ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ފޯކައިދޫ އަތުން ވިކްޓަރީ އަށް އުނދަގޫ މޮޅެއް

މިއަދުގެ މެޗަށް ވިކްޓަރީގެ އެލްގާޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

05 ޖުލައި 2018 - 19:12

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން ވިކްޓަރީން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިން ވަނައިގައި އޮތް މާޒިޔާ، ހަތަރު ވަނައިގައި ގްރީން ސްޓްރީޓްސް އަދި ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ދެ ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ލީގުގައި ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުން ވަނީ ބ. ފެހެންދުއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ކުޅުނު ފުރަތަމަ މެޗުން ފަހު ވަގުތު ގްރީން ސްޓްރީޓްސް އިން ވައްދާލި ލަނޑާ އެކު ފޯކައިދު ވެސް ލީގު ފެށީ އެއް ޕޮއިންޓުންނެވެ. އެހެންކަމުން މި މެޗުން މޮޅުވެ، ފުރަތަމަ ތިން ޕޮއިންޓް ހޯދަން މި ދެ ޓީމު ވެސް އޮތީ ކެތްމަދުވެފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހަމަލާ 17 ވަނަ މިނިޓްގައި ފޮނުވާލީ ފޯކައިދޫގެ ހަސަން ސުފިއާން އެވެ. ކުރިން ވީބީ އަށް ކުޅުނު ސުފިއާން ޖެހި ބޯޅަ އަމާޒުވީ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން އަތަށެވެ.

ވިކްޓަރީ އަށް ލީޑުނަގައިދިނީ މެޗުގެ 22 ވަނަ މިނިޓްގައި ޑެންމާކުގެ މިޑްފީލްޑަރު ކިމް އެލްގާޑް އެވެ. ކޯނަރަކުން ތަޖިކިސްތާނުގެ ޑިފެންޑަރު ޗަކަލޯވް ފިރްދައުސް ނަގައިިދިން ބޯޅަ އެލްގާޑް ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ފޯކައިދު އިން ފަަހަތަށް ޖެހިގެން ކުޅެމުންދިޔައިރު، ކައުންޓަ އެޓޭކުގައި އެ ޓީމުން ވެސް ފުރުސަތު ތަނަވަސްކުރި އެވެ. އެކަމަކު އެ ޓީމަށް ކުޅޭ މިސްރުގެ ވިންގް މުސްތަފާ މަހުމޫދާއި އަހުމަދު އުސާމަށް ލިބޭ ބޯޅަތަކުގައި ބޭނުމެއް ނުކުރެވުނެވެ.

ވިކްޓަރީން ވަނީ މެޗުގެ 36 ވަނަ މިނިޓްގައި ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. ހަންގޭރީ ފޯވާޑް ސައިމަން ޓީބޯ ނަގައިދިން ހުރަހަކުން އަހުމަދު ނާޝިދު (ނައްޓޭ) ބޮލުން ފޮނުވާލިއިރު، އޭނާ ހުރީ އޮފްސައިޑްގައި ކަމަށްވުމުން ރެފްރީ އެ ލަނޑު ނުލަ އެވެ. އެކަމާ ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ފޯކައިދޫ އިން އެއްވަރުކުރީ މެޗުގެ 43 ވަނަ މިނިޓްގައި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ޖެހި ގޯލުންނެވެ. މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅުނު ހަލީލް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް ދިން ބޯޅައަކުންނެވެ.

ވިކްޓަރީގެ އައްމަޑޭ (ވ) ފޯކައިދޫ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ވިކްޓަރީ އަށް އަލުން ލީޑުނަގައިދޭން އެލްގާޑަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އޭގެ މިނިޓެއް ފަހުން ފޯކައިދޫގެ މުސްތަފާ ޖެހި ބޯޅަ ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ވިކްޓަރީގެ އާދަމް އިޝާމް (ސަން) ނަގައިދިން ކޯނަރަކުން ސައިމަން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ތިން މިނިޓް ފަހުން އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ވިކްޓަރީ އަށް އަލުން ލީޑުނަގައިދީފަ އެވެ. ސައިމަން ޖެހި ޝޮޓެއް ފޯކައިދު އަށް ކުޅޭ ޕާކިސްތާން ކީޕަރު ހަނިފް ސާގިބް އަތުގައި ޖެހިފައި ލިބުނީ އައްމަޑޭ އަށެވެ. އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ވިކްޓަރީ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން އައްމަޑޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 77 ވަނަ މިނިޓްގައި ނައްޓޭ ދިން ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށްހުރި އައްމަޑޭ އަށެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން ނައްޓޭ ޖެހި ބޯޅަ ކީޕަރު ހަނީފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ އިތުރުވަގުތުގައި ފޯކައިދޫ އަށް ނަތީޖާ އެއްވަރުކޮށްދޭން އެ ޓީމުގެ މިސްރު ޑިފެންޑަރު މަހުމޫދު ސައީދު އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ފަހުން ވިކްޓަރީގެ ސްޕެއިން ޑިފެންޑަރު ޔަކީން ގާސިއާ ބުނި އެއްޗެއްގެ ސަބަބުން އޭނާ އަށް މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ރީނދޫ ކާޑެއް ދެއްކުމަށް ފަހު ރަތް ކާޑެއް ދެއްކި އެވެ. އެކަމަކު ކުރިން ގާސިއާ އަށް ރީނދޫ ކާޑެއް ދައްކާފައި ނެތުމުން މެޗުގެ ރެފްރީ ޖާވިޒް ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. ފުރަތަމަ ހާފުގައި ރެފްރީ ރީނދޫ ކާޑު ދެއްކީ އެލްގާޑަށެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު ކިސް ބުނީ މިއީ ވަރަށް އުނދަގުލުން ލިބުނު މޮޅެއް ކަމަށެވެ.

"ވަރަށް މަސައްކަތުން ހޯދުނު މޮޅެއް މިއީ. ޓީމުގެ ހާލަތު ވެސް އެހާ ރަނގަޅެއް ނޫން. މީގެ ދެ ދުވަސް ކުރިން އެއީ ވިކްޓަރީގެ އަހަރީ ދުވަސް އަހަރެން ބޭނުން މި ޓީމުގެ ކުރީގެ ކުޅުންތެރިންނާއި ކުރީގެ މެނޭޖްމަންޓް އަދި މިހާރުގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ޝުކުރު އަދާކުރަން،" ކިސް ބުންޏެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މެޗަށް ނުކުތީ މޮޅެއް ހޯދުމަށް ކަމަށާއި އެކަން ހާސިލްނުވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ވެސް ނުހިފިގެން ކަމަށެވެ. އަދި އެންމެ ފަހު ވަގުތު ޑިފެންޑަރުން ވެސް ކުރިއަށް ޖައްސައިގެން ޕޮއިންޓެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަން ވެސް ހާސިލްނުވީ ކަމަށެވެ.

ފޯކައިދު އޮތީ އެއް ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454