ފިލްމް "ނަމަ"ގެ ސްކްރީންޝޯޓެއް: ހަ މިނެޓުގެ މި ކުރު ފިލްމުގައި ދައްކުވައިދެނީ ފެންވަރު ރަނގަޅު ތައުލީމެއްގެ މުހިއްމުކަން
03 ސެޕްޓެމްބަރ 2018 - 22:40
މި ކުރު ފިލްމުން ދައްކައިދޭނީ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މުޖުތަމައު ފެއިލްވެފައިވާ މިންވަރެވެ. ގޭތެރެއިންނާއި ސްކޫލުގެ އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން އަންހެން ކުއްޖެއްގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ.
ތުއްތު ކުއްޖެއްގެ ގޮތުގައި އައިނާ ހުރިއިރު، މަންމަ އާއި ބައްޕަގެ އޭނާ ބާކީކޮށްލި ކޮށްލުން ހަނދާން ހުރެ އެވެ. އަދި ކިޔެވުމުގެ ބަދަލުގައި ކުރެހުމަށް މާ ބޮޑު ޝައުގުވެރިކަމެއް ހުރުމުން ރައްޓެހިންނާއި ޓީޗަރުންގެ ފަރާތުން ކުރިމަތިވި މަލާމާތްތަކަކީ އޭނާގެ ހަޔާތަށް އައި ބޮޑު ބަދަލެެވެ.
ފިލްމް "ނަމަ"ގެ ސްކްރީންޝޮޓެއް: މި ތައްޔާރުކޮށްފައިވަނީ ފިލްމް ފޯ ޗޭންޖްގައި ބައިވެރިވި ޒުވާނުންގެ ގްރޫޕަކުން
އެ ހިތްދަތި ދިރިއުޅުމުން އައިނާ އަށް އުފާ ލިބުނީ، އޭނާގެ އިހުސާސްތައް ކުރެހުމަކުން ބަޔާންކޮށްދީގެންނެވެ. ނޫނީ އެކަނިވެރިކަން ފިލުވަން މޫދަށް އެރިލައިގެންނެވެ.
މިއީ މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި، ދިރާގާ ގުޅިގެން ޔޫއެންޑީޕީން ކުރިއަށްގެންދިޔަ "ފިލްމް ފޯ ޗޭންޖް" އަށް ތައްޔާރުކުރި "ނަމަ" އިން ދައްކުވައިދޭ މަންޒަރެވެ. ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ ހަތަރު ވަނަ ގޯލަށް ހާއްސަކޮށްގެން ތައްޔާރުކުރި ހަ މިނެޓުގެ ވީޑިއޯއިން އަންގައިދެނީ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމުގެ މުހިއްމުކަމެވެ.
އެ ފިލްމު ތައްޔާރުކުރި ޓީމުގައި ހިމެނޭ މަރިޔަމް ރަފާހަތު ނަދީމް ބުނީ ތުއްތުއިރުން ފެށިގެން ޒުވާން ދުވަސްވަރާ ހަމައަށް ދާއިރު، އެ ކުއްޖެއްގެ ހުރި ގާބިލްކަމަށް އިސްކަންދިނުމާ ބެހޭ ގޮތުން ފިލްމުގައި އަލިއަޅުވާލާފައިވާނެ ކަމަށެވެ. ނަމަވެސް މުޖުތަމައުގެ ތެރޭގައި ހުރި ނޭދެވޭ ކަންތައްތަކުގެ ސަބަބުން ޒުވާން އަންހެން ކުއްޖެއްގެ ދިިރިއުޅުން ބަދަލުވެގެން ދެ އެވެ.
ފިލްމް "ނަމަ"ގެ ސްކްރީންޝޯޓެއް:
"މުޖުތަމައުގެ ތެރޭގައި އޭނާއާ މެދު ކަންތައް ކުރާ ގޮތް. ސްކޫލަށް ދިޔައީމަ ޓީޗަރުން ކަންތައް ކުރާ ގޮތް. އެގޮތަށް ކަންތައް ވުމުން އޭނާއަށް ވަޒީފާއަށް ނުލިބި، އެންމެ ފަހުން މީހުންގެ ޖީބުންނާއި ދަބަހުން ވަގަށް އެއްޗެހި ނަގާނީ،" ރަފާހަތު ބުންޏެވެ.
ފިލްމަށް "ނަމަ" ނަން ދީފައިވަނީ، އޭގައި މައިގަނޑު ރޯލް ކުޅޭ އައިނާއަށް އަންނަ ހިޔާލުތަކަށް އަމާޒުކޮށެވެ. އެގޮތުން މައިންބަފައިންނާއި ސްކޫލުގެ އެހީތެރިކަން ލިބުނުނަމަ ކާމިޔާބު މީހަކަށް ވެ، އެ ހިތްދަތިކަން ތަޖުރިބާ ކުރަން ނުޖެހޭނެ ކަމަށް އޭނާގެ ހިޔާލަށް އާދެ އެވެ.
ހަތަރު ޒުވާނުންގެ ގްރޫޕަކުން ތައްޔާރުކުރި އެ ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނަގާފައިވަނީ މާލޭގަ އެވެ. ފިލްމުގެ އެކި މަންޒަރުތަކުގައި 12-15 މީހުން މަސައްކަތް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy