ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

މީޑިއާގެ ސުވާލުތަކަށް މޮރީނިއޯ ދިނީ ނުސީދާ ޖަވާބުތަކެއް

މެންޗެސްޓާ (އޮގަސްޓް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފުތާގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ނުސީދާ ޖަވާބުތަކެއް ދީފި އެވެ.

ޓޮޓެންހަމް ހޮޓްސްޕާްސްއާ ދެކޮޅަށް ހޯމަ ދުވަހުގެރޭ ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް މޮރީނިއޯ އައީ ބައި ގަޑިއިރު ކުރިންނެވެ. އެހެންވެ ގިނަ މީޑިއާތަކަށް މޮރީނިއޯގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވެވުނެވެ. އަނެއްކޮޅުން މީޑިއާ އިން ކުރި ސުވާލުތަކަށް މޮރީނިއޯ ވާހަކަ ދައްކަން ބޭނުންނުވާތީ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔައީ ހަތަރު މިނިޓާއި 19 ސިކުންތު ވަންދެނެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް މޮރީނިއޯ ބައިވެރިވި އެންމެ ކުރު ނޫސްވެރިންގެ ބައްދަލުވުމެވެ.

ނޫސްވެރިންގެ ސުވާލުތައް ފުރަތަމަ މޮރީނިއޯ އަށް އަމާޒުވީ އޭނާ އާއި ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާ ދެމެދު ހިތްހަމަ ނުޖެހޭ ކަމަށް މީޑިއާއާ ދެކެވޭ ވާހަކަތަކާ ބެހޭގޮތުންނެވެ. ޖަވާބުގައި މޮރީނިއޯ ބުނީ މީޑިއާގައި ލިޔާ އެއްޗެހީގެ 10 ޕަސެންޓް ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ. އަދި އޭނާ އަކީ އެ ސުވާލަށް ޖަވާބުދޭން އެންމެ ރަނގަޅު މީހާ ކަމަށް ނުދެކޭ ކަމަށް ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު ދެ މެޗުގައި ކެޕްޓަންކަން ކުރީ ޕައުލް ޕޮގްބާ އެވެ. ލެސްޓާ އަތުން ފުރަތަމަ މެޗުގައި މޮޅުވިއިރު، ދެ ވަނަ މެޗުގައި ޔުނައިޓެޑް ވަނީ ރަށުންބޭރުގައި ބްރައިޓަން އަތުން ބަލިވެފަ އެވެ. ޕޮގްބާ ވަނީ ބްރައިޓަން އަތުން ބަލިވި މެޗުގައި އެންމެ ރަނގަޅަށް ނުކުޅެވޭ ކަމަށް ބުނެފަ އެވެ.

ޕޮގްބާގެ އެ ވާހަކަ ތަކާ ގުޅޭގޮތުން މޮރީނިއޯ ބުނީ އޭނާ ދޭނެ ޖަވާބެއް ނެތް ކަމަށެވެ.

"ޕޮގްބާ ދެއްކި ވާހަކަތަކަކަށް ޖަވާބު ދޭން ޖެހޭނީ އޭނަ. އޭނާ ދެއްކި ވާހަކައެއްގެ ޖަވާބު ހޯދަން ޖެހޭނީ އޭނަގެ ފަރާތުން،" މޮރީނިއޯ ބުންޏެވެ.

މި ސީޒަނުގައި ޔުނައިޓެޑްގެ ފަރާތުން ފެންނަ ކުޅުމާ ބެހޭގޮތުން ސުވާލުކުރުމުން މޮރީނިއޯ ބުނީ ލެސްޓާ މެޗުގައި ރަނގަޅަށް ކުޅެގެން މޮޅުވީ ކަަމަށާއި ބްރައިޓަންއާ ދެކޮޅަށް ދަށްކޮށް ކުޅުމުން ބަލިވީ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުގައި ޓޮޓެންހަމް އަތުން މޮޅެއް ބޭނުންވާ ކަމަށެވެ.

ބްރައިޓަން އަތުން ބަލިވި މެޗުގައި ޔުނައިޓެޑްގެ ފަހަތަށް ކުޅޭ ވިކްޓަ ލިންޑެލޮފާއި އެރިކް ބެއިލީ އަތުން ގޯސްތަކެއް ހެދުނު ކަމަށް މޮރީނިއޯ އެ މެޗަށް ފަހު ބުންޏެވެ. އެ ދެ ކުޅުންތެރިންގެ ކުޅުމާ ބެހޭގޮތުން ސުވާލުކުރުމުން މޮރީނިއޯ ބުނީ އޭނާގެ ކުޅުންތެރިންނާ ބެހޭގޮތުން ނޫސްވެރިންނާ މަޝްވަރާ ނުކުރާނެ ކަމަށެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެއްވެސް ކުޅުންތެރިއަކު ނުގެނެސް ފުރަތަމަ ދެ މެޗުން ނަތީޖާ ނެރެފައިވާތީ އެކަމާ ބެހޭގޮތުން ކުރި ސުވާލަށް ވެސް މޮރީނިއޯ ޖަވާބެއް ނުދެ އެވެ.

ޔުނައިޓެޑުން ޓޮޓެންހަމާއި ކުޅެން މިއީ އެންމެ ރަނގަޅު ވަގުތުތޯ ސުވާލުކުރުމުން މޮރީނިއޯ ބުނީ ލީގު ރާވާފައި އޮންނަނީ 19 މެޗު އަމިއްލަ ދަނޑުގައި އަދި 19 މެޗު ރަށުންބޭރުގައި ކުޅޭ ގޮތަށް ކަމަށާއި އެއީ މެޗުތަކުގެ ތާވަލް ނެރުނުއިރު ވެސް އޮންނަ ގޮތް ކަމަށެވެ.

ޔުނައިޓެޑްގެ ފަރާތުން ފެންނަ ކުޅުން ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅަ ތަޖުރިބާކާރުންގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވެފައިވާއިރު، މޮރީނިއޯގެ މުސްތަގުބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އަދި މޮރީނިއޯ އަށް ޔުނައިޓެޑްގެ ކޯޗުކަން ގެއްލިއްޖެނަމަ އެ ޓީމާ ހަވާލުވާނެ ދެ ކޯޗެއްގެ ލިސްޓެއް ވެސް މީޑީއާގައި ވަނީ އާންމުވެފަ އެވެ. އެއީ ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454