ރާއްޖޭގެ އެތުލީޓު ހަސަން ސާއިދު ރޭހެއް ނިންމުމަށް ފަހު ގައުމީ ދިދަ ހިފައިގެން.-- ފޮޓޯ: މޯލްޑިވްސްއޮލިމްޕިކް ކޮމިޓީ
25 އޯގަސްޓް 2018 - 17:56
އިންޑޮނީޝިއާގައި މިހާރު ކުރިޔަށްދާ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ގޭމްސްގެ އެންމެ ވާދަވެރި އެއް އިވެންޓުގެ ސެމީ ފައިނަލުން ޖާގައެއް އޭނާ ކަށަވަރުކުރީ ހަތަރު ވަނަ ހީޓުގެ ފަސް ވަނަ ހޯދައިގެންނެވެ. ސާއިދު ދުވެފައިވަނީ 10.67 ސިކުންތުންނެވެ. އެ ހީޓުގެ އެއް ވަނަ ހޯދި ޗައިނާގެ ބިންޓިއަން ސޫ ރޭސް ނިންމީ 10.27 ސިކުންތުންނެވެ.
ސާއިދު ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ދުވެ އަދި އެ ދެ އިވެންޓުން ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭރު އޭނާ ޖެމެއިކާގައި ތަމްރީން ހެދި ނަމަވެސް މި އަހަރު ތަމްރީންތައް ކުރިއަށް ގެންދިޔައީ ރާއްޖޭގަ އެވެ.
ސާއިދުގެ އިތުރުން މި އިވެންޓުން ސެމީ ފައިނަލަށް ދިޔައީ ދެކުނު އޭޝިއާގެ އެންމެ ދުވުންތެރިއެކެވެ. ހީޓު ފަހެއްގައި ވާދަކުރި ޕާކިސްތާނުގެ ގޮހާރް ޝަހްބާޒް ކޮލިފައިވީ 10.66 ސިކުންތުން ދުވެގެންނެވެ. މިއީ ސާއިދަށް ވުރެ 0.01 ގެ އަވަސް ޓައިމެކެވެ. މި ސަރަހައްދުން ދެން ދުވި ދުވުންތެރިންގެ ތެރެއިން ހީޓުގައި އެކެއްގައި ވާދަކުރި ޕާކިސްތާނުގެ ލިއާގަތު އަލީ ރޭސް ނިންމީ 11.10 ސިކުންތުންނެވެ. ހީޓުގައި ތިނެއްގައި ވާދަކުރި ނޭޕާލުގެ ޔަމް ސަޖަން ސުނާރު ރޭސް ނިންމީ 11.39 ސިކުންތުންނެވެ.
މި އިވެންޓުގެ ސެމީ ފައިނަލް އޮންނާނީ މާދަމާ އެވެ. މި މުބާރާތުގައި ސާއިދު 200 މީޓަރު ދުވުމުގައި ވެސް ވާދަކުރާނެ އެވެ. ސާއިދު ކުރިން ބުނީ މިހާރު އޭނާ އެންމެ ބޮޑަށް ތައްޔާރުވަނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން އަނެއްކާ ވެސް ރަން މެޑަލް ހޯދައި އަދި ސައުތު އޭޝިއަން ގޭމްސް އިން ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދަން ކަމަށެވެ.
އޭނާ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމަކީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހު ދުށް އެންމެ ބޮޑު އެއް ކާމިޔާބެވެ. އަދި އޭނާ އަކީ ގިނަ ކުޅިވަރުތައް ވާދަކުރާ ގޭމްސްއަކުން ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި އެތުލީޓް ވެސް މެ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ރަން މެޑަލް ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ލިބުނީ ރިހި މެޑަލެވެ.
ސާއިދު ވަނީ މިދިޔަ އަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރުގެ ދުވުމުން ވެސް ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.
މިއަދު ގޭމްސްގެ މެރެތަން ރޭހުގައި ވާދަކުރި ރާއްޖޭގެ މުހައްމަދު ޝިފާޒުގެ މެޔަށް ތަދެއް އަރައި ރޭސް ފުރިހަމަކުރެވޭ ގޮތެއް ނުވި އެވެ. ބޭރުގެ މެރެތަން ރޭހެއްގައި 26 އަހަރަށް ފަހު ރާއްޖެ ތަމްސީލްކުރި ޝިފާޒަށް 42 ކިލޯމީޓަރުގެ ރޭސް ހުއްޓާލަން ޖެހުނީ ހާފް މެރެތަން ވެސް ފުރިހަމަކުރި ފަހުން ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.
އަންހެން 400 މީޓަރު ދުވުމުގައި ބައިވެރިވާ އައިޝަތު ހިމްނާ ހަސަންގެ ރޭސް ވެސް މިރޭ އޮންނާނެ އެވެ. އަދި 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުގައި ވާދަކުރާ އައިމިނަތު ޖައިޝާ ޖުނީޒްގެ ރޭސް އޮންނާނީ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންފުތު100މ
25 August 2018
ބޮޑުމަންޒަރު އެބަފެނެނޭނުން ކަލޯ ތޮލާލޫ 10:67? ނެއްތަ މޮޅު ޓުވީޓެެއް؟