މައުމޫނާއި ފާރިސް ޖަލްސާއެއްގައި ބައިވެރިވަޑައިގަންނަވަނީ: އެ ދެ ބޭފުޅުންގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ ބޭފުޅުން ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ވަކީލުން ވަނީ އެދިފައި --ފޮޓޯ/މިހާރު
12 ޖުލައި 2018 - 15:57
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ނިމެންދެން އެ ދެ ބޭފުޅުން ކަފާލާތުގެ ދަށުން ބަންދުން މިނިވަންކޮށް ދިނުމަށް އެ ބޭފުޅުންގެ ވަކީލުން ހައި ކޯޓުގައި އެދިއްޖެ އެވެ.
މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ޝަހްސު އޮޅުވައިލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ދެ މައްސަލަ ވެސް މިހާރު އޮތީ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
މައުމޫނާއި ފާރިސްގެ ވަކީލް މައުމޫން ހަމީދު ހައި ކޯޓަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ އެ ދެ ބޭފުޅުންނަށް އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ފާހަގަކޮށް، އެ ދެ ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ނިމެންދެން އެ ބޭފުޅުން ޖަލުގައި ތިއްބެވުމަކީ އެ ބޭފުޅުންނަށް އިޔާދަ ނުކުރެވޭނެ މިންވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.
އެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ކަފާލާތު ނުދެވޭނެ ފަދަ ކުށަކަށް ނުވާއިރު، ހައި ކޯޓުގެ ގަވާއިދު އޮންނަ ގޮތުން ވެސް ކުށް ސާބިތުވެފައިވާ މީހުން އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ކަން އެ ސިޓީގައި ވަކީލް މައުމޫން ފާހަގަ ކުރައްވާފައި ވެ އެވެ.
ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނަށް ވަކިވަކިން ފޮނުއްވި ދެ ސިޓީގައި ވަކީލް މައުމޫން އެދިވަޑައިގެންފައި ވަނީ އެ ދެ ބޭފުޅުން ކަފާލާތުގެ ދަށުން ދޫކުރުމާ މެދު ގޮތެއް ނިންމުމަށް އަވަސް ގޮތެއްގައި އަޑުއެހުމެއް ބާއްވައި، ކަފާލާތުގެ ދަށުން އެ ބޭފުޅުން މިނިވަންކޮށް ދިނުމަށެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން، ކުށް ސާބިތުވެފައިވާ މީހަކު ނުވަތަ ހައި ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ކުށެއްގެ ތުހުމަތުގައި ހުރި މީހަކު ހައި ކޯޓުން ގަބޫލުކުރާ ފަދަ ކަފާލާތެއް ހުށަހަޅައިފި ނަމަ، އެ މައްސަލަ ހައި ކޯޓުގައި ހިނގަމުންދާ މުއްދަތުގެ ތެރޭގައި އެ މީހަކު ބަންދުން ދޫކޮށްލާފައި ބެހެއްޓުމުގެ ބާރު ހައި ކޯޓަށް ލިބިގެންވެ އެވެ.
މައުމޫނާއި ދަރިކަލުން ފާރިސްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ބޭފުޅުންނަށް ކުރާ ޓެރަރިޒަމްގެ ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްޅަބޭ
13 July 2018
މިހާރު އެއުޅެނީ ކެމްޕެއިނަށް ދަތިކުރަން! އިންޑިޔާއިން މައުމޫނު ދޫކޮށްލާކަށް އަދި ގެންދާކަށްވެސް ނުއުޅޭތަ؟
ޢޙަމީދު
12 July 2018
އޭރު ލިބޭ އާމްދަނީ އާއި މިހާރާ ނުބައްދަލު
ނަސީދު
12 July 2018
ބަންދުގައި ތިބުމުން އިއާދަނުކުރެވޭވަރުގެ ގެއްލުމެއްލިބޭ ވާހަކަދައްކާއިރު ތިޔަދެމީހުންގެސަބަބުން ގައުމަށްލިބުނު އިއާދަނުކުރެވޭވަރުގެ ބޮޑުގެއްލުމުގެ ވާހަކަވެސް ދައްކަންވާނެ. ލަދުކޮބާ.
ާނަސީދުގެ އައްމަ
13 July 2018
ލިބުނު ގެއްލުން ތަކުގެ ލިސްޓެއް ނަމަވެސް ހުށަހަޅައި ދެއްވާ ބޭފުޅާ
ޝޮކްތެރަޕީ
12 July 2018
މަނިކުފާނު ދިގުތިރީސް އަހަރު މިރާއްޖެ ތަރައްގީކުރިނަމަ މިގޮތަކަނޯންނާނެ.
ޞާޢީޑޫ
12 July 2018
ދިގު 30 އަހަރު ރާއްޖެ މާބޮޑަށްވެސް ތަރައްގީވިއެވެ. ދެލޯ ނެތްބަޔަކަށް އެތަން ނުފެންނާނެއެވެ.
ކަލޯޝޮކޭ
12 July 2018
ތަރައްގީކުރި ގާނޫނުއަސާސީއަށް ބަލާލިއަސް ވީގޮތް ފެނޭނުން. ހުރިހާ އެއްވެއް ހުރިތަނުގައި ވެސް ހަމަ ހުސް ވަޅުވަޅުގަނޑު..!
ނޭފަތުފޫޅު
12 July 2018
1978 ނޮވެމްބަރ 11 ގެ ކުރިން މިރާއްޖޭގެ ރަށްތަކާއި މިކިޔާ "ގްރޭޓަރ މާލެ" އޮތް ގޮތް ދުށީމުތޯ؟
ޅޯފަން
13 July 2018
ކަނު ވީމަ ނުފެންނާނެ
ށޯޚެޓް
13 July 2018
ކޮއްކޯ. މައުމޫނުބޭ މިރާއްޖޭގެ ވެރިކަންކުރީ ޓެކުހުން ރާއްޖޭގެ ބައިތުލްމާލަށް ވަންނަމުންދިޔަ ލާރިފުނިވަރު ބޭނުން ކޮށްގެނެއް ނޫން. ފައިސާއެއް ނެތް ވަސީލަތެއްނެތް ތައުލީމީ ޖީލެއް ނެތް ޒަމާނެއްގައި ވެރިކަން ކުރަން ފެށީ. މައުމޫނުބެ ވެރިކަމުން ފޭބީ މިހުރިހާ ވަސީލަތެއް ހަމަވިފަހުން. ރާއްޖެއާއި ރާއްޖޭގެ މީހުން ކުރިއަރައި ތަރައްގިނުވިނަމަ މައުމޫނުބޭ ވެރިކަމުން ބާލަން ރާއްޖޭގެ މީހުން ވޯޓެއް ނުދިނީސް.