އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ބަނޑޮހާއި ގްރޭންޑްޕާކް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް
14 ޖުލައި 2018 - 12:28
އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގު މިއަދު ފަށާއިރު، ކުއާޓާ ފައިނަލުގައި ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ޒޯން ޗެމްޕިއަންސް ލީގުގައި ވާދަކުރަނީ ޒޯން އެކެއްގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް އާއި ޒޯން ދޭއްގެ ޗެމްޕިއަން ޖުމެއިރާ ވިޓަވެލި އާއި ޒޯން ތިނެއްގެ ޗެމްޕިއަން ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އާއި ޒޯން ހަތަރެއްގެ ޗެމްޕިއަން ޑަބްލިއު މޯލްޑިވްސް އާއޮ ޒޯން ފަހެއްގެ ޗެމްޕިއަން ސޮނޭވާފުށްޓާއި ޒޯން އެކެއްގަައި ރަނގަޅު ނަތީޖާތަކެއް ނެރުނު ވަން އެންޑް އޮންލީ ރީތި ރަށާއި ގްރޭންޑް ޕާކް ކޮއްދިއްޕަރާއި ޝެރަޓަން މޯލްޑިވްސް އެވެ.
ބަނޑޮހަކީ މި ފަހަރުގެ މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ ޓީމެވެ. އެ ޓީމުގައި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހިމެނެ އެވެ. އަދި އެ ޓީމުގެ ކޯޗަކީ މުހައްމަދު ސާޖިދު (ކާއްޓެ) އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ބަނޑޮހާއި ޖުމެއިރާ ކުޅޭއިރު، އަނެއް މެޗުގައި މިއަދު ރީތި ރަށް ބައްދަލުކުރާނީ ޑަބްލިއު މޯލްޑިވްސްއާ އެވެ. ކުއާޓާ ފައިނަލުގެ ދެ މެޗެއް މާދަމާ ކުޅޭނެ އެވެ. މާދަމާ ކުޅޭ މެޗުތަކުގައި ސޮނޭވާ ބައްދަލުކުރާނީ ޝެރަޓަންއާ އެވެ. އަދި ނިޔާމަ ކުޅޭނީ ގްރޭންޑްޕާކްއާ އެވެ.
އެންމެ ފަހުގެ ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަނަންތަރާ ކިހާވަށް ވިލާސް މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. އަނަންތަރާ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ސޮނޭވާފުށި ބަލިކުރުމަށް ފަހު އެވެ.
ރިސޯޓްތަކުގެ މެދުގައި ކުޅޭ ވޮލީބޯޅަ މުބާރާތަކީ ވޮލީ ކުޅުންތެރިން އުފެދުމުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ މުބާރާތެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން ގައުމީ ވޮލީބޯޅަ ޓީމުގެ ކިތަންމެ ގިނަ ކުޅުންތެރިންނަކަށް ވެސް އެއް ޓީމަށް ކުޅުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު މިދިޔަ ފަހަރުގެ މުބާރާތް ކުޅުނީ ގަވާއިދަށް ބަދަލު ގެެނެސްގެންނެވެ. އެއީ ކޮންމެ ޓީމަކަށް ވެސް ގިނަ ވެގެން ކުޅެވޭނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށް ބަދަލުކޮށްގެންނެވެ. މި ބަދަލާ އެކު ފެނިގެންދިޔައީ މުބާރާތުގެ ފޯރިގަދަވެ، ވާދަވެރިކަން ބޮޑުވެގެންދިޔަ ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންކޮ
15 July 2018
މުބާރާތުގެ މެޗްތައް ކުޅެނީ ކޮްތާކުގައިތޯ؟
ޜަގީބު
15 July 2018
ގިނަ މެޗު ފޭސްބުކް ގައި