން ތިހެން އުޅުނީ. އޭރުވެސް މަބުނިން ތިކަން ނުކުރާށޭ. އަސްލަމުމެން ހޭޖެހޭ މީހުން ނަސީދު ބުނާކަންތައް ނުކުރާށޭ. ހަމަ ބުނިގޮތައް ވެގެން ދިޔައީ ދެންވެސްވާނީ އެހެން. ދެންވެސް ދާނީ ޗޮކުން.

The name is already taken The name is available. Register?

ޙަސަންދީ

30 June 2018

ވަރަށް ތަފާތު، ރާއްޖެވަންތަ ދިވެހިވަންތަ އަދި ޖަޒީރާ ވަންތަ ކޮންގުރެސްއެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454