އޭޑީކޭ: ޑޮކްޓަރުންނަށް ހާއްސަކޮށްގެން ސްކޮލަޝިޕްތަކެއް އަންނަނީ ދެމުން. - ފޮޓޯ: އޭޑީކޭ
28 އޯގަސްޓް 2018 - 19:24
އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ހާއްސަކޮށްގެން ދެމުން އަންނަ ސްކޮލަޝިޕަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ ތިން ދާއިރާއަކުން ސްޕެޝަލައިޒް ވުމަށް އަދި ދެ ދާއިރާއަކުން ސުޕަ ސްޕެޝަލައިޒްވުމުގެ ފުރުސަތަށް އެދި އަންނަ މަހުގެ 26ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
1) ރޭޑިއޮލޮޖީ
2) ހެމަޓޮލޮޖީ
3) ރޫމަޓޮލޮޖީ
4) ޔޫރޯސާޖަރީ
5) ގޭސްޓްރޯއެންޓްރޯލޮޖީ
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ސްކޮލަޝިޕަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ހުރިހާ ޑޮކްޓަރުންނަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ޑޮކްޓަރުންގެ ތަމްރީނުތައް ނިމުމުން އެ ހޮސްޕިޓަލުން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.
"އެ ސްކޮލަޝިޕަށް ޝަރުތުހަމަވާ ހުރިހާ ޑޮކްޓަރުންނަށް ކުރިމަތިލެވޭނެ. ވަކި އޭޑީކޭގައި މަސައްކަތް ކުރާ ޑޮކްޓަރުން އެކަންޏެއް ނޫން. އަދި ސްކޮލަޝިޕްގައި ކިޔަވާ ނިމިގެން އަންނައިރު މި ހޮސްޕިޓަލުން ވަޒީފާ ހަމަޖެހިގެންދާނެ. އެހެން ޑޮކްޓަރުންނެކޭ އެއްގޮތަށް، މުސާރައާ އެެހެނިހެން އެލަވަންސްތައް ލިބިގެންދާނެ،" އަފްއާލް ވިދާޅުވި އެވެ.
މިއީ އޭޑީކޭ އިން ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާ ތިން ވަނަ އަހަރެވެ. އެ ސްކޮލަޝިޕްގައި މިހާރު ވެސް ހަތް ޑޮކްޓަރުން ކިޔަވަމުން އަންނައިރު ހަތަރު ޑޮކްޓަރަކު ވަނީ ކިޔެވުން ފުރިހަމަކޮށް މަސައްކަތާ ގުޅިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy