ކޮރަޕްޝަނުގެ މައްސަލާގައި ދައުވާ ކުރާ ރާޖަޕްސާގެ ކުރީގެ ޗީފް އޮފް ސްޓާފް ގާމިނީ.
26 އޯގަސްޓް 2018 - 14:12
ކޮލަމްބޯ (އޮގަސްޓް 26) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އުފެއްދި ޚާއްސަ ކޯޓުގެ މަސައްކަތް ފަށައި، ބައެއް މީހުން ކޯޓަށް ހާޒިރުކޮށްފި އެވެ.
ކޯޓަށް އެންމެ ފުރަތަމަ ހާޒިރު ކުރި ފަރާތްތަކުގެ ތެރޭގައި ރާޖަޕަކްސާގެ ޗީފް އޮފް ސްޓާފް ގާމިނީ ސެނަރަތުނަ އާއި އިތުރު ތިން މީހުން ހިމެނެ އެވެ. އެ ތިން މީހުންގެ މައްޗަށް ވަނީ ކޮލަމްބޯގައި ހޮޓަލެއް އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރޭން 500 މިލިއަން ރުޕީސް (ތިން މިލިއަން ޑޮލަރު) ނެގި ކަމަށް ތުހުމަތުކޮށްފަ އެވެ.
ކޯޓަށް ހާޒިރުކުރި ހަތަރު މީހުން ވެސް ވަނީ ކޮންމެ މީހަކަށް 1.1 މިލިއަން ރުޕީސްގެ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އެ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހު 19 ވަނަ ދުވަހު އެވެ.
ރާޖަޕަކްސާގެ ސެކްރެޓަރީ ލަލިތު ވީރަތުންގާ އާއި ސަރުކާރުން ހިންގާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަނުގެ ކުރީގެ ވެރިޔާ އަނޫޝާ ޕަލްޕިޓާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ އެ ދެ މީހުން ތިން އަހަރަށް ޖަލަށްލާން ކޮލަމްބޯ ހައި ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ހުކުމް ކޮށްފަ އެވެ. އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ހަތަރު މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައެކެވެ.
ރާޖަޕަކްސާގެ ފިރިހެން ތިން ބޭފުޅުންގެ ތެރޭން ދެ ބޭފުޅެއްގެ މައްޗަށް ތުހުމަތުކޮށްފައިވާ މަނީ ލޯންޑްރިންގެ މައްސަލަ ވެސް މިހާރު ދަނީ ބަލަމުންނެވެ. ނޫސްވެރިއަކު 2008 ވަނަ އަހަރު ވަގަށް ނެގި މައްސަލާގައި ރާޖަޕަކްސާއާ މިދިޔަ ހަފުތާގައި ވަނީ ސުވާލުކޮށްފަ އެވެ.
ކުރީގެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް އަވަސް ކުރަން ޚާއްސަ ކޯޓެއް އުފައްދާކަން އިއުލާންކުރީ މެއި މަހު އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ވެރިކަމަށް ވަޑައިގެންނެވި މައިތުރިޕާލާ ސިރިސޭނާ ވަނީ ރާޖަޕަކްސާ ވެރިކަމުގައި ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވި އެންމެންނަށް އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްދާ
26 August 2018
ލަންކާގަވެސް ހުސް ކޮރަޕްޝަން.
ސައިނީ
26 August 2018
މީވެސް އިންޑިޔާ އަޑީގައި އޮވެގެން ފެއްޓި ކަމެއް އެހެން ނޫނީ ކީއްކުރަންް މިދަޅިވަޅުގަ ތިކަމެއް ފަށަންވީކީ
ބެއްޔާ އައްޑޫ
26 August 2018
ބަލަގަ ތިޔަ ފައިސާ ހުރިތަނަކާއި ވައްކަން ކުރިނަމަ ކުރިކަންވެސް އިނގޭނީ އިދިކޮޅު މީހުންނަށް. ޜާޖަޕަކުސާ ހުރީ ވެރިކަމުގައި ކުރީ ވެރިކަން.