ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ނިލަންދޫ ކޮޅަށް މާޒިޔާ އިން ހަތް ގޯލު ޖަހައިފި

މާޒިޔާގެ އަސަދުﷲ (ކ) މިރޭގެ މެޗުގައި ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހި ހަތަރު ގޯލާ އެކު ފ. ނިލަންދޫ އަތުން 7-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ނުވަ މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އަސަދުﷲ ފުރަތަމަ މެޗެއް ކުޅުނީ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ވެލެންސިއާއާ ދެކޮޅަށެވެ. މިރޭގެ މެޗުގައި އަސަދުﷲ ހަތަރު ގޯލު ޖެހިއިރު، މިއީ ސީޒަނުގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ.

ލީގުގައި ފުރަތަމަ މެޗުން މާޒިޔާ ވަނީ އީގަލްސްއާ އެއްވަރު ކޮށްފަ އެވެ. އަދި ނިލަންދޫ ކުޅުނު ފުރަތަމަ މެޗުން ވަނީ 6-1 އިން ބަލިވެފަ އެވެ. މި މެޗުން މޮޅުވެ ލީގުގައި ކުރިއަށްދާން ދެ ޓީމަށް ވެސް ތިން ޕޮއިންޓް މުހިއްމެވެ. މާޒިޔާ އަށް ލިބުނު ބޮޑު މޮޅާ އެކު އެ ޓީމަށް ވަނީ ހަމަޖެހުމެއް ލިބިފަ އެވެ.

މިރޭގެ މެޗަށް ނުކުތްއިރު މާޒިޔާގެ ފުރަތަމަ އެގާރައިން ފެނުނު އެންމެ ބޮޑު ބަދަލަކީ ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި އަހުމަދު އިމާޒް (އާއްކޮ) ހިމެނުމެވެ.

މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. އެ ބޯޅަ ޖަހަން އެ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވެސް އެރި އެވެ.

މާޒިޔާ އަށް އަސަދުﷲ ލީޑު ނަގައިދިން ލަނޑު ޖެހީ މެޗުގެ ހަތް ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އަސަދުﷲ ވަނީ ގޯލުގެ ދުރު ކަަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ މިނިޓެއް ފަހުން އޭރިއާ ތެރެއިން ލިބުނު ބޯޅަ އަކުން އާއްކޮ ވަނީ މާޒިޔާގެ ލީޑުފުޅާ ކޮށްދީފަ އެވެ.

މާޒިޔާ އިން ފުލުފުލުގައި އެޓޭކް ކުރަމުންދިއުމުގެ ނަތީޖާ އަކަށްވީ މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމުން ތިން ވަނަ ލަނޑެއް ޖެހުމެވެ. ހަސަން ޝިފާޒް (ޑުންގާ) ހުސްކޮށްލާފައި ދިން ބޯޅައަކުން މި ލަނޑު ޖެހީ އަސަދުﷲ އެވެ.

މި ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މާޒިޔާ އިން ވަނީ އިސްމާއިލް އީސާ (މެސީ)ގެ ބަދަލުގައި ދާދު ކުޅެން އަރުވައިފަ އެވެ.

ދެ ވަނަ ހާފްގެ ތިން ވަނަ މިނިޓްގައި އަސަދުﷲ ވަނީ މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ނިލަންދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އާއްކޮ އޭރިއާ ތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ އަސަދުﷲ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 52 ވަނަ މިނިޓްގައި ކޮނޭލިއަސް ސްޓެވާޓް ވަނީ މާޒިޔާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ސްޓެވާޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ނިލަންދޫ އަށް ލަނޑެއް ޖަހައިދޭން މެޗުގެ 64 ވަނަ މިނިޓްގައި އެންމެ ހުސް ފުރުސަތެއް ލިބުނީ އިބްރާހިމް ފުރުގާން (ފުގޭ) އަށެވެ. މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ފުގޭ ފޮނުވާލުމުން ކީޕަރު ހުސެއިން ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ގޯލެއް ޖެހި ނަމަވެސް އެއީ ގޯލަކަށް ރެފްރީ ނުނިންމަ އެވެ. ދާދު ހިލޭޖެހުމަކުން ނަގައިދިން ބޯޅަ އިރޭ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލިއިރު އޭނާ ހުރީ އޮފްސައިޑްގަ އެވެ.

މާޒިޔާގެ ހަ ވަނަ ލަނޑު ޖެހީ އަސަދުﷲ އެވެ. މެޗުގެ 78 ވަނަ މިނިޓްގައި އާއްކޮ ހުސްކޮށްލާފައި ދިން ބޯޅަ އަސަދުﷲ ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ. މާޒިޔާގެ ހަތް ވަނަ ގޯލަކީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ސަހާއު ނަގައިދިން ހުރަހަކުން ނިލަންދޫގެ އަހުމަދު ސާޖިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ބ. ފެހެންދުއާ ދެކޮޅަށެވެ. އަދި މާދަމާރޭ ގްރީން ސްޓްރީޓްސް ކުޅޭނީ ތ. ތިމަރަފުށްޓާ އެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 31%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454