ފަތުވާ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
04 ޖުލައި 2018 - 12:29
ރާއްޖޭގެ ދީނީ ފަތުވާ މަޖިލީހުން ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
އެ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބާއްވާ އެ ބައްދަލުވުމުގައި، އެކި ގައުމުތަކުގެ ފަތުވާ މަޖިލީހުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ ތެރޭގައި ސައޫދީއަރަބިއްޔާ، މޮރޮކޯ، މިސްރު، އުރުދުން، މެލޭޝިއާ އަދި ސޫދާން ހިމެނެ އެވެ. އެއް ދުވަހުގެ މުއްދަތަށް ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ސައޫދީ އާއި މޮރޮކޯ ފިޔަވައި އެހެން ގައުމުތަކުން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފަތުވާ ކޮންފަރެންސްގައި މަޝްވަރާ ކުރާނެ މައިގަނޑު ތީމަކީ އަމަންއަމާންކަން ގާއިމް ކުރުމުގެ ވަސީލަތްތަކެވެ. ގައުމުގައި އަމާންކަން ގާއިމް ކުރުމާ ބެހޭ ގޮތުން ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފަތުވާ ދިނުމާއި އިސްލާމީ ދަޢުވާ ފެތުރުމާ ބެހޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ބޭއްވި ތަމްރީން ތަކުގައި ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. އެއީ، ރާއްޖޭގެ ފަތުވާ މަޖިލިސް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަރަށް މުހިއްމު ކަމެއް ކަން މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ، އަމާޒަކީ މި ސަރަހައްދުގެ އެންމެ ހަރުދަނާ ފަތުވާ ދޭ މަޖިލިސް ކަމަށް ވުން. މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް އެބަހުރި ފަތުވާދޭ އެހެން މަޖިލިސްތައް. ޕާކިސްތާން އަދި އިންޑިޔާގައި. އެކަމަކު އެއީ އަޅުގަނޑުމެންނަށް ވުރެ ދޮށީ ފަތުވާދޭ މަޖިލިސްތަކެއް،" ޒިޔާދު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ފަތުވާ ދޭ މަޖިލީހުގެ ނައިބު ރައީސް އިބްރާހިމް އަހުމަދު ވިދާޅުވީ، ފަތުވާ ކޮންފަރެންސް ގައި ތިން ކަރުދާހެއް ހުށަހަޅައި ކަންތައްތަކެއް ނިންމާނެ ކަމަށެވެ.
"މުޖުތަމައުގެ އަމަންއަމާން ކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ފަތުވާދޭ މީހުން އަމަލުކުރަން ޖެހޭ އުސޫލުތަމުގެ މައްޗަށް މި ސެމިނާގައި ނިންމާ ނިންމުންތައް ބިނާވާނީ،" އިބްރާހިމް ވިދާޅުވި އެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކަޑެމީ އުވާލުމަށް ފަހު އުފެއްދި މަޖިލީހެކެވެ.
އެ މަޖިލީހުގައި ތިއްބަވަނީ އިސްލާމިކް މިނިސްޓަރާއި އުއްތަމަ ފަނޑިޔާރާއި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އަދި ސީދާ އެ މަނިކުފާނު އައްޔަން ކުރައްވާ މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންބެ
04 July 2018
ތިޔައީތަ މިހާރު ނުކުރެވި އޮތްކަމަކީ؟ ބޯހަލަކު!!
ތީތި
04 July 2018
ތީތި ބޭއްވުމަށްވުރެ ތާހިރެއް ނުވާނެތަ މިހާރު މިރާއްޖޭގެ މިސްކިތްތަކުގައި ބޮޑުވަމުންދާ ދީނީ އަދި މަޒުހަބީ ޚިލާފުތަކުގައި ހުޅު ރޯނުވަނިސް އެ ނިއްވާލަން އުޅުނިއްޔާ. ފަޔާ ފައި ކޮނޑާ ކޮނޑު ނުޖައްސަނިސް އިމާމުވެ ނަމާދު ނުުކުރާ އިމާމުން އެބަ އުޅޭ. ބިސްމީ ބާރަށް ކިޔަން ޙާކިމާ އެންގީމަ އިސްލާމީ މަރުކަޒުން ކިޔާތޯ ބަލާށޭ. އެތަނުން ކިޔަންޏާ ކިޔާނަމޭ ބުނެ ޙާކިމާގެ އަމުރަށް ކިޔަމަން ނުވާ އިމާމުން އެބަ އުޅޭ. ނަމާދުގައި އިތުރު އެތައް ކަންތައްތަކެއް އަލަށް އުފައްދައިގެން މުޅި އެ އަޅުކަން ގަޑުބަޑު ކުރަމުން އެހެރަ ދަނީ. ފައި ޖައްސަން ނުދީފިއްޔާ ދެލޯ އަޅާފަ އެހެން ސަފަކަށްދާ މީހުންތައް އެއޮއް އުފެދެނީ. މިހާވަރު ވާއިރުވެސް މި ތަންތަން ފެންނަ މީހަކު ނެތް. އަދިވެސް ބައިނަލް އަޤްވާމީ ޖަލްސާތައް ބޭއްވޭތޯ ބަލާ.
ނައިފަރީ
04 July 2018
ތީކޮންކަހަލަ ފެންނުޖެހޭ ފަތުވާ މިޖިލީހެއް. ދާދިފަހަކުން ތިޔަ މަޖިލީހުން ފަތުވާނެރުނީ ނަމާދުގައި އަލްހަމްދު ކިޔަވާއިރު އެންމެ ރަނގަޅު ގޮތަކީ ބިސްމި އަޑުހަރުކޮށް ކިޔެވުންކަމަށް. އެކަމަކު އެފަތުވާނެރުނު މަޖިލީހުގައި ތިބި އިލްމުވެރިން އިމާމުވެ ނަމާދު ކުރާއިރު އެފަތުވާއާ އެއްގޮތަށް އަމަލެއްނުކުރޭ. އެހެންވީމާ އެވަނީ ކޯންޗަކަށް. ޖަމަލުޖެހިފޮޑިއަށް.
އަންވަރު
04 July 2018
ފަތުވާ މަޖިލީހުން ޖަލްސާ ބާއްވަންވީ މާރސް ގަ. ތިވަރުގެ ގާބިލް ހިނދުކޮޅަށް ފެތޭ ޔާމީނުގެ ފަޔަށް ހެޔޮވަރު ލަފާނެރޭކަށް ނޭނގޭނެ ކޮންމެކޮންމެ ބަޔަކަށް.