ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން. --ފޮޓޯ:ރޮއިޓާސް
12 ޖުލައި 2018 - 23:34
ބާލިން (ޖުލައި 12) - ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން ސްޕޭނަށް ފޮނުވާލުމުގެ ހުއްދަ ޖަރުމަނުގެ ކޯޓަކުން މިއަދު ދީފި އެވެ.
ކެޓަލޯނިއާގެ މިނިވަންކަން މިދިޔަ އޮކްޓޯބަރު މަހު ޕުޖްޑެމޮން އިއުލާން ކުރުމުން ސްޕޭނުގެ މައި ސަރުކާރުން ހިތްހަމަނުޖެހި އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރު ހީވުމުން ވަނީ ބެލްޖިއަމުން ސިޔާސީ ހިމާޔަތް ހޯދާ އެ ގައުމަށް ވަޑައިގެންފަ އެވެ. ނަމަވެސް ޑެންމާކަށް ވަޑައިގެން ޖަރުމަން ހުރަސްކޮށް އެނބުރި ބެލްޖިއަމަށް އެއްގަމު މަގުން ވަޑައިގަންނަވަނިކޮށް ޖަރުމަނުގެ އުތުރުގެ ހިސާބަކުން ވަނީ މާޗު މަހު އޭނާ ހައްޔަރުކޮށްފަ އވެ.
ޕުޖްޑެމޮން ސްޕޭނާ ހަވާލު ކުރުމަށް ޖަރުމަނުގެ ކޯޓަކުން ހުއްދަ ދިނީ ސްޕޭނުން ޕުޖްޑެމޮންއާ ދެކޮޅަށް އުފުލާފައިވާ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. އޭނާ ސްޕޭނަށް ފޮނުވަން ނެރުނު އަމުރުގައި ކެޓަނޯލިއާގެ މިނިވަންކަން އިއުލާން ކުރި މައްސަލަ ނުހިމެނެ އެވެ.
ޕުޖްޑެމޮންގެ ގާނޫނީ ޓީމުން ބުނީ ޖަރުމަނުގެ އުތުރުގެ ޝްލެސްވިގް-ހޯލްސްޓެއިންގެ ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy