މަހުމޫދް، ޕާކްގައި އޮތް "ޒިބްރާ" ކައިރީގައި.
28 ޖުލައި 2018 - 08:07
ކަންކަމަށް މަކަރު ހަދައި އޮޅުވައިލަމުން ގޮސް ނުކުރާނީ ދެން ކޮން ކަމެއް ހެއްޔެވެ؟ ހިތްހަމަޖައްސައިލަން ޕާކްތަކަށް ޒިޔާރަތްކުރާ މީހުންނަށް ވެސް މި ހަދަނީ މަކަރެވެ.
މިސްރުގެ ޒުލެއްގައި އޮތް ދެ ހިމާރެއްގެ ގައިގައި ޒިބްރާގެ ގައިގައި ހުންނަ ގޮތަށް ކަޅާއި ހުދުގެ ރޮނގުތަކަކެއް ލައިގެން އުޅެނިކޮށް މި ވަނީ ފަޅާއަރައިފަ އެވެ. މިކަމެއް ކުރީ ގާހިރާގެ އިންޓަނޭޝަނަލް ގާޑަން މުނިސިޕަލް ޕާކްގަ އެވެ.
ޕާކަށް ޒިޔާރަތްކުރާ މީހުންނަށް ޒިބްރާތަކެއް ހުރި ކަމަށް ދައްކަންވެގެން ހިމާރުތަކެއްގައި ކުލަ ލައިގެން އުޅެނިކޮށް އެތައް ބައެއްގެ ސަމާލު ކަމަށް މިކަން އައީ މި މަހުގެ 12 ވަނަ ދުވަހުގެ ޕާކަށް ޒިޔާރަތް ކުރި ޒުވާނަކަށް ޝައްކުވެގެން އޭގެ ފޮޓޯ އާއި ވީޑިއޯ ވެސް ނަގައި ފޭސްބުކްގައި ހިއްސާ ކުރުމުންނެވެ.
މަހްމޫދު އޭ. ސަރްހާން ބުނި ގޮތުގައި ޕާކްގައި އޮތީ ކުލަ ލާފައިވާ ހިމާރުތަކެއް ކަމަށް އެންމެ ފުރަތަމަ އަޅައިގަތީ އެ އެއްޗެހީގެ ކަންފަތް ހުރި ގޮތުންނެވެ. ޒިބްރާއަކީ ކުޑަ ކަންފަތެއް ލިބިފައިވާ ޖަނަވާރަކަށް ވިޔަސް، ޕާކްގައި އޮތް ދެ "ޒިބްރާ" ގެ ކަންފަތް ބޮޑެވެ.
މަހުމޫދްގެ އެފްބީ ޕޯސްޓް.
ފެންނަ ގޮތުގައި ހިމާރުތަކުގެ ގައިގައި ލައިފައި ހުރި ކުލަ ހުރީ ހޫނުވުމުގެ ސަބަބުން އެކި ދިމަދިމާލުން ފޭދެން ވެސް ފަށައިފަ އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި ޖަނަވާރުންގެ ހިމާޔަތަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ މިއީ ވަރަށް ޕާކުން ކުރި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ފިޔަވަޅު އަޅަން ވެސް ގޮވާލައިފަ އެވެ.
ކުލަ ލާފައިވާ ހިމާރުންގެ ވީޑިއޯއެއް.
މަހްމޫދް ފޭސްބުކްގައި ޕޯސްޓް ކުރި ފޮޓޯތަކާ ގުޅިގެން މިސްރުގެ ބައެއް މީޑިއާތަކުން ވެސް ވަނީ އެއީ ހަމަ ހަގީގަތުގައި ވެސް ހިމާރުތަކެއްތޯ ބަލައިފަ އެވެ.
އެގޮތުން ނޮގޯމް އެފްއެމް ރޭޑިއޯ އިން ބެލިބެލުމުން ވެސް އެއީ ކުލަ ލައިފައި ހުރި ހިމާރުތަކެއްކަން ޔަގީންވެފައިވެ އެވެ.
ނަމަވެސް ގާހިރާ އިންޓަނެޝަނަލް ގާޑަން މުނިސިޕަލް ޕާކްގެ ޑިރެކްޓަރު މުހައްމަދު ސުލްތާން ވަނީ ހިމާރުތަކެއްގެ ގައިގައި ކުލަ ލައިގެން އުޅުނު ކަމަށް އިންކާރުކޮށްފަ އެވެ. އަދި މީޑިއާތަކުން ގުޅުމުން އޭނާ ވަނީ ތަފުސީލު ދޭން ދެކޮޅު ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy