ޖާޕަނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހީރޯޝިމާގެ ބައެއް އިމާރާތްތައް މިއަދު ވެއްޓިފައި: ޖަޕާނަށް މިއަދު ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައި. --ފޮޓޯ:އޭއެފްޕީ
07 ޖުލައި 2018 - 20:55
ޓޯކިޔޯ (ޖުލައި 7) - ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ބޭރަށް 5.9 ގެ ބާރު މިނުގެ ބިންހެލުމެއް މިއަދު ހަވީރު އަތުވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ ހޮންޝީގެ އިރުމަތީގެ އައްސޭރިފަށުގެ ހިސާބުތަކަށް ކަމަށެވެ. ބިންހެލުމުގައި ބައެއް އިމާރާތްތައް ވަނީ ދެ ފަރާތަށް ހޫރިފަ އެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ ބިންހެލުން އައި ނަމަވެސް ސުނާމީ އިންޒާރު ނެރެފައި ނުވާ ކަމަށެވެ. ބިންހެލުމުގައި އެއްވެސް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ޓޯކިޔޯގެ ބޭރުން އޮންނަ ޗިބާ ސަރަހައްދުގެ މީހުން ބުނެފައި ވަނީ ބިންހެލުމުގައި އެރި ލޮޅުމުގައި ކަބަޑުތަކުގައި ހުރި ބައެއް ތަކެތި ވެއްޓިފައިވާ ކަމަށެވެ. ނަރިޓާ އެއާޕޯޓުގެ ތަރުޖަމާނަކު ވިދާޅުވީ ބިންހެލުމާ ގުޅިގެން ކުޑަ ވަގުތު ކޮޅަކަށް އެއާޕޯޓް ބަންދު ކުރަން ޖެހުނު ކަމަށެވެ. ރަސްމީ ޓީވީ އެންއެޗްކޭ އިން ބުނެފައި ވަނީ އެއްވެސް ނިއުކްލިއާ ރިއެކްޓަރަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.
ބިންހެލުން އާއްމުކޮށް އަންނަ "ޕެސިފިކް ރިންގް އޮފް ފަޔާ"ގައި އޮންނަ ޖަޕާނަށް މާޗް 11، 2011 ގައި ރިކްޓާ މިނގަނޑުން 9.0 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ ބޮޑު ސުނާމީއެއް އުފެދިފަ އެވެ. އަދި އެ ބިންހެލުމުގައި އެތައް ބަޔަކު މަރުވި އެވެ. މީގެ އިތުރުން ފުކުޝީމާގެ ތިން ނިއުކްލިއާ ރިއެކްޓަރު މެލްޓްވެ ބޮޑު ނިކްލިއާ ހާދިސާއެއް ކުރިމަތިވެފައިވެ އެވެ.
ޖަޕާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ވަނީ 30 މީހުން މަރުވެ، 1.9 މިލިއަން މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލު ކުރަން ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy