ކުޅިވަރު

ސޮބާ: ކޯޗިންގެ ޅަފަތުގައި ތަފާތު ތިން ޗެޕްޓަރެއް!

ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވި މެޗަށް ފަހު ސޮބާ ނޫސްވެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ ހަަތަރު އަހަރު ކުރިއަށް ބަލާއިރު ކުރީގެ އެއް ވަނަ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) އަކީ އެންމެ އުއްމީދީ އެއް ކޯޗެވެ. އެކަމަކު ކޯޗިންގައި ވޭތުވެދިޔަ ހަތަރު އަހަރަށް ބަލާނަމަ ތަފާތު ތިން ތަޖުރިބާއެއް ކޮށްފި އެވެ. އެކި ލެވެލްގެ ޓީމުތަކުގަ އެވެ. ފުރަތަމަ ފެށީ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓުގެ ޕްލޭޔާ ކޯޗެއްގެ ރޯލުންނެވެ. އެ އަށް ފަހު ދެން ފެނުނީ އޭރު ދެ ވަނަ ޑިވިޝަނުގައި އޮތް ގްރީން ސްޓްރީޓްސްގެ ކޯޗެއްގެ ގޮތުގަ އެވެ. އަދި މި ފަހަރު ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ވެލެންސިއާ އިންނެވެ. ތިން ޓީމުގައި ތަފާތު މަރުހަލާތަކެއް ކުރިމަތިވިއިރު، އޭނާގެ ބަހުންނަމަ މި ނިމިގެންދިޔައީ ތަފާތު ތިން ޗެޕްޓަރެވެ.

ނިއު ރޭޑިއަންޓް

ނިއު އިން 2015 ވަނަ އަހަރުގެ ސީޒަނަށް ނުކުތީ ފިންލެންޑުގެ ކޯޗު މިކާ ލޮންސްޓްރޯމްއާ އެކު އެވެ. އެކަމަކު އެ ފަހަރު ޕީޕަލްސް ކަޕްގެ ނަތީޖާ ދަށްވެ ފަހުން އޭނާ މަގާމުން ވަކުކުރި އެވެ، މިކާ ދިއުމާ އެކު ވަގުތީ ގޮތުން ސޮބާ ވަނީ ޓީމާ ހަވާލުވެފަ އެވެ.

އެ ފަހަރު އޭއެފްސީ ކަޕްގައި ލާއޯ ޓޮޔޯޓާއާ ކުޅެން އޮތް ދުވަހު ނިއު އިން ބޮސްނިއާގެ ކޯޗެއް ކަމަށްވާ އާމިރް އަލަޖިކް ގެނަ އެވެ. އެކަމަކު އެ މެޗުގައި އަލަގިޗް އިނީ ކުޅިބަލާށެވެ. ޓީމުގެ ހުރިހާ ކަމެއް ބެލެހެއްޓީ ސޮބާ އެވެ. އަދި އެ މެޗުން ވަނީ 2-1 އިން މޮޅުވެފަ އެވެ. އަލަގިޖްގެ ކޯޗުކަމުގައި އެ ފަހަރު ނިއު ޗެރިޓީ ޝީލްޑް މެޗުން ބަލިވިތާ ދުވަސްކޮޅެއް ފަހުން އޭނާ ޓީމާ ވަކިވި އެވެ. އަނެއްކާ ޓީމު އައީ ސޮބާގެ މައްޗަށެވެ. އޭރުގެ މެނޭޖްމަންޓުން ވިސްނީ ސޮބާ އަށް އިތުބާރުކޮށްފައި ޓީމު އޭނާއާ ހަވާލުކުރުމަށެވެ. ސޮބާގެ ކޯޗުކަމުގައި ނިއު އިން ދެން ކުޅުނީ ވެސް އޭއެފްސީ ކަޕް ދެ މެޗެވެ. ދެ މެޗުން ވެސް ވީ އެއްވަރެވެ.

ނިއު ރޭޑިއަންޓަށް 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ސޮބާ ކޯޗުކޮށްދިނީ.-- ފޮޓޯ: އައްޑޫލައިވް

ސޮބާގެ އިރުޝާދުގެ ދަށުން ނިއު އިން އެ ފަހަރު ދިވެހި ޕްރިމިއާ ލީގު މެދަކާ ހަމައަށް ކުޅުނެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެ، ކުއްލިއަކަށް އެފްއޭއެމުން ނިންމީ ހދ. ކުޅުދުއްފުށްޓާއި އައްޑޫގައި އެ ވަގުތު ގައުމީ މުބާރާތް ކުރިއަށް ގެންދާށެވެ. އެ މުބާރާތުގައި ނިއު އިން ފައިނަލުގައި ކުޅުނު ނަމަވެސް އޭރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާ އަތުންވީ ބައްޔެވެ.

ގައުމީ މުބާރާތުގެ ނާކާމިޔާބީއާ އެކު ސޮބާ އަށް ނިއުގެ ކޯޗިން ދޮރު އެކި ސަބަބުތަކާ ހުރެ ބަންދުވި އެވެ. އެ ހިސާބުން ކުރެވުނު މަސައްކަތާއި ހާސިލްވި ކަންތައްތަކާ މެދު ވިސްނުމަށް ފަހު ސޮބާ ބޭނުންވީ އާ ޗެލެންޖެކެވެ.

ގްރީން ސްޓްރީޓްސް

ކޯޗިން ކެރިއަރުގެ ބޮޑު މަސައްކަތް ސޮބާ ފެށީ ދެ ވަނަ ޑިވިޝަނުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއާ ހަވާލުވެ އެވެ. އެ ޓީމާ ހަވާލުވެ 2016 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެ އެވެ. އަދި ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ހޯދައިދީ ޓީމު ގޮވައިގެން ކުރިއަށް ދިއުމުގެ ވިސްނުން އިސްކުރި އެވެ.

"ކުޅުންތެރިޔެއްގެ ގޮތުގައި ހުރިހާ ކާމިޔާބީއެއް ލިބިއްޖެ. އެންމެ ބޮޑަށް ބޭނުންވަނީ އެކަން ކޯޗެއްގެ ގޮތުގައި ވެސް ހާސިލްކުރަން،" ދެ ވަނަ ޑިވިޝަން ތަށި ގްރީން ސްޓްރީޓްސްއާ އެކު އުފުލާލުމަށް ފަހު އެރޭ ނޫސްވެރިން ގާތުގައި ސޮބާ ބުންޏެވެ.

ބާސެލޯނާގެ ޓޯވޯ އެކެޑަމީގައި ކޯޗިންގެ ތަމްރީންތަކެއް ފުރިހަމަ ކޮށް ކޯޗިންގެ ތަޖުރިބާ އަށް އިތުރު ފިލާވަޅުތަކެއް ސޮބާ އިތުރުކުރި އެވެ. މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގްރީން ސްޓްރީޓްސް ގޮވައިގެން މާލޭ ލީގުގައި ސޮބާ ކުރީ ތައުރީފް ހައްގު މަސައްކަތެކެވެ. މިދިޔަ އަހަރަކީ ފާއިތުވި އަހަރުތަކަށް ބަލާއިރު މާލޭ ލީގު އެންމެ ވާދަވެރިކޮށް ދިޔަ ފަހަރެވެ. ސޮބާގެ އިރުޝާދުގެ ދަށުން ކުޅުނު ގްރީން ސްޓްރީޓްސް އަތުން ވަރުގަދަ ހުރިހާ ޓީމެއް ބަލިވި އެވެ.

މިދިޔަ އަަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ފައިދާ ލަނޑުންނެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަދި ތިން ވަނައިގައި އޮތް ނިއު އަށް ލިބުނީ 27 ޕޮއިންޓެވެ. ފައިދާ ލަނޑުގެ ގޮތުން މާޒިޔާގެ 10 ލަނޑު އޮތްއިރު، ގްރީން ސްޓްރީޓްސްގެ އޮތީ ނުވަ ލަނޑެވެ. އަދި ނިއުގެ އޮތީ ހަތް ލަނޑެވެ.

ގްރީން ސްޓްރީޓް ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ސޮބާ (މ) އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭ ލީގުގައި ކާމިޔާބު ނަމަވެސް ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްގެ ނަތީޖާތަށް ދިޔައީ ދަށްކޮށެވެ. އޭގެ ނަތީޖާއަކަށްވީ ގްރީން ސްޓްރީޓްސް އަށް ގަދަ ހަތަރެއް ކަޓައި ގައުމީ މުބާރާތުގައި ވާދަކޮށްލުމުގެ ފުރުސަތު ވެސް ގެއްލިގެން ދިއުމެވެ. އަދި ފަހުކޮޅުގައި ޓީމުން ވެސް މާ ވާދަވެރި ރޫހެއް ފެނިގެން ނުދިއުމެވެ.

"ފުލް މެޗެއް ވެސް މި އިންނަނީ 90 ޕްލަސް. އެއް ހާފު ނޫނީ 75 މިނިޓް ރަނގަޅަށް ކުޅެފައި. ބާކީ ބައިގައި އެ އަށް ސަމާލުނުވެއްޖެ ނަމަ ބަލިވާނެ. އެކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ މުޅި ސީޒަން މި ދިޔައީ. ފަހު ކޮޅުގައި ހަމަ ފައިނޭންޝިއަލީ ވެސް މައްސަލަތަކެއް ދިމާވެގެން. ކުޅުންތެރިންގެ ކޮމިޓްމަންޓް ވެސް ދަށްވީ،" މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވި މެޗަށް ފަހު ސޮބާ ބުންޏެވެ.

އެ ފަހަރު ސޮބާ ވަނީ އެއް ކަމެއް ފާހަގަކޮށްފަ އެވެ. ކޯޗިންގައި އަބަދުވެސް ގްރީން ސްޓްރީޓްސްގައި އޭނާ ހޯދި ކާމިޔާބީ ފާހަގަކުރާނެ ކަމަށެވެ. އެއީ ޓީމެއް އެއް ވަނަ ޑިވިޝަނަށް ގެނެސް އެ ޓީމަކާ ދެމެދު މީހުން ދެކޭގޮތް ބަދަލުކޮށް އެ ޓީމަށް ފައިތިލަ ސާބިތުކޮށްދެވުމަކީ ވަރަށް ބުރަ މަސައްކަތުން ހާސިލްކުރެވޭނެ ކަމަކަށްވާތީ އެވެ.

ކްލަބް ވެލެންސިއާ

ފާއިތުވި އަހަރުތަކަށް ބަލާއިރު ވެލެންސިއާ އޮތީ ވަރަށް ބޮޑު އަޑިގަޑެއްގެ ތެރޭގަ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރެލިގޭޝަން ކުޅުނެވެ. ސަލާމަތްވީ ކިރިޔާ އެވެ. މިދިޔަ ނުވަ އަހަރަށް ބަލާއިރު ވެލެންސިއާ އަށް ލިބުނު ހަމައެކަނި ކާމިޔާބީ އަކީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕެވެ އެކަމަކު އޭގެ މައްޗަށް ވެސް ފައިތިލަ ސާބިތެއް ނުކުރެވުނެވެ.

Soba Valencia ah: "Miee aa chapter eh"

Soba Valencia ah: "Miee aa chapter eh"

The most trusted news source in the Maldives

Mihaaru

ވެލެންސިއާއާ ހަވާލުވުމަށް ފަހު ސޮބާއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.--

މިދިޔަ އަހަރުގައި ވެލެންސިއާ އިން ސީޒަން ނިންމާލީ އެންމެ މޮޅަކާ އެކު އެވެ. ރެލިގޭޝަން ކުޅެން ޖެހުނު ނަމަވެސް ކެންސަލްވުމުގެ ސަބަބުން އޮޓޮމެޓިކުން ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަގީންވީ، ދެ ވަނަ ޑިވިޝަނުން އައި ދެ ޓީމަށް މާލީ ހާލަތުގެ ސަބަބުން ކުޅެވެން ނެތުމުންނެވެ.

މި އަހަރުގެ ސީޒަނުގެ ތައްޔާރީތައް ވެސް އެންމެ ފަހުން ފެށި ވެލެންސިއާއާ ސޮބާ ހަވާލުވިއިރު އެ ޓީމުގައި ކުޅުންތެރިއެއް އަދި އޮފިޝަލެއް ވެސް ނެތް ކަމަށް އަހަރުގެ ފުރަތަމަ މެޗުތަކަށް ފަހު ސޮބާ ދިޔައީ ބުނަމުންނެވެ. އެވްރެޖް ކުޅުންތެރިންތަކަކާ އެކު މުބާރާތަށް ނުކުތްއިރު، އޭގެ ތެރެއިން ރަނގަޅު ކުޅުންތެރިން ތިބީ ގިނަ މެޗުތަކުގައި އަނިޔާގަ އެވެ.

ސޮބާ އަށް މާލޭ ލީގުގައި ލިބުނީ އެންމެ ދެ މޮޅެވެ. ރެލިގޭޝަނުގައި ކުޅެން ޖެހުނުއިރު ވެސް މެނޭޖްމަންޓުގައި ކުޅުންތެރިން ހޯދަން އެދުނު ނަމަވެސް އޭގެ އަށް ވެސް އެއްބާރުލުމެއް ނުލިބި ޓީމު ރެލިގޭޓްވީ އެވެ. ލީގުގެ ވަކި ހިސާބަކުން ސޮބާގެ އުއްމީދުތައް ވެސް ދަށަށްދާ ތަން ފެނުނުއިރު، ޓީމުގައި އޭނާގެ އެހީތެރިޔަކަށް ފެނުނީ ކުރީގެ ކުޅުންތެރިއާ އާދަމް އަބްދުލް ލަތީފް (ލައްޗޭ) އެވެ.

މީގެ ކުރިން ރާއްޖޭގެ ބޮޑު ކްލަބެއް ކަމަށްވާ ވިކްޓަރީ ރެލިގޭޓްނުވެ ސަލާމަތްވީ ކިރިޔާ އެވެ. އެ ދުވަހު ވިކްޓަރީ އަށް ނިސްބަތްވާ ގިނަ ބަޔަކު ދަނޑަށް ދިޔައިރު ސޮބާ އަކީ އެ ޓީމަށް އެ ފަހަރު ކުޅުނު ކުޅުންތެރިއެކެވެ. އެންމެ ފަހު ވަގުތު ޓީމަށް ހިތްވަރު ދިނުމުގައި އެ ޓީމަށް ނިސްބަތްވާ ގިނަ ބަޔަކު ތިއްބެވެ. އަދި ޓީމު ސަލާމަތްވުމުން އުފަލުން ކަރުނަ އޮހޮރި މަންޒަރު ވެސް ފެނުނެވެ. އެކަމަކު ވެލެންސިއާގައި ފެނުނު މަންޒަރު ތަފާތެވެ. ޓީމު ރެލިގޭޓްވެގެން ދިޔައިރު، ކުޅުންތެރިން ކައިރީގައި ހުރީ ސޮބާ އާއި ކޯޗިން ސްޓާފުން އެކަންޏެވެ. މެނޭޖްމަންޓުގެ މީހެއް ވެސް ފެންނާކަށެއް ނެތެވެ. ސަޕޯޓްދޭނެ ބަޔަކު ވެސް ނެތެވެ.

"އެންމެ ފުރަތަމަ ދުވަހު ވެސް ބުނިން ވަރަށް ބޮޑު ރިސްކެއް ނަގާފައޭ މިއައީ. އެއްވެސް މީހެއް ނެތޭ މިތާކުއެއް. މިސާލަކަށް މިއަދު ބަލާލުމުން މެނޭޖްމަންޓުގެ އެއްވެސް މީހެއް ނެތް. ރާއްޖޭގައި މި ކިޔަނީ ވަރަށް ޒަމާންވީ ބޮޑު ކްލަބެކޭ [އެކަމަކު] މިތާގައި ނެތް މީހަކު،" ރެލިގޭޝަނުގެ ދެ ވަނަ މެޗަށް ފަހު ސޮބާ ބުންޏެވެ.

ވެލެންސިއާގެ މެޗެއްގެ ތެރެއިން ސޮބާ ބެންޗުގައި އިށީދެގެން. -- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ކޯޗިން ކެރިއަރުގެ ޅަފަތުގައި ސޮބާ މި ވަނީ ތަފާތު ތިން ޗެޕްޓަރެއް ފުރިހަމަ ކޮށްފަ އެވެ. އެންމެ ފުރަތަމަ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބާ އެކު އެވެ. އެ އަށް ފަހު ދެ ވަނަ ޑިވިޝަނުން ޓީމެއް ފުރަތަމަ ޑިވިޝަނަށް ގެނެސް ފައިތިލަ ސާބިތުކޮށްދިނުމެވެ. ތިން ވަނަ އަށް ސޮބާގެ ނަޒަރުގައި އެންމެ ބޮޑު ފެއިލްވުމެވެ. އޭނާ ހުއްޓާ ރާއްޖޭގެ އެންމެ ޒަމާންވީ އެއް ކްލަބް ކަމަށްވާ ވެލެންސިއާ ރެލިގޭޓް ވުމެވެ. އެކަމަކު މިހިސާބުން އަތް އުރާލައިގެން ދިއުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

"މިއަދު މިކަން މިހެން ވިޔަސް އަޅުގަނޑު ހުއްޓައެއް ނުލާނަން. އަޅުގަނޑަކީ މީގެ ތެރެއަށް ނުކުތްއިރުއްސުރެ ކޮންމެ ދުވަހަކު މޮޅުވާން ބޭނުންވާ މީހެއް. ކުޅެެގެން މޮޅުވެގެން އެ ނަތީޖާ ހޯދައިގެން، ކާމިޔާބު ހޯދައިގެން ކުޅުން ހުއްޓާލާފައި ކޯޗިން އަށް ނުކުތީ. އަދިވެސް މިހުރީ އެގޮތަށް،" ސޮބާ ބުންޏެވެ.

"މި ފަހަރު މި ލިބުނީ ފިލާވަޅެއް. މިހިތި ވެސް ލިބުން މިއީ އަޅުގަނޑު ކާމިޔާބު ހޯދަން މަސައްކަތް ކޮށްފިއްޔާ ލިބޭ ޕްލަސް ޕޮއިންޓެއް."

ސޮބާ ބުނީ ކުރިއަށް އޮތްތަނުގައި ވެސް އޭނާ ކޯޗިންގައި ފެންނާނެ ކަމަށާއި އެފްއޭއެމާ ގުޅި ޑިވެލޮޕްމަންޓްގެ މަސައްކަތްތަކަކުން ވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ. އެހެން ނަމަވެސް ކޯޗިން ކެރިއަރުގައި އަދިވެސް ކުރިއަށް އޮތްތަނުގައި ކާމިޔާބު ހޯދުމުގެ އުއްމީދު ދޫކޮށް ނުލާ ކަމަށް ވަނީ ބުނެފަ އެވެ.

"އިރާދަކުރެއްވިޔާ މީތި ރިކަވާ ކުރެވޭ ވަރުގެ ކާމިޔާބެއް މުސްތަގުބަލުގައި ހޯދާނަން."

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަނގަޅުވާނެ

07 July 2018

ސޮބާ ދޭބަލަ ބާސާ އަށް މުޑިކާށި ހޮވަންދޭބަލަ

The name is already taken The name is available. Register?

ކުދުރޭޑިއޯ

06 July 2018

ކިތަންމެ ކުރިމަގު އުޖާލާ ކޯޗެއްނަމަވެސް ތިމާއަށް ތިމާއަށް ތިމާ ފެނިއްޖެއްޔާ އެދިޔައީ ދުވަސް. ކުޅުންތެރިން އެކޯޗަކު ދެކޭގޮތް ބަދަލްވާނެ، އޭނައަށް ކުރާ އިތުބާރު ގެއްލޭނެ. ދެން ކިހިނެތްވާނީ. ކުރިމަގު އޮތްތާ އޮންނާނީ، އެކޯޗަކީ ނެތްމީހެކޭ އެތްގޮތްވާނެ.

The name is already taken The name is available. Register?

ކަޅޭ

06 July 2018

ސޮބާ އެފްއޭއެމްގެ ރައީސް ކަމާ ހަވާލްވާންވީ. އޭރުން ފުޓްބޯޅަ ނަގާ ކޮޅެއްޖެހިދާނެ. ވޯލްޑްކަފްވެސް ކުޅެވިދާނެ.

The name is already taken The name is available. Register?

މޮއިސް

06 July 2018

މާތްﷲ ސޮބާގެ އަތްމައްޗަށް ތިކަންތައް އިރާދަކުރައްވައިފިއްޔާ ހަމަ ވެދާނެކަމެއް.

The name is already taken The name is available. Register?

ޓޯވޯ

06 July 2018

ސޮބާގެ ކެރިއަރު ތި އޮތީ މިހާރު ނިމިފަ. ޓޯވޯއަށ ދިޔާމަ މާ ގޯހެންނު މިވީ. ރަގަޅަށް އޮތް ޓީމެއް ދެވަނަ ޑިވިސަނަން ވައްޓާލީ ވިންޔާ.

The name is already taken The name is available. Register?

ބާލައާދަނު

08 July 2018

ރަނގަޅު ވީ ކޮންގޮތަކުން ބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454